ޕާކިސްތާނުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީ އޮފް އިސްލާމްއާބާދުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް މިއަދު އަރުވައިފި އެވެ.
މި ޝަރަފު ރައީސަށް އަރުވާފައިވަނީ އެމަނިކުފާނު ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން މިއަދު މެންދުރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ޔުނިވާސިޓީން ބުނީ މިއީ ރައީސް މުއިއްޒު ސިޔާސީ އަދި ހާރިޖީ ދާއިރާއިން ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެއްވި ޝަރަފެއް ކަމަށެވެ.
އިސްލާމްއާބާދުގައި އޮތް މި ރަސްމިއްޔާތުގައި އެ ޔުނިވާސިޓީން ފާހަގަކުރި ގޮތުގައި ރާއްޖޭގެ ކުރިއެރުމަށާއި އިސްލާމްދީނުގެ ދިފާއުގައި ރައީސް ކުރައްވާފައިވާ މަސައްކަތްޕުޅުތަކަކީ ވެސް މި ޝަރަފު އެރުވުމުގެ މުހިންމު މަގުސަދެކެވެ.
މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެންމެ ފަހުން ޕާކިސްތާނަށް ދަތުރުފުޅެއް ކުރެއްވީ 2015 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީނެވެ. އޭގެ ކުރިން ޕާކިސްތާނަށް ވަޑައިގެންނެވީ ރައީސް މައުމޫން އަބްދުލްގައްޔޫމެވެ.
އެހެންކަމުން ރައީސް މުއިއްޒަކީ ޕާކިސްތާނަށް ދަތުރުފުޅު ކުރެއްވި ރާއްޖޭގެ ތިން ވަނަ ރައީސެވެ. ޕާކިސްތާނު ސަރުކާރުން ވަނީ ރައީސް މުއިއްޒުގެ މި ދަތުރުފުޅަށް ހާއްސަ އިސްކަމެއް ދީފަ އެވެ.
މި ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި ރަސްމީ ވާހަކަތައް ބޭއްވުމުގެ އިތުރުން 20 އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފަ އެވެ. އަދި ރައީސް މުއިއްޒުގެ ޝަރަފުގައި ޕާކިސްތާނުގެ ރައީސާއި ބޮޑުވަޒީރު ދެއްވާ ފަރިއްކޮޅެއް ވެސް އޮންނާނެ އެވެ.
މީގެ އިތުރުން ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ ރައީސް ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް ރާއްޖޭގެ ފަރާތުން ބިޒްނަސް ފޯރަމެއް ބޭއްވުން ވެސް މި ދަތުރުފުޅުގެ ތެރޭގައި ހިމެނެ އެވެ.
މި ދަތުރުފުޅު ދިމާވެފައިވަނީ ރާއްޖެ އާއި ޕާކިސްތާނާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރޭ މުނާސަބަތާ އެވެ. ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ގާއިމުކޮށްފައިވަނީ 26 ޖުލައި 1966 ގަ އެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.