ރާއްޖޭގެ އާބާދީ ކުޑަވި ނަމަވެސް، މިއީ ބޭރުގެ ވިޔަފާރިވެރިންނަށް އިންވެސްޓްކުރުމަށް އޮތް ފަހި ފުރުސަތުތަކެއްގެ ބާޒާރެއްކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު، ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިސްލާމްއާބާދުގައި ބާއްވާ މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ޕާކިސްތާނާއި ރާއްޖެއާ ދެމެދު ކުރެވޭ ވިޔަފާރީގެ މުއާމަލާތްތައް 200 މިލިއަން ޑޮލަރަށް ފުޅާކުރުމަށް މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
22 އޮކްޓޫބަރު 2026، ރާއްޖެ- ޕާކިސްތާން ބިޒްނަސް ފޯރަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް ވަޑައިގަތުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު، ޝެހްބާޒްއާ ސަލާމް ކުރައްވަނީ ---- ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގައި އިންވެސްޓް ކުރެވިދާނެ މުހިންމު ދާއިރާތައް ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، ސިނާއީ މަސައްކަތްތަކާއި، އިމާރާތްކުރުމާއި، ތައުލީމީ ދާއިރާގެ އިތުރުން ސިއްހީ ދާއިރާއިންވެސް ބޭރުގެ އިންވެސްޓްމަންޓްތަކަށް ބޮޑެތި ފުރުސަތުތަކެއް ހުޅުވިފައިވާ ކަމަށެވެ.
"ރާއްޖޭގެ ބާޒާރުގެ ނިސްބަތަކީ ކުޑަ މިންވަރެއް ކަމަށް ހީކޮށްގެން ނުވާނެ. އަޅުގަނޑުމެންނަކީ ހަމައެކަނި ފަސް ލައްކައެއްހާ ރައްޔިތުން ދިރިއުޅޭ ގައުމެއް ނޫން. ކޮންމެ އަހަރަކު ދެ މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރޭ." ރައީސް ވިދާޅުވިއެވެ.
އެ މަނިކުފާނުގެ ވިދާޅުވީ ރާއްޖެއަށް ޕާކިސްތާނުން އިގްތިސޯދީ މަންފާ ހޯދިދާނެ ކަމަށާއި، ޕާކިސްތާނުން މިހާރުވެސް ރާއްޖެއަށް ދަނޑުވެރިކަމުގެ އުފެއްދުންތައް އެތެރެކުރާކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ޒަމާނީ ފުޑް ޕްރޮސެސިންއާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނޭ ފަދަ ދަނޑުވެރިކަމުގެ އާ ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖޭގައި އިންވެސްޓްކޮށް، ގުޅިގެން މަސައްކަތް ކުރުމަށް ޕާކިސްތާނުގެ ވިޔަފާރިވެރިން ކިބައިން ރައީސްވަނީ އެދިވަޑައިގެންފައެވެ.
ރާއްޖެއަށް ބަލާއިރު، ކާނާގެ ރައްކާތެރިކަމަކީ ހަމައެކަނި ވިޔަފާރީގެ ނަޒަރަކުން ބަލާކަމެއް ނޫން ކަމަށާއި، ޖަޒީރާ ގައުމަކަށްވީތީ، މެދުކެނޑުމެއްނެތް ސަޕްލައި ޗޭނެއް އޮތުމަކީ ގައުމީ ސަލާމަތާ ގުޅިފައިވާ މުހިންމުކަމެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުންތައް އިތުރުކުރުމަށް ދަތުރުފަތުރު ކުރަން ފަސޭހަ ގޮތްތަކެއް ހަޖަޖެހިފައިވުމަކީ މުހިންމުކަމެއްކަމަށް ރައީސް ވިދާޅުވިއެވެ. އެހެންވެ، ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންއިން ވަރަށް އަވަހަށް ކަރާޗީ ދަތުރުތައް ފަށާނެކަމަށް ރައީސް ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.