ޕާކިސްތާނުގެ އިސްލާމްއާބާދުގައި ބޭއްވި ރާއްޖެ-ޕާކިސްތާން ބިޒްނަސް ފޯރަމްގައި، ރަސްމާލެ ތަރައްޤީކުރުމުގެ ބިޔަ މަޝްރޫޢުގައި އިންވެސްޓްކުރުމުގެ ފުރުސަތު ޕާކިސްތާނުގެ ވިޔަފާރިތަކަށް ދިވެހި ސަރުކާރުން އިއުލާނުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އިންތިޒާމްކުރި މި ފޯރަމްގައި ރަސްމާލޭގައި އިންވެސްޓްކުރަން ޝައުޤުވެރިވާ ވިޔަފާރިތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާކަން ހާމަކުރެއްވިއެވެ. މި ފޯރަމްގައި ޕާކިސްތާނުގެ ބޮޑެތި ކުންފުނިތަކާއި ވިޔަފާރިތައް ހިމެނޭހެން 300 އަށްވުރެ ގިނަ ފަރާތުން ބައިވެރިވިއެވެ.

އިސްލާމްއާބާދުގައި ބޭއްވި މި އިވެންޓުގައި ރައީސް މުއިއްޒުގެ އިތުރުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްވެސް ބައިވެރިވެވަޑައިގެންނެވިއެވެ. ފޯރަމްގެ ފެށުމުގައި ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި، ސަޤާފަތާއި، އިޤްތިސާދީ ގޮތުން ރާއްޖެއަށް އަންނަމުންދާ ކުރިއެރުންތައް ބައިވެރިންނަށް ދައްކާލިއެވެ.

އިޝްތިހާރު އިޝްތިހާރު

މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަންގެ އޮފިޝަލް އާއިޝަތު ސަމާހާ ހުށަހެޅުއްވި ޕްރެޒެންޓޭޝަނެއްގައި ވިދާޅުވީ، ރަސްމާލެ މަޝްރޫޢަކީ ރާއްޖެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދައިދިނުމަށް ޒަމާނީ އާބަން ސެންޓަރެއްގެ ގޮތުގައި ކުރިއަށްގެންދާ އެންމެ ބޮޑު މަޝްރޫޢު ކަމަށެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ގެދޮރުވެރިކަމާއި ވިޔަފާރިއަށް ބޮޑު އިންގިލާބެއް އަންނާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސަމާހާ ވިދާޅުވި ގޮތުގައި، އަލަށް ތަރައްޤީކުރާ މި ސިޓީގެ ބައިވެރިއަކަށްވުމަށް ބޭރުގެ އިންވެސްޓަރުންނަށް ދަޢުވަތު އަރުވާ ކަމަށެވެ. އެކަމުގެ ސަބަބުން ދިވެހިންނަށްވެސް އެކި ދާއިރާތަކުން ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ވަނީ ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކާ ބެހޭ ޑިޖިޓަލް މަޢުލޫމާތުތައް ފޯރަމްގެ ބައިވެރިންނާ ޙިއްސާކޮށްފައެވެ. މި މަޢުލޫމާތުތަކަށް ޕާކިސްތާނުގެ ގިނަ ވިޔަފާރިތަކުން ބޮޑު ޝައުޤުވެރިކަމެއް ފާޅުކުރިއެވެ.

ރަސްމާލެ މަޝްރޫޢާ ގުޅޭ ޖުމްލަ އިންވެސްޓްމަންޓް 30 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ. މި މަޝްރޫޢުގެ ތެރެއިން 14،000 ދާއިމީ ވަޒީފާ އުފެދި، ތަރައްޤީގެ މަރުޙަލާގައި 54،000 ވަޒީފާގެ ފުރުސަތު ހުޅުވިގެންދާނެއެވެ.