މޯލްޑިވްސް ޕާކިސްތާން ބިޒްނަސް ފޯރަމް ފަށައިފިއެވެ. މި ފޯރަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒާއި ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒް ޝަރީފް ބައިވެރިވެ ވަޑައިގަތެވެ.

ރާއްޖެއިން ބޭރަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކުރައްވާ ކޮންމެ ފުރަމާނަ ދަތުރުފުޅެއްގައި ޤައުމުތަކުގައި ބިޒްނަސް ފޯރަމްތައް ބާއްވައެވެ. މި ފޯރަމްތަކުގައި ރާއްޖޭގެ ވިޔަފާރިވެރިންނާއި ބޭރު ޤައުމުތަކުގެ ވިޔަފާރިވެރިން ބައިވެރިވެއެވެ. އަދި ރާއްޖޭގައި ހުރި އިންވެސްޓްމެންޓު ފުރުސަތުތަކާއި، ސަރުކާރުން ކުރިއަށް ގެންދަން ރާވާފައިވާ މުހިންމު މަޝްރޫޢުތަކުގެ މައުލޫމާތު ހިއްސާކުރެއެވެ. ޕާކިސްތާނުގައިވެސް ފަށާފައިވަނީ، މި ސިލްސިލާގެ ދަށުން ބާއްވާ ބިޒްނަސް ފޯރަމެކެވެ.

ރައީސް ޕާކިސްތާނަށް މިހާރު ކުރައްްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު 20 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. މީގެތެރޭގައި ވިޔަފާރިއާއި އިޤުތިޞާދާއި ގުޅޭ އެއްބަސްވުންތައްވެސް ހިމެނެއެވެ. މިގޮތުން ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، އިންފޮމޭޝަން ޓެކްނޮލޮޖީއާއި ސައިބަސެކިޔުރިޓީއާއި އަރޓިފިޝަލް އިންޓެލިޖެންސްއާއި ޑިޖިޓަލް ސްކިލްސްއާއި އީޖާދާއި އުފެއްދުންތެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުން ހިމެނެއެވެ. މީގެއިތުރުން މަސްވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، ރާއްޖެއާއި ޕާކިސްތާނާ ދެމެދު ވައިގެ ދަތުރުތައް ފުޅާކުރުމުގެ އެއްބަސްވުން ޤާއިމްކޮށްފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

މި އެއްބަސްވުންތައް ބަދަލުކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވެފައިވަނީ، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި ކުރާ ވިޔަފާރީގެ މުއާމަލާތްތަކުގެ އަދަދު 200 މިލިޔަން ޑޮލަރަށް އިތުރު ކުރައްވާނެ ކަމަށެވެ. މިހާރު ދެ ޤައުމުގެ ދެމެދުގައި ކުރާ ވިޔަފާރީގެ މިންވަރު ހުރީ، 13.9 މިލިޔަން ޑޮލަރުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއިއެކު ބޭއްވެވި ބައްދަލުވުމުގައި ޕާކިސްތާނުގެ ރައީސް އާސިފް އަލީ ޒަރުދާރީވެސް ވިދާޅުވެފައިވަނީ، ޕާކިސްތާނާއި ރާއްޖެއާ ދެމެދު އިޤުތިޞާދީ ގުޅުން ވަރުގަދަ ކުރައްވާނެ ކަމަށެވެ.

ބޭރުގެ ޤައުމުތަކުގައި ބާއްވަވާ ބިޒްނަސް ފޯރަމްތަކުގެ ނަތީޖާ ފެންނަމުންދާކަމަށް އިޤުތިޞާދީ ވަޒީރު މުޙައްމަދު ސައީދުވެސް މީގެކުރިން ވަނީ ވިދާޅުވެފައެވެ. އެގޮތުން އަދުގެ ސަރުކާރުން އަހަރެއްހާ ދުވަހުގެ ތެރޭގައި 108 ބޭރުގެ އިންވެސްޓުމެންޓު ރާއްޖެއަށް ގެނެސްފައިވާ ކަމަށާއި، މިއީ ބިޒްނަސް ފޯރަމްތަކުގެ ސަބަބުން އައިސްފައިވާ ކުރިއެރުމެއްކަމަށް ވަނީ ވިދާޅުވެފައެވެ.

އަދުގެ ސަރުކާރުން މިހާތަނަށް 6 ޤައުމެއްގައި ބިޒްނަސް ފޯރަމްތައް ވަނީ ބާއްވާފައެވެ. އެ ޤައުމުތަކަކީ ޗައިނާ، ޔޫއޭއީ، އިންޑިއާ މެލޭޝިއާ، ސިންގަޕޫރު އަދި އިނގިރޭސިވިލާތެވެ. މީގެތެރެއިން އިންޑިއާގެ 3 ސިޓީއެއްގައި ފޯރަމް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި މި ފޯރަމްތަކުގެ ސަބަބުން ރާއްޖެއަށް އިންވެސްޓް ކުރުމަށް މައުލޫމާތު ހޯދާ ފަރާތްތަކާއި، އިންވެސްޓްމެންޓުތައް ރަޖިސްޓްރީ ކުރި ފަރާތްތައް އިތުރުވެފައިވާ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާއި ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.