ނޮވެމްބަރު 3 ގައި ބާއްވާ އެމެރިކާގެ މިޑްޓާމް އިންތިޚާބުގެ ފަހުން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދިނުމަށް ތައްޔާރުވަމުންދާތީ އެކަން އެމެރިކާ ސަރުކާރުން ގަލްފްގެ ގައުމުތަކަށް އަންގައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެމެރިކާ ސަރުކާރުގެ އެތެރޭގެ އިތުބާރު ކުރެވޭ މަސްދަރުތަކާ ހަވާލާދީ މީޑިއާއިންނެވެ.
އެމެރިކާއިން ރާވާފައިވަނީ އީރާނަށް ކުރު އަދި ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދިނުމަށް ކަމަށްވެސް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.
ގަލްފްގެ ގައުމުތަކަށް މިކަން އަންގާފައިވަނީ ޑިޕްލޮމެޓިކް އަދި އަސްކަރީ ޗެނަލްތައް މެދުވެރިކޮށް ކަމަށާއި، މިއީ، އީރާނާ ދެކޮޅަށް އަސްކަރީ އުދުވާނުތައް ހިންގުމަށް އެމެރިކާއާއި އިސްރާއީލު ތައްޔާރުވަމުންދާ ކަމުގެ ނިޝާންތަކަށް އިތުރުވި ބޮޅެއް ކަމަށް މީޑިއާއިން ރިޕޯޓް ކޮށްފައި ވެއެވެ.
އެމެރިކާއާއި އިސްރާއީލުން މަސައްކަތް ކުރަނީ އީރާނަށް ވަރުގަދަ އަސްކަރީ ހަމަލާތަކެއް ދިނުމަށްފަހު އީރާނު ބަލިކަށިކޮށް އަދި މަޝްވަރާގެ މޭޒުދޮށަށް އައުމަށް މަޖުބޫރުކުރަން ކަމަށްވެސް ބުނެފައި ވެއެވެ.
މިޑްޓާމް އިންތިޚާބަށްފަހު އީރާނަށް ހަމަލާދޭނޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ތަކުރާރުކޮށް އިންޒާރު ދެމުން ގޮސްފައި ވެއެވެ. އިސްތިއުމާރީ ދައުލަތުގެ ބޮޑުވަޒީރު މުޖުރިމު ނަތަންޔާހޫ ބޭނުންވީ އިއްޔެ ބޭއްވި އިސްރާއީލު އާންމު އިންތިޚާބުގެކުރިން އީރާނަށް ހަމަލާ ދިނުމަށެވެ.
އިންތިޚާބުތައް ނިމުމާއެކު، އެމެރިކާއާއި އިސްރާއީލުން ރާވާފައިވަނީ 3 ދުވަސްވަންދެން ހުއްޓާނުލާ އީރާނަށް ބޮންއަޅައި، މިސައިލާއި އެނޫންވެސް ހަތިޔާރުން ހަމަލާ ދިނުމަށް ކަމަށް މިދިޔަ ހަފްތާއިން ފެށިގެން ރިޕޯޓްތައް ފެތުރޭން ފަށާފައި ވެއެވެ.
އެމެރިކާއާއި އިސްރާއީލުން ރާވާފައިވަނީ އީރާނުގެ ނިއުކްލިއަރ ސައިޓްތަކަށާއި، ބެލިސްޓިކް މިސައިލް ޕްރޮގްރާމްގެ ސައިޓްތަކާއި، ޑްރޯން ސައިޓްތަކުގެ އިތުރުން، އީރާނުގެ ހަކަތައިގެ ސިނާއަތާ ގުޅުންހުރި ހުރިހާ ތަންތަނަކަށާއި، އިންފްރާސްޓްރަކްޗަރއަށް ހަމަލާދީ ބިމާހަމަ ކޮށްލުމަށް ކަމަށް ރިޕޯޓްތަކުގައި ބުނެފައި ވެއެވެ.
އެކަމަށްޓަކައި އެމެރިކާ ސިފައިން ދަނީ "ހުރިހާ ބޮންތަކެއްގެ މަންމަ" ބޮމާއި، ބަންކަރ ބަސްޓަރ ބޮމާއި، ޕެޓްރީއެޓް މިސައިލް ޑިފެންސް ސިސްޓަމްތަކާއި، ބޮންއަޅާ އެންމެ ބޮޑެތި މަތިންދާ ބޯޓުތަކާއި، ފައިޓަރ ޖެޓުތައް ސަރަހައްދަށް ޖަމާކުރަމުންނެވެ. އެންމެ ގިނަ ހަތިޔާރު ޖަމާކޮށްފައިވަނީ އިސްރާއީލަށެވެ.
އެމެރިކާ އަސްކަރިއްޔާގެ އިތުރު ސްޓްރައިކް ގްރޫޕެއް، ސިފައިންގެ ފައުޖަކާއެކު ސަރަހައްދަށް ދަތުރުކުރަމުން ދާއިރު، އީރާނަށް ހަމަލާދޭން ތައްޔާރީ ހާލަތުގައި މިހާރުވެސް ދެ ސްޓްރައިކް ގްރޫޕް އެބައޮތެވެ. ހަމަލާދޭ 20 މަނަވަރު އޭގައި ހިމެނެއެވެ.
އަދި އީރާނުގެ ރައްދު ހަމަލާތައް ފަސޭހައިން އަމާޒުވާ ހިސާބުތަކުގައި ތިބި އެމެރިކާ ސިފައިންވެސް މިހާރުވަނީ ދުރަށް ގެންގޮސްފައެވެ.
އީރާނަށް އަސްކަރީ ވަރުގަދަ ހަމަލާތަކެއް ދޭން ތައްޔާރުވަމުންދާކަން އެމެރިކާއިން ގަލްފްގެ ގައުމުތަކަށް އަންގައިފި
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.