ހދ. ކުމުންދޫ ސިއްހީ މަރުކަޒުގެ އާ އިމާރާތް ގާއިމުކުރުމުގެ މަޝްރޫއުގެ ތެރެއިން، އިމާރާތުގެ ޓައިބީމް ކޮންކްރީޓް ކުރުމުގެ މަސައްކަތްތައް ސައިޓުގައި ކުރިއަށްއެބަދެއެވެ.

މި މަޝްރޫއުގެ ދަށުން 7،800 އަކަފޫޓުގެ ސަރަހައްދެއްގައި ދެ ފަންގިފިލާގެ އާ އިމާރާތެއް ގާއިމުކުރާނެއެވެ. މީގެ ތެރޭގައި ބިންގަނޑު ކޮނުމާއި، މޭޝަނަރީ އަދި ކޮންކްރީޓް މަސައްކަތްތަކުގެ އިތުރުން ޓައިލް ޖެހުމާއި ދޮރާއި ކުޑަދޮރު ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި އިމާރާތުގައި ދަވާދު ލުމާއި ދަގަނޑުގެ އެކި މަސައްކަތްތައް ކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން، މި އިމާރާތުގެ ހައިޑްރޯލިކްސް އަދި ޑްރެއިނޭޖް ނިޒާމު ގާއިމުކުރުމާއި، ކަރަންޓު ވަޔަރުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. އަދި މެޑިކަލް ގޭސް ސިސްޓަމާއި، އެއާ ކޮންޑިޝަން ސިސްޓަމްގެ އިތުރުން އަލިފާން ނިއްވާ ސިސްޓަމް ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.

އިޝްތިހާރު އިޝްތިހާރު

މި މަސައްކަތް 360 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. މި މަޝްރޫއުގެ ޖުމްލަ އަގަކީ 27.26 މިލިއަން ރުފިޔާއެވެ.