އިސްލާމީ އުއްމަތުގެ ދެ ގައުމުގެ ގޮތުގައި އޮތް ރާއްޖެ އާއި ޕާކިސްތާނުން ދުނިޔޭގެ އިސްލާމީ އިގްތިސާދުގެ ފުރުސަތުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި މިއަދު ބޭއްވި "މޯލްޑިވްސް-ޕާކިސްތާން ބިޒްނަސް ފޯރަމް" ގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ބިނާވެފައިވަނީ ދީނީ އަދި އަޚުވަންތަކަމުގެ ވަރުގަދަ ބިންގަލެއްގެ މައްޗަށް ކަމަށެވެ. އަދި ބައިނަލްއަގުވާމީ ފެންވަރުގައި އިސްލާމީ ޝަރީއާ ހުއްދަކުރާ މާލީ ހިދުމަތްތަކާއި ހަލާލް އުފެއްދުންތަކާއި ހަލާލް ފަތުރުވެރިކަމަށް އޮތް ޑިމާންޑް ދުވަހެއް ދުވަހަކަށް ބޮޑުވަމުން އަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ޝެހްބާޒް ޝަރީފާއި ދެ ގައުމުގެ ސަރުކާރުގެ އިސް ވެރިންނާއި ވިޔަފާރިވެރިން އަދި އިންވެސްޓަރުން ބައިވެރިވެވަޑައިގެންނެވި މި ފޯރަމްގައި އެމަނިކުފާނު ވިދާޅުވި ގޮތުގައި ދެ ގައުމުގެ މާލީ އިދާރާތަކާއި ރެގިއުލޭޓަރުންނާއި ވިޔަފާރިތައް ގުޅިގެން، ޝަރީއާ ހުއްދަކުރާ އިންވެސްޓްމަންޓް ވަސީލަތްތަކާއި ސުކޫކާއި އިސްލާމިކް ފައިނޭންޝަލް ހިދުމަތްތަކާއި އަދި ހަލާލް ވެލިއު ޗެއިންތައް އިތުރަށް ދިރާސާކޮށް ކުރިއެރުވިދާނެއެވެ. އަދި ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ދާއިރާ މުއްސަނދިކޮށް، އެކަމަށް ބޭނުންވާ ގާނޫނީ އަދި އިދާރީ އޮނިގަނޑުތައް ވަރުގަދަކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، މި ދާއިރާއިން ޕާކިސްތާނުގެ ތަޖުރިބާކާރުންނާއި އިންވެސްޓަރުންނާއެކު ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ރާއްޖޭގައި އެބައޮތެވެ.
ޕާކިސްތާނުގެ ވިޔަފާރިވެރިންނަށް ދައުވަތު ދެއްވަމުން ރައީސް ވަނީ ރާއްޖެއަކީ ހަމައެކަނި މުދާ ވިއްކާ މާކެޓެއްގެ ގޮތުގައި ނުބަލައި، ގުޅިގެން މަސައްކަތް ކުރާނެ ބައިވެރިއެއްގެ ގޮތުގައި ދެކުމަށް އެދިވަޑައިގެންފައެވެ. އެމަނިކުފާނު އެދިވަޑައިގަތީ ދިވެހި ވިޔަފާރިތަކާއެކު ގުޅުން ގާއިމުކޮށް، ރާއްޖޭގެ ކުރިއަރަމުން އަންނަ ސިނާއަތްތަކުގައި އިންވެސްޓް ކުރެއްވުމަށެވެ.
ކުރިއަށް އޮތް 2 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއާއި ޕާކިސްތާނާ ދެމެދު ކުރެވޭ ވިޔަފާރީގެ މިންވަރު 200 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުކުރުމަށް އެއްބަސްވެވިފައިވާކަން ވެސް ރައީސް ހާމަކުރެއްވިއެވެ. އަދި އިސްލާމީ އިގްތިސާދުގެ އިތުރުން ކާބޯތަކެތީގެ ރައްކާތެރިކަމާއި، ސިއްހީ ދާއިރާއާއި، އިޔާދަކުރަނިވި ހަކަތަ، އަދި ދަތުރުފަތުރުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
ދެ ގައުމުގެ ދެމެދުގައި އިގްތިސާދީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމުގެ ގޮތުން، ގައުމީ އެއާލައިން މޯލްޑިވިއަންއިން މާލެއާއި ކަރާޗީއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާކަން ވެސް މި ފޯރަމްގައި ރައީސް ވަނީ އިއުލާން ކުރައްވާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.