ޕާކިސްތާނުގެ ކަރާޗީއާއި މާލެއާ ދެމެދު މޯލްޑިވިއަންގެ ސީދާ ދަތުރުތައް ވަރަށް އަވަހަށް ފަށާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، އިސްލާމްއާބާދުގައި ކުރިއަށްގެންދާ މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ވާހަކަފުޅުދައްކަވަމުންނެވެ. ޖަޒީރާ ގައުމުތައް ކަނޑުމަގުން ގުޅާލެވިފައި އޮތުމަކީ އިގްތިޞާދަށް މުހިންމުކަމަކަށްވާއިރު، ވިޔަފާރީގެ މުއާމަލާތްތައް މިހާރަށްވުރެ ހަލުވިކަމާއެކު ކުރިއަށް ގެންދެވޭނެ މަގު ފަހިކުރަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، ޕާކިސްތާނާއި ދިވެހިރާއްޖެއާ ދެމެދު ސީދާ އަދި ވިޔަފާރީގެ ގޮތުން ފައިދާހުރި ގުޅުންތަކެއް ގާއިމުކުރުމުގެ ފުރުސަތުތައް ހޯދުމަށް ދެ ގައުމުގެ ޝިޕިންގ، ޕޯޓް އަދި ލޮޖިސްޓިކްސް ކުންފުނިތަކަށް އެ މަނިކުފާނު ބާރު އެޅުއްވިއެވެ.
"ދެ ގައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރުގެ ގުޅުން ގާއިމުކޮށް، ދަތުރުތައް އިތުރުކުރުމަށް އެއަރލައިންތަކަށާއި، އޭވިއޭޝަން ދާއިރާގެ ކަމާބެހޭ އިދާރާތަކަށާއި، އަމިއްލަ ސެކްޓަރުގެ ބައިވެރިންނަށްވެސް އަޅުގަނޑު ބާރުއަޅަން" ރައީސް ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވިއެވެ.
އެ މަނިކުފާނު ވިދާޅުވީ ގައުމީ އެއަރލައިން "މޯލްޑިވިއަން" އިން ވަރަށް އަވަހަށް މާލެއާއި ކަރާޗީއާ ދެމެދު ސީދާ ދަތުރުތައް ފެށުމަށް އުއްމީދުކުރައްވާކަމަށެވެ. މި ހިދުމަތުގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންނަށް ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަވެ، ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާއިން އާ ފުރުސަތުތަކެއް ހުޅުވިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.
"ރާއްޖެއަށް ބިޒްނަސް ކޮމިއުނިޓީ އަދި ފަތުރުވެރިންނަށް ދަތުރުކުރެވޭނެ މަގު ފަހިކޮށްދީ، ޗުއްޓީ ހޭދަކޮށްލަން އަދި ވިޔަފާރިއަށް އެ ޤައުމުގައި ފުރުސަތު ހޯދަދޭން ބޭނުން." ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވިއެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވިދާޅުވީ، ރާއްޖެ އާއި ޕާކިސްތާނާއި ދަތުރުފަތުރުގެ ދާއިރާއިން ގުޅާލުމުގެ މަސައްކަތް އަވަސްކުރުމަށް އިރުޝާދުދެއްވާފައިވާކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ. އެހެންކަމުން އެކަމަށް ބޭނުންވާ ޕްލޭންތައް އެކުލަވާލައި، އަވަސް މުސްތަޤްބަލެއްގައި އެ މަސައްކަތް ފެށޭނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ވިދާޅުވިއެވެ. އެ މަސައްކަތްކުރުމަށް ޕާކިސްތާނުގެ ޤައުމީ އެއާލައިން އަދި އެހެނިހެން އެއާލައިންތައް މެދުވެރިކޮށް ކުރިއަށްގެންދަވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ދެ ޤައުމު ދަތުރުފަތުރުގެ ދާއިރާއިން ގުޅާލުމަކީ ދެ ޤައުމުގެ ދެމެދުގައި ވިޔަފާރި އާއި ފަތުރުވެރިކަމުގެ ދާއިރާއިން އިތުރު ފުރުސަތުތައް ލިބޭނެކަމެއްކަމަށް ދެ ޤައުމުން ވެސް ފާހަގަކުރައްވާފައިވެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.