ވެރިކަމުގައި ދެމިހުރުމަށްޓަކައި އިސްތިއުމާރީ ދައުލަތުގެ މުޖުރިމު ބޮޑުވަޒީރު ނަތަންޔާހޫ ގެންދަނީ އޭނާއަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރަމުންނެވެ.
އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހު އިސްރާއީލުގައި ބޭއްވި އާންމު އިންތިޚާބުން ނަތަންޔާހޫގެ ވެރިކަންކުރާ ކޯލިޝަން ބަލިވެ، އިދިކޮޅު ލީޑަރު ގާޑީ އެއިޒެންކޮޓްގެ ކޯލިޝަނަށް ގިނަ ގޮނޑި ލިބުމުން، އިސްރާއީލުގައި ސަރުކާރެއް އެކުލަވާލަން އިސްރާއީލުގެ ރައީސް އިސާކް ހާރޒޮގް ފުރުސަތު ދީފައިވަނީ އެއިޒެންކޮޓަށެވެ.
ސަރުކާރެއް އެކުލަވާލަން އެއިޒެންކޮޓަށް ފުރުސަތު ލިބުނު ނަމަވެސް، އިސްރާއީލުގެ ވެރިކަމުގައި ވަގުތީގޮތުން އަދިވެސް ހުރީ ނަތަންޔާހޫއެވެ. އެހެންވެ، އޭނާ ގެންދަނީ މަގާމުގެ ނާޖާއިޒް ބޭނުންކޮށްގެން ވެރިކަމުގައި ދެމިހުރުމަށް އޭނާއަށް ކުރެވެންހުރި ހުރިހާކަމެއް ކުރަމުންނެވެ.
އިންތިޚާބުގައި އަރަބި ދަރިކޮޅުގެ 2 ޕާޓީއަށް 17 ގޮނޑި ލިބުނީ ވޯޓު ގަތުމުން ކަމަށާއި، އިންތިޚާބުގެ ނަތީޖާ ބާތިލްކޮށް އަލުން އިންތިޚާބު ބާއްވަންވެސް އޭނާ ގެންދަނީ މަސައްކަތް ކުރަމުންނެވެ. އަރަބި ޕާޓީތަކުން ފައިސާ ދީގެން ވޯޓު ގަތީކަމަށް ނަތަންޔާހޫ ކުރި ތުހުމަތު އިސްރާއީލުގެ އެތެރޭގެ ޖާސޫސީ އިދާރާ ޝިން ބެޓާއި އަދި އިލެކްޝަން ކޮމިޝަނުންވެސް ދޮގުކޮށްފައި ވާއިރު، އިސްރާއީލު ފުލުހުންވެސް ބުނެފައިވަނީ ގަވާއިދާ ޚިލާފް އެއްވެސް ކަމެއް ވޯޓުގެ ތެރޭގައި ހިނގާފައި ނުވާ ކަމަށެވެ.
އިދިކޮޅު ކޯލިޝަނަށް ދެން ބިރުދެއްކީ، އަރަބި ޕާޓީތަކާ ކޯލިޝަން ހެދުމަކީ އިސްރާއީލު ވުޖޫދުގައި އޮތުމާ ދެކޮޅު ކަމެއް ކަމަށާއި، އަރަބި ޕާޓީތަކަކީ ޓެރަރިޒަމަށް ވާގިދޭ، އިސްރާއީލު ނެތިކޮށްލުމުގެ ފިކުރުގެ ޕާޓީތަކެއް ކަމަށެވެ. އެއީ ޓެރަރިސްޓު ފިކުރުގެ ޕާޓީތަކެއް ކަމަށެވެ.
"ޔަހޫދީ" ނޫން މެމްބަރުންތަކެއް ލައިގެން ސަރުކާރެއް އެކުލަވާލާ އިސްރާއީލުގެ ސިޔާސީ "އެންމެން މަރަން" ޔަހޫދީ ފާދިރީއަކުވަނީ ހުކުމްވެސް ނެރެފައެވެ.
އެންމެފަހުން ހަދާނެގޮތެއް ނެތިގެން ނަތަންޔާހޫވަނީ، އިންތިޚާބު ކާމިޔާބުކުރި އިދިކޮޅު ލީޑަރު އެއިޒެންކޮޓާވެސް ބައްދަލުކޮށްފައެވެ. ދެމީހުން މަޝްވަރާކުރީ "އީރާނާ" އަދި އިސްރާއީލުގެ ސަލާމަތާ ގުޅޭގޮތުން ކަމަށް އިސްރާއީލުގެ މީޑިއާއިން ރިޕޯޓްތައް ފަތުރާފައި ވެއެވެ.
އެހެން ނަމަވެސް، އެއިޒެންކޮޓާ ބައްދަލުކޮށް ނަތަންޔާހޫ މަސައްކަތްކުރީ އިސްރާއީލުގައި "ގައުމީ އެއްބައިވަންތަ" ސަރުކާރެއް އުފައްދަން އެއިޒެންކޮޓް އެއްބަސްކުރުވަންކަން މިހާރުވަނީ ހާމަވެފައެވެ. މާނައަކީ، އަރަބި ޕާޓީތައް ނުލައި އިސްރާއީލުގައި ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދައި އޭނާއަށް ވެރިކަމުގައި ދެމިހުރެވޭނޭ ގޮތް ހެދުމެވެ.
އެއިޒެންކޮޓް ގާތު ނަތަންޔާހޫ ތަކުރާރުކޮށް ބުނި ކަމަށްވަނީ، އީރާނުގެ ފަރާތުން އިސްރާއީލަށް އޮތް ނުރައްކާ "ނައްތާލެވޭނީ" އޭނާއަށް ކަމަށާއި، އެކަން ކުރެވޭނީ އޭނާ ބޮޑުވަޒީރުކަމުގައި ދެމިހުރެގެން ކަމަށެވެ. އިސްރާއީލުގެ ސަލާމަތަށްޓަކައިވެސް އެއީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ.


އެއިޒެންކޮޓާ ބައްދަލުކުރިފަހުން ނަތަންޔާހޫވަނީ ވީޑިއޯ މެސެޖެއް ނެރެފައެވެ. އެ ވީޑިއޯގައި އޭނާ މަސައްކަތް ކޮށްފައިވަނީ އިސްރާއީލު އާންމުންގެ ވިސްނުން ބައިބައިކޮށްލުމަށެވެ. އީރާނުގެ ފަރާތުން އޮތް ނުރައްކާ ބޮޑުކަމުން އެކަމާ ކުރިމަތިލުމަށް އަވަސްގޮތެއްގައި އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދަންޖެހޭ ކަމަށާއި، އެކަމަށް ފުރުސަތު ދިނުމަށް ނަތަންޔާހޫ، އެއިޒެންކޮޓަށް ގޮވާލާފައި ވެއެވެ.
އީރާނުން އެގައުމުގެ ނިއުކްލިއަރ ޕްރޮގްރާމް އަލުން ބިނާކުރަމުންދާ ކަމަށާއި، އިސްރާއީލާ ދެކޮޅަށް ނިއުކްލިއަރ ބޮން ބޭނުންކުރަން އީރާނު ފަސްނުޖެހޭނޭ ކަމަށާއި، މިއީ، އީރާނުގެ ފަރާތުން އިސްރާއީލަށް އޮތް ނުރައްކާ "އަބަދަށްޓަކައި ނެތިކޮށްލަންޖެހޭ ވަގުތު" ކަމަށްވެސް ބުނެފައި ވެއެވެ. އީރާނުގެ ނުރައްކާ ނެތިކޮށްލެވުމުން "ސުލްހައިގެ ދައުރު" ވަރަށް ބޮޑަށް ފުޅާވެގެންދާނެ ކަމަށްވެސް މުޖުރިމު ނަތަންޔާހޫ ބުނެފައި ވެއެވެ.
އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުމަށް ތައްޔާރުވުމަށް ނަތަންޔާހޫ އިސްރާއީލު އަސްކަރިއްޔާއަށް އަމުރުކޮށްފައިވާ ކަމަށް މިދިޔަ ހަފްތާގައި ރިޕޯޓްތައް ފެތުރިގެން ގޮސްފައި ވެއެވެ. ނަތަންޔާހޫ މިހާރުވަނީ އިސްރާއީލުގެ ޖާސޫސީ މައި އިދާރާ، މޮސާޑުގެ ވެރިޔާ ރޯމަން ގޮފްމަން އެމެރިކާއަށް ފޮނުވާފައެވެ. ގޮފްމަން އެމެރިކާއަށް ގޮސްއުޅެނީ، އީރާނާ ގުޅޭގޮތުން އިސްރާއީލުން އެއްކޮށްފައިވާ ޖާސޫސީ ނާޒުކު މައުލޫމާތު އެމެރިކާގެ ރައީސާއި، އެމެރިކާ ސަރުކާރުގެ ވެރިންނާ ހިއްސާކޮށް އީރާނަށް އަސްކަރީ ހަމަލާ ދޭންޖެހޭކަން އެމެރިކާގެ ރައީސަށް ވިސްނައިދިނުމަށް ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެމެރިކާގެ ރައީސް ޓްރަމްޕާއި، ނައިބް ރައީސް ޖޭޑީ ވާންސްއާއި، ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ މިފަހުން ބުނެފައިވަނީ، އީރާނާ ދެކޮޅަށް އަސްކަރީ އައު ހަމަލާތަކެއް ފެށުމުގެ ވިސްނުމެއް މިވަގުތު ނެތް ކަމަށެވެ. އޭގެ ބަދަލުގައި އެމީހުން ބޭނުންވަނީ އީރާނަށް އިގްތިސާދީގޮތުން ދަތިކޮށްގެން މައްސަލައަށް ހައްލެއް ހޯދުމަށް ކަމަށެވެ. މިއީ، އިސްރާއީލު އެއްގޮތަކަށްވެސް ބޭނުންވާ ކަމެއް ނޫނެވެ.
އެމެރިކާގެ ރައީސް ބޮލަށް އެރިގެން ނަތަންޔާހޫ އީރާނާ ދެކޮޅަށް ހަނގުރާމަފެށީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ ނުރައްކާ އިސްރާއީލަށް ބޮޑުވަމުންދާ ކަމަށް ބުނެއެވެ. އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ ސައިޓުތަކަށާއި، މިސައިލް ސައިޓްތަކަށާއި، ހަކަތައާ ގުޅުންހުރި ތަންތަނަށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދިނުމަށްފަހު ޓްރަމްޕާއި ނަތަންޔާހޫވެސް ތަކުރާރުކޮށް ބުނަމުން ގެންދިޔައީ އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމް ނެތިކޮށްލެވިއްޖެ ކަމަށާއި، އެތަކެއް އަހަރުފަހުންނޫނީ ދެން އީރާނަށް ހިންދެމިނުލެވޭނޭ ކަމަށެވެ. ނިއުކްލިއަރ ޕްރޮގްރާމް ބިނާކުރަން އެތައް އަހަރެއް ނަގާނޭ ކަމަށެވެ.
ނަމަވެސް، މިހާރު ކުއްލިއަކަށް އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމްގެ ވާހަކަ ފެންމަތިވެއްޖެއެވެ. ނަތަންޔާހޫ އެވާހަކަ ތަކުރާރުކޮށް ދައްކަން ފަށައިފިއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވެސް އެވާހަކަ ދައްކަން ފަށައިފިއެވެ. އީރާނުން ނިއުކްލިއަރ ޕްރޮގްރާމް އަލުން ބިނާކުރަމުންދާ ކަމަށާއި، ނިއުކްލިއަރ ބޮން ހަދަން އުޅޭ ކަމަށްވެސް ނަތަންޔާހޫ ބުނަން ފަށައިފިއެވެ. އީރާނުގެ ޕިކްއެކްސް ފަރުބަދަ ގޮއްވާލަންޖެހޭ ކަމަށާއި، ޔޫރޭނިއަން ހުރީ އެތާނގެ އަޑީގައި ކަމަށާއި، ނިއުކްލިއަރ ބޮންހަދަން ތައްޔާރުވާ ކަމުގެ ވާހަކަވެސް ދައްކަން ފަށައިފިއެވެ.
ނަތަންޔާހޫ އެންމެފަހުން ބިރުދައްކަން މިފެށީ އޭނާއަށްފަހު އިސްރާއީލުގެ ވެރިކަމާ ހަވާލުވާން އުޅޭ އެއިޒެންކޮޓަށެވެ. އެއިޒެންކޮޓަށް ނަތަންޔާހޫ ވިސްނައިދޭން އުޅެނީ އީރާނުން އުޅެނީ އިސްރާއީލަށް ނިއުކްލިއަރ ބޮން އަޅަން ކަމަށާއި، އެހެންވެ، އީރާނުގެ "ދުވަސް ދުއްވާލަން" ވެރިކަމުގައި އޭނާ ކޮންމެހެންވެސް ހުންނަންޖެހޭ ކަމަށެވެ.
ނަތަންޔާހޫ އިސްރާއީލު މީހުންނަށް ވިސްނައިދޭން މަސައްކަތް ކުރަނީ، އޭނާ ވެރިކަމުގައި ހުރެގެން "އީރާނުގެ ދުވަސް ދުއްވާނުލެވިއްޖެނަމަ" ދެން ދުވަހަކުވެސް އެކަން ނުވާނޭ ކަމަށެވެ. އެހެން ކިޔައިގެން އުޅެނީ ވެރިކަމުގައި އަދިވެސް ދިގު މުއްދަތަކަށް ދެމިހުރުމަށެވެ. އެކަމަކު، މިއީ އީރާނުގެ ފަރާތުން ނުރައްކަލެއް އަތުވެދާނެތީ ނޫން ކަމަށާއި، މިއީ ޝަރީއަތަށް ފިލަންވެގެން ޖަހާ މަޅިއެއްކަން އިދިކޮޅު ލީޑަރުންނަށްވެސް އެނގެއެވެ.

އިޝްތިހާރު އިޝްތިހާރު