މިހާރު ކުރަމުންދާ ބޯ ވިއްސާރައާ ގުޅިގެން ހުޅުމާލެ އިން އެހީތެރިކަމަށް ބޭނުންވާ މީހުން 1516 އަށް ގުޅުމަށް އެޗްޑީސީން އެދިއްޖެއެވެ.
ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައެވެ. މެޓް އިން ވަނީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، އަރަބި ކަނޑާއި ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑުތަކުގެ ސަބަބުން ރާއްޖޭގެ ހުޅަނގުން އުފެދެމުންދާ ބޯ ވިއްސާރަ ވިލާތައް އަތޮޅުތަކުގެ މައްޗަށް އަރަމުންދާ ކަމަށް ވިދާޅުވެފައެވެ.
މި ވިއްސާރައާ ގުޅިގެން މާލެ ހިމެނޭހެން މެދު ރާއްޖެ ތެރޭގެ ބައެއް ސަރަހައްދުތަކަށް، އޮރެންޖް އިންޒާރާއި ރީނދޫ ސަމާލުވެސް މެޓް އިން ނެރެފައި ވެއެވެ.
އަދި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން، މާލެ ހިމެނޭހެން ބައެއް ސަރަހައްދުތަކުގައި ދަނީ ފެންބޮޑުވެ ގެއްލުންވެސް ވަމުންނެވެ.
މި ވިއްސާރައިގެ ހާލަތާއި ގުޅިގެން އެޗްޑީސީން ވިދާޅުވީ، މިހާރު ކުރަމުން އަންނަ ވިއްސާރައާ ގުޅިގެން އާންމުންނަށް އެހީތެރިކަން ފޯރުކޮށްދޭން އެޗްޑީސީގެ އިންސްޕެކްޝަން ޓީމުތަކުން މިހާރު ހުޅުމާލޭގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އަދި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން 1516އަށް ގުޅުމަށް އެދޭ ކަމަށްވެސް އެޗްޑީސީން ވިދާޅުވިއެވެ.
"އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ މި ކޯޕަރޭޝަނުން އަބަދު ވެސް އިސްކަންދޭ ޒިންމާއެއް.
"ކަމާ ބެހޭ އިދާރާތަކުންދޭ އިރުޝާދުތަކަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އިލްތިމާސްކުރަން،". އެޗްޑީސީން ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.