އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ (އދ.) އަކީ އިތުބާރުކުރެވޭ، ޒިންމާދާރު އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިޙްތިރާމްކުރުމުގެ މަތީގައި ސާބިތުވެ އޮންނަ މުއައްސަސާއަކަށް ވާންޖެހޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ފާހަގަކުރަމުންދާ އދ.ގެ 81 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި އދ.ގެ އިތުބާރު ބިނާވެފައިވަނީ އެއްޤައުމު އަނެއްޤައުމަށް ކުރާ އިތުބާރާއި ޒިންމާދާރުކަމުގެ މައްޗަށް ކަމަށް ވިދާޅުވިއެވެ. އެކަން ޙާޞިލުކުރެވޭނީ ބައިނަލްއަޤްވާމީ ޤާނޫނުތަކަށް އިޙްތިރާމްކޮށް، މުޢާހަދާތައް ތަންފީޒުކޮށްގެން ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ޖިއޯޕޮލިޓިކަލް ނުތަނަވަސްކަން އިތުރުވުމާއި، ޤާނޫނުތައް ތަންފީޛުކުރުމުގައި ހަމަހަމަކަން ނެތުމަކީ އެ އިތުބާރު ގެއްލޭ ސަބަބުތަކެއް ކަމަށް ވިދާޅުވިއެވެ.
މިފަދަ ބައިބައިވުންތަކުގެ ސަބަބުން ފަލަސްޠީނު ފަދަ ޤައުމުތަކުގެ އިންސާނިއްޔަތަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތައް ލިބެމުންދާކަން ރައީސް ފާހަގަކުރެއްވިއެވެ. ތަރައްޤީވަމުންއަންނަ ކުދި ޖަޒީރާ ޤައުމުތަކަށް މާލީ އެހީއާއި ޓެކްނޮލޮޖީ ނުލިބުމާއި، ދެމެހެއްޓެނިވި ނޫން ދަރަނި ހުރުމަކީ ކުރިއެރުމަށް ހުރި ހުރަސްތަކެއް ކަމަށްވެސް ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ މުސްތަޤްބަލު ކަނޑައެޅުމުގެ މިނިވަންކަމާއި ވަސީލަތްތައް ފަހިވެފައި އޮތުމަކީ 2040 ވަނަ އަހަރުގެ ނިޔަލަށް ތަރައްޤީވެފައިވާ ޤައުމަކަށް ވުމަށް ލިބޭނެ ބާރެކެވެ. ރައްޔިތުންގެ ކުރިއެރުމަށް ވުނަކުރުމަށާއި، އިޤްތިޞާދު ވަރުގަދަކުރުމަށް، އަދި ބޭރުން ކުރިމަތިވާ ގޮންޖެހުންތަކާ ދެކޮޅަށް ވިލުންތެރިކަމާއެކު މަސައްކަތްކުރުމުގެ ބޭނުންތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އދ. އަކީ ހުރިހާ ދައުލަތްތަކެއްގެ ޙައްޤުތަކަށް އިޙްތިރާމްކުރާ އަދި ހުރިހާ ޤައުމެއްގެ އަޑުއަހާ ޖަމާޢަތެއްގެ ގޮތުގައި ދެމިއޮތުން މުހިންމެވެ. އެއްވެސް ޤައުމެއްގެ މުސްތަޤްބަލު، އެހެން ޤައުމެއްގެ ނުފޫޒުން ކަނޑަނޭޅޭނެ ގޮތަކަށް މަގުފަހިކޮށްދިނުމުގެ މުހިންމުކަން ރައީސްގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.
ޞުލްޙަ މަސަލަސްކަމަށް އިޙްތިރާމްކުރުމަށާއި، ޢަދުލުއިންޞާފު ޤާއިމުކުރުމަށް، ބައިނަލްއަޤްވާމީ މުޖުތަމަޢާ ގުޅިގެން މަސައްކަތްކުރުމުގައި ދިވެހިރާއްޖެ ސާބިތުކަމާއެކު ދެމިއޮންނާނެއެވެ. ކޮންމެ ދައުލަތަކަށްވެސް އަމިއްލަ މުސްތަޤްބަލު ބައްޓަންކުރުމުގެ މިނިވަންކަން ކަށަވަރުކުރުމަށް ރާއްޖެއިން މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.