އިސްތިއުމާރީ ދައުލަތުގެ ބޮޑު މުޖުރިމު ނަތަންޔާހޫގެ އަމުރަށް އިސްތިއުމާރީ އަސްކަރިއްޔާގެ ޓެރަރިސްޓު ސިފައިން މުޅި ހުޅަނގު އައްސޭރި ބަންދުކޮށް، ލާއިންސާނީ ބޮޑެތި ޖަރީމާތައް ހިންގަމުން އެބަ ގެންދެއެވެ.
މުޅި ހުޅަނގު އައްސޭރި ލޮކްޑައުން ކުރުމަށްފަހު އެންމެ ބޮޑެތި ޖަރީމާތައް ހިންގަމުން ގެންދަނީ، ހަބްރޫން ސިޓީގައެވެ. އިސްތިއުމާރީ ޓެރަރިސްޓުން ގެންދަނީ ހަބްރޫން ސިޓީގެ ހުރިހާ ގެއެއް ރެއިޑްކުރަމުންނެވެ.
ހުކުރު ދުވަހުން ފެށިގެން މިހާތަނަށް ހަބްރޫންގެ އަލް ޖަލްދާ އަވަށާއި، އައިން ދީރް ބާހް އަވަށުން ކުޑަކުދިންނާއި، އަންހެނުންނާއި، އުމުރުން ދުވަސްވީ މީހުން ހިމެނޭގޮތުން 2،200 މީހުން ގެދޮރުން ބޭރުކޮށް އަދި ރަށުންވެސް ބޭރުކޮށްލާފައި ވާއިރު، އިތުރު 2،500 މީހުން ގެދޮރު ދޫކޮށް ދިއުމަށް ވަނީ އަމުރު ކޮށްފައެވެ.
ހަބްރޫންގެ މޭޔަރ ޔޫސުފް ޖައްބާރީ ވިދާޅުވީ، މުޅި ސިޓީ ވަށައިގެން ބަންދުކޮށްފައިވާ ކަމަށާއި، އިސްރާއީލުގެ އިންތިޚާބުގެ ފައިދާއަށް ނަތަންޔާހޫ ބޭނުންވަނީ ހަބްރޫނުން އެންމެން ބޭރުކޮށްލުމަށް ކަމަށެވެ. ހަބްރޫން ސިޓީއަކީ 8 ލައްކައެއްހާ މީހުން ދިރިއުޅޭ ސިޓީއެކެވެ.
ޚިޔާލު ހޯދުންތަކުން ދައްކަނީ ނަތަންޔާހޫއަށް އޮތް ތާއީދު ބޮޑުތަނުން ދަށް ކަމަށެވެ. އެކަމާހެދި ފުރުސަތުގެ ބޭނުންކޮށްގެން ހުޅަނގު އައްސޭރިއާއި، ޚާއްސަކޮށް ހަބްރޫންގައި ހިންގާ ޖަރީމާތައް ވަރަށް ބޮޑަށް ފުޅާކޮށްފައި ވެއެވެ.
ހަބްރޫންގައި އުދުވާނުތައް ފުޅާކޮށްފައިވަނީ، ހަބްރޫން ކައިރީގައި ޓެރަރިސްޓުން ޖަހާފައިވާ ވަގުތީ ޗެކް ޕޯސްޓަކަށް ފަލަސްތީނު ދެ ޒުވާނަކު ހުކުރު ދުވަހު ބަޑިޖަހައި އިސްތިއުމާރީ ޓެރަރިސްޓު ސިފައިންގެ ދެމީހުން މަރާލުމާ ގުޅިގެންނެވެ. މި ހަމަލާގައި އިތުރު ތިން ޓެރަރިސްޓުން ޒަޚަމްވިއެވެ.
ޗެކް ޕޯސްޓަށް ހަމަލާދިން ފަލަސްތީނު ދެ ޒުވާނުންގެ ގަޔަށް އެވަގުތު ބަޑިޖަހައިވަނީ ޝަހީދުކޮށްލާފައެވެ.
ހަބްރޫންގެ މޭޔަރ ޔޫސުފް އަލް ޖައްބާރު ވިދާޅުވީ، ނަތަންޔާހޫ ނިންމީ އެކަމުގެ އަދަބު ހަބްރޫން ސިޓީގެ ހުރިހާ އެންމެނަށް ދިނުމަށް ކަމަށެވެ. އިސްތިއުމާރީ ޓެރަރިސްޓުންވަނީ މުޅި ސިޓީ ވަށައިގެން ހިސާރުކޮށްފައެވެ.
ހަބްރޫން ސިޓީގެ އިތުރުން، ހުޅަނގު އައްސޭރީގެ އެކި ރަށްތައްވެސް ޓެރަރިސްޓުން ރެއިޑްކުރަމުން އެބަ ގެންދެއެވެ. އެގޮތުން، ހުޅަނގު އައްސޭރީގެ އުތުރުން ޖެނީން ސިޓީއާއި، ނާބުލުސް، ވެރިރަށް ރާމަﷲއާއި، އެހެން ދެ ސިޓީއަކާއި، މެދުތެރެއިން ހިފާފައިވާ ގުދުސްއާއި، ދެކުނުން ބައިތު ލަހުމްގައިވެސް ބޮޑެތި އުދުވާނުތަކެއް ހިންގަމުން އެބަ ގެންދެއެވެ.
ރަށްތައް ރެއިޑްކޮށް މިހާތަނަށް 70 އަށްވުރެ ގިނަ މީހުން އަނިޔާވެރި ގޮތެއްގައި ހިފައި ހައްޔަރުކޮށްގެން ގެންގޮސްފައިވާ ކަމަށާއި، އާންމުންގެ ގެތަކާއި، ފިހާރަތައް ތަޅައި، ވެހިކަލްތަކާއި އެނޫންވެސް މުދާތައް ހަލާކުކޮށް ސުންނާފަތި ކުރަމުންދާ ކަމަށް، ފަލަސްތީނުން ލިބެމުންދާ ޚަބަރުތައް ބުނެއެވެ.
މިކަމާހެދި، އިސްތިއުމާރީ ސިފައިން ހުއްޓުވަން އަވަސް ފިޔަވަޅުތަކެއް އަޅައިދިނުމަށް ފަލަސްތީނު ސަރުކާރުންވަނީ ބައިނަލްއަގްވާމީ މުޖުތަމައަށް ގޮވާލާފައެވެ. ހަމައެކަނި ކުށްވެރި ކުރުމަކުން ނުފުދޭ ކަމަށްވެސް ބުނެފައި ވެއެވެ.
ޣައްޒާއަށް ހެދިގެން ހުޅަނގު އައްސޭރިއަށް ހެދުމަށް އިސްރާއީލުގެ އެތެރެއިން ގޮވާލުންތައް އިތުރުވެފައިވާތީ، މިކަމުގެ ނަތީޖާ ވަރަށް ގޯސްވެގެން ހިނގައިދާނޭ ކަމުގެ އިންޒާރުވެސް ފަލަސްތީނު ޚާރިޖިއްޔާއިން ނެރުނު ބަޔާނުގައި ދީފައި ވެއެވެ.

އިޝްތިހާރު އިޝްތިހާރު