އީރާނާ މިހާރު އެއްވެސް މަޝްވަރާއެއް ނުކުރާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.
އެމެރިކާގެ ރައީސް މިހެން ބުނެފައިވަނީ، ސައުތު ކެރޮލައިނާގައި ބޭއްވި ކެމްޕެއިން އެއްވުމަކަށްފަހު ޖޮއިންޓް ބޭސް އެންޑްރޫޒްގައި ހުރެ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެމުންނެވެ.
އީރާނުގެ މައްސަލާގައި ނަތީޖާއަކަށް ލަފާކުރަމުން އެމެރިކާގެ ރައީސް ބުނީ، ދެގޮތުން ކުރެ ކޮންމެވެސް އެއްގޮތަކަށް ވަރަށް އަވަހަށް ގޮތެއް ނިންމިގެންދާނޭ ކަމަށެވެ.
ޓްރަމްޕްގެ ވާހަކައިގައި އޭނާވަނީ، އީރާނާ ދެކޮޅަށް އެމެރިކާއަށް އަސްކަރީގޮތުންނާއި އަދި މާލީގޮތުން ކާމިޔާބު ހޯދަމުންދާ ކަމަށް ބުނެފައެވެ. އަދި އީރާނަށް ދުވަހަކުވެސް ނިއުކްލިއަރ ހަތިޔާރެއް ނުލިބޭނެ ކަމަށްވެސް ވައުދު ތަކުރާރު ކޮށްފައި ވެއެވެ.
އެމެރިކާގެ ރައީސް އީރާނާ ގުޅޭގޮތުން މި މޭރުމުން ވާހަކަ ދައްކާފައި މިވަނީ، އެމެރިކާގެ މިޑްޓާމް އިންތިޚާބަށްފަހު އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ރާވާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ފެތުރިފައި ވަނިކޮށެވެ.
ރިޕޯޓްތައް ބުނާގޮތުގައި އެމެރިކާއާއި އިސްރާއީލުން ރާވާފައިވަނީ އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށާއި، ހަކަތައިގެ އިންފްރާސްޓްރަކްޗަރ އަދި މިސައިލް ސައިޓްތަކަށެވެ.
އެމެރިކާގެ ނިއުޔޯކް ޓައިމްސްއިން ބުނެފައިވަނީ، އެމެރިކާއާއި އިސްރާއީލުން ރާވާފައިވަނީ އީރާނުގެ ހަކަތައާއި ނިއުކްލިއަރ އަދި މިސައިލް ސައިޓްތަކަށް ކުރު އަދި ގެއްލުންބޮޑު ވަރުގަދަ ހަމަލާތަކެއް ދިނުމަށް ކަމަށެވެ.
އެމެރިކާއާއި އިސްރާއީލުން ހަމަލާދޭން އުޅޭ ކަމަށް ގަބޫލު ކުރެވިގެން އީރާނުގެ ލަޝްކަރުތައްވެސް މިހާރު ތައްޔާރީ ހާލަތަށް އައިސްފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.
އެނަލިސްޓުން ބުނަނީ، އެމެރިކާއާއި އިސްރާއީލުން އީރާނަށް އަސްކަރީ ހަމަލާ ދީފިނަމަ ސަރަހައްދު އިތުރު ނުރައްކަލެއްގެ ތެރެއަށް ވެއްޓިގެންދާނޭ ކަމަށެވެ. ހަމަ އެއާއެކު ދުނިޔޭގެ ހަކަތަގެ އަގުތައް އިންތިހާއަށް ބޮޑުވެގެންދާނޭ ކަމަށްވެސް އިންޒާރު ކޮށްފައި ވެއެވެ.
އެމެރިކާއާއި އިސްރާއީލުން އީރާނަށް ހަމަލާދޭން އުޅޭކަމަށް ރިޕޯޓްތައް ފެތުރިގެން ދިއުމާއެކުވެސް ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތަކަށް ވަނީ ލޮޅުން އަރާފައެވެ.

އިޝްތިހާރު އިޝްތިހާރު