ބައިނަލްއަގުވާމީ ބާޒާރުގައި މުދަލާއި ޚިދުމަތް ވިއްކާ ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ގޭޓްވޭ މެދުވެރިކޮށް ޔޫއެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު އަންނަ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ހަމަޖެހިގެންދާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.

މި އިންތިޒާމަކީ ދިވެހި އުފެއްދުންތެރިންނާއި ކުދި ވިޔަފާރިތަކަށް ބޭރު ގައުމުތަކުން ލިބޭ އާމްދަނީ ސީދާ ޑޮލަރުން ބަލައިގަތުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދާ އިގުތިސާދީ އިސްނެގުމެކެވެ. މި ބަދަލާއެކު ވިޔަފާރިތަކުން ބޭނުންކުރާ ތަފާތު ސަބްސްކްރިޕްޝަންތަކާއި ޚިދުމަތްތަކަށް ފަސޭހަކަމާއެކު ފައިސާ ދެއްކޭނެ މަގުވެސް ފަހިވެގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ދުނިޔޭގެ ކޮންމެ ތަނަކުންވެސް ދިވެހި ކުދި ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ލިބޭނެ އިންތިޒާމު ހަމަޖެހިގެން ދިޔުމަކީ އެ ވިޔަފާރިތަކުގެ ކުރިއެރުމަށް ލިބޭނެ ވަރަށް ބޮޑު ބާރެކެވެ. ބައިނަލްއަގުވާމީ ބާޒާރުގައި މުދަލާއި ޚިދުމަތް ވިއްކާ ދިވެހި އުފެއްދުންތެރިންނަށް ކޮންމެ ގައުމަކުންވެސް ބީއެމްއެލް ގޭޓްވޭ މެދުވެރިކޮށް ޔޫއެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ ގޮތް ނޮވެމްބަރު 1 އިން ފެށިގެން ހަމަޖެހޭނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިޝްތިހާރު އިޝްތިހާރު

އެމަނިކުފާނު އިތުރަށް ވިދާޅުވީ ޑޮލަރުން ލިބޭ މި ފައިސާ އެއްވެސް ދަތިކަމެއް ނެތި ކާޑު ބޭނުންކޮށްގެންނާއި ރެމިޓެންސްގެ ޒަރިއްޔާއިން ރާއްޖެއިން ބޭރުން މުދަލާއި ޚިދުމަތް ހޯދުމަށް ބޭނުންކުރެވޭނެ ކަމަށެވެ. މީގެއިތުރުން ވިޔަފާރިތަކުން ބޭނުންކުރާ ތަފާތު ޚިދުމަތްތަކަށް ބޭނުންވާ ސަބްސްކްރިޕްޝަން ފަދަ ޕޭމަންޓްތައްވެސް އެ ތާރީޚުން ފެށިގެން ދަތިކަމެއް ނެތި ދެއްކޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ލުއިތަކުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ސެކްޓަރުގައި މަސައްކަތްކުރާ ފަރާތްތަކަށް ކުރިމަތިވެފައިވާ ހުރަސްތައް ނެތިގޮސް، ވިޔަފާރިތަކުގެ އާމްދަނީއާއި ފައިދާ އިތުރުވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.