ދައުލަތުން މިހާތަނަށް ހަވާލުކޮށްފައި ހުރި ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރެއިން 70 އިންސައްތަ މަޝްރޫޢު އަންނަ އަހަރުގެ ތެރޭގައި އެއްކޮށް ނިންމާލުމަކީ އަންނަ އަހަރުގެ ބަޖެޓުގެ މައިގަނޑު އަމާޒުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ރައްޔިތުންނާ ޙިއްޞާކުރެއްވުމަށް ކުރިއަށްގެންދާ "ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އަންނަ އަހަރަށް ލަފާކުރާ ބަޖެޓާ ގުޅޭ މުހިންމު ތަފްޞީލުތަކެއް ހާމަކުރައްވާފައެވެ.

އެގޮތުން ރައީސް ވިދާޅުވީ، ވެރިކަމުގެ ވޭތުވެދިޔަ ތިން އަހަރު އެމަނިކުފާނު އެންމެ ބޮޑު އިސްކަމެއް ދެއްވީ ރާއްޖޭގެ ދަރަނި ކުޑަކުރުމަށާއި، ކްރެޑިޓް ރޭޓިންގ މަތިކޮށް، ކުރިއަށް އޮތް ތަނުގައި އެއްވެސް މަޝްރޫޢެއް ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނެ މަގު ތަނަވަސްކުރުމަށް ކަމަށެވެ. އަދި އެކަމަށްޓަކައި ޒިންމާދާރު އަދި ބިނާކުރަނިވި ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ އަންނަ އަހަރުގެ ބަޖެޓުގައި، އައު މަޝްރޫޢުތައް ފެށުމުގެ ބަދަލުގައި އެންމެ ބޮޑު ސަމާލުކަމެއް ދެއްވާނީ މިހާރު ފެށިފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

މި ދެންނެވީ މިސާލަކަށް 100 މަޝްރޫޢޭ ހަވާލުކޮށްފައި އޮތީ، އެހެންވެއްޖެއްޔާ 70 މަޝްރޫޢު ނިންމާފައި ހަވާލުކުރާނަމޭ ރައްޔިތުންނާ. އެއީ، އަންނަ އަހަރުގެ ޓާގެޓަކީ،

ރައީސް މުޢިއްޒު ވިދާޅުވިއެވެ.

ނަމަވެސް، ވެވަޑައިގެންފައިވާ ބައެއް ވަޢުދުތައް ފުއްދެވުމުގެ ގޮތުން މަދު މަޝްރޫޢުތަކެއް ހަވާލުކުރަންޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން، ސަރުކާރުން ގެންގުޅޭ ޚަރަދު ކުޑަކުރުމުގެ ސިޔާސަތުތަކާއި، ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކާއި، މެކްރޯ އިކޮނޮމިކް އިންޑިކޭޓަރުތައް ރަނގަޅުކޮށް ފިސްކަލް ޒިންމާދާރުކަން އިތުރުކުރުމަށް ކުރެވޭ ކަންކަން މި ބަޖެޓުން ފެނިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރަކީ ތަރައްޤީއާއި ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމުގައި ޒިންމާދާރު ސަރުކާރެއްކަން މި ބަޖެޓުން ސާބިތުވާނެ ކަމަށެވެ. އަދި ސަރުކާރުގެ އިޤްތިޞާދީ އިޞްލާޙީ ފިޔަވަޅުތައް ބޭރުގެ މާލީ އިދާރާތަކުން ބަލައިގަންނަމުންދާ ކަމަށާއި، އޭގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ރާއްޖެއަށް އިންވެސްޓަރުންގެ އިތުބާރު ބޮޑުވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.