މި ސަރުކާރުގެ ވޭތުވެދިޔަ ތިން އަހަރަކީ ރާއްޖޭގެ ދަރަނި ކުޑަކޮށް، ޤައުމުގެ ކްރެޑިޓް ރޭޓިންގ މަތިކުރުމުގައި ކާމިޔާބު ތިން އަހަރު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ"ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެމަނިކުފާނު ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އޮތީ ބަނގުރޫޓުވެ، ޑިފޯލްޓްވުމުގެ ތުންފަތްމަތީގައި ކަމަށެވެ. އަދި އެ ދަނޑިވަޅުގައި ކަންކަން ރަނގަޅަށް މެނޭޖު ނުކުރެވުނު ނަމަ، ދެތިން މަސްދުވަހުގެ ތެރޭގައި ޤައުމު ޑިފޯލްޓް ވެގެންދިޔައީސް ކަމަށާއި، ރައްޔިތުންގެ ބޮލުގައި ބޮޑު ދަރަންޏެއް އަޅުވައި ސްކޫކެއް ދައްކަން ޖެހިފައި އޮތް ކަމަށް ވެސް ފާހަގަކުރެއްވިއެވެ. އެހެންކަމުން ސަރުކާރުގެ އެންމެ ފުރަތަމަ އަމާޒަކަށްވީ ޤައުމު ބަނގުރޫޓުވިޔަނުދީ ސަލާމަތްކުރުން ކަމަށް ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

ރައީސް ވިދާޅުވީ މި އަހަރު ފެށުނުއިރު ގްރޮސް ރިޒާވާއި ޔޫސަބަލް ރިޒާވް ރެކޯޑް މިންވަރަކަށް ބިނާކުރެވުނު ކަމަށާއި، އޭގެ ސަބަބުން ރައްޔިތުންގެ ބޮލުގައި އެޅިފައި ހުރި ވަރަށް ގިނަ ދަރަނިތަކުން ސަލާމަތްކޮށްދެވުނު ކަމަށެވެ. ނަމަވެސް އެއާއެކު މެދުއިރުމަތީގެ ހަނގުރާމަ ފެށިގެން ދިޔުމަކީ އެއްވެސް ބަޔަކު ކުރިން އަންދާޒާކޮށްފައި ނުވާ، އަދި ރާއްޖެ ފަދަ އެ ސަރަޙައްދުގެ މަގުން ފަތުރުވެރިން އަންނަ ޤައުމަކަށް އޭގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރި ކަމެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ދެ ފަހަރެއްގެ މަތިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ މަތިވެފައިވާ ކަމަށާއި، މިއާއެކު ރާއްޖެއަށް އިންވެސްޓަރުން އައުމަށް އޮތް އިތުބާރު ބޮޑުވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިދިޔަ ތިން އަހަރުގެ ތެރޭގައި ދަރަނި ކުޑަކުރެވި، ކްރެޑިޓް ރޭޓިންގ ރަނގަޅު ކުރެވިފައިވާތީ، ކުރިއަށް އޮތް ދުވަސްތަކުގައި ތަރައްޤީގެ މަޝްރޫޢުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދެވޭނެ މަގު ފަހިވެގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ބޭރު ފައިސާ މެނޭޖުކުރުމުގައްޔާއި، ރާއްޖޭން ބޭރަށް ބޭސްފަރުވާއަށާއި އެހެނިހެން ބޭނުންތަކަށް ދާ ފަރާތްތަކަށް ޚަރަދުކުރުމުގައި މިހާރު ގިނަ ލުއިތަކެއް ހަމަޖައްސައިދެވިފައިވާ ކަމަށެވެ. އަދި ޚަރަދު ކުޑަކޮށް ބަޖެޓު މެނޭޖުކުރުމަށްޓަކައި އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުގައި ވަރަށް މުހިންމު، ބިނާކުރަނިވި އަދި ޒިންމާދާރު ފިޔަވަޅުތަކެއް ހިމަނާފައިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.