ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ފެށިގެން މިދިޔައީ ދެ ޤައުމުގެ ގުޅުމުގެ އައު ބާބެއް ކަމަށާއި ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާވާނެ އެކި ދާއިރާތަކުން ގުޅުން ބަދަހިކުރެވިގެންދާނެ ކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ޕާކިސްތާނަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއި ޕާކިސްތާނާ ދެމެދު ކުރި ރަސްމީ މަޝްވަރާތަކަށްފަހު ދެއްވި ބަޔާނުގައެވެ. އެމަނިކުފާނު ވަނީ، ޕާކިސްތާނަށް ވަޑައިގެންނެވުމުން އެ ޤައުމުން ދެންނެވި ހޫނު މަރުޙަބާއަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ރާއްޖެއާއި ޕާކިސްތާނުގެ ގުޅުމަށް 60 އަހަރު ވެގެންދާއިރު ދެ ޤައުމުގެ ގުޅުމަކީ ދީނީގޮތުންނާއި، އެކުވެރި އަޚްވަންތަކަމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށެވެ. އެމަނިކުފާނުގެ މި ދަތުރުފުޅާއެކު ދެ ޤައުމުގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި މީގެ ސަބަބުން ދެ ޤައުމުގެ ރައްޔިތުންނަށް ގިނަގުނަ ފައިދާތަކެއް ވެގެންދާނެ ކަމަށް ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

"މިއަދުން ފެށިގެން ދެ ޤައުމުގެ ގުޅުމުގެ އައު ސަފުހާއެއް މިދިޔައީ ހުޅުވިގެން. މިއީ ފާއިތުވި 60 އަހަރުގެ އެކުވެރިކަމުގެ ބިންގަލުގެ މައްޗަށް ބިނާކޮށް ގާއިމުކުރެވޭ ގުޅުމެއް. މި ގުޅުމުގެ ސަބަބުން ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެންގެ ރައްޔިތުންނަށް އިތުރު ފުރުސަތުތަކާއި، ކުރިއެރުމާއި، ބޮޑެތި މަންފާތައް ލިބިގެންދާނެ. ދެ ޤައުމުގެ ދެމެދުގައި ވެވުނު އެއްބަސްވުންތަކާއެކު އަޅުގަނޑުމެންގެ އަޚުވަންތަކަމުގެ ގުޅުން އިތުރަށް ބަދަހިވެ، އެއްބާރުލުން ދިނުމުގެ އައު ދޮރުތައް ހުޅުވި، އަޅުގަނޑުމެންގެ ގުޅުން އިތުރަށް އުސްމިންތަކަށް ގެންދެވޭނެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑަށް އެބައޮތް،" ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ދެ ޤައުމު ދެމެދު މުހިންމު 20 ދާއިރާއަކުން އެއްބަސްވުން ބަދަލުކޮށްފައިވާއިރު ދެ ޤައުމުގެ މަގުސަދަކަށް ވެގެންދާނީ އެ އެއްބަސްވުންތައް ޙަގީގަތަކަށް ހަދައި ރައްޔިތުންނަށް އޭގެ ފައިދާ ފޯރުކޮށްދިނުން ކަމަށެވެ. އަދި ދެ ޤައުމަށް ފައިދާވާނެހެން ގުޅުން ބަދަހިކުރެވޭނެ ގިނަ ފުރުސަތުތައް ހުރިކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ރާއްޖެއާއި ޕާކިސްތާނާ ދެމެދު ސީދާ ދަތުރުތައް ފެށުމަކީ ވިޔަފާރިއާއި އިޤުތިސާދީ ގުޅުން އިތުރަށް ބަދަހިވެ، ފަތުރުވެރިކަމުގެ ދާއިރާއަށް ކުރިއެރުން ލިބިގެންދާނެ ކަމެއް ކަމަށެވެ. ޚާއްސަކޮށް ރާއްޖޭގެ ހަލާލު ޓޫރިޒަމަށް އޭގެ ސަބަބުން ކުރިއެރުންތައް ލިބޭނެ ކަމަށެވެ.

ޕާކިސްތާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބިޒްނަސް ފޯރަމުގެ ސަބަބުން ދެ ޤައުމުގެ އިންވެސްޓަރުންނާއި، ވިޔަފާރިވެރިންނާއި އުފެއްދުންތެރިން ބައްދަލުވެ، އިންވެސްޓްމަންޓުތަކާއި ޕާޓްނާޝިޕް އުފެއްދުމަށް ފުރުސަތު ހުޅުވިގެންދާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވި ކަންކަން ހިއްސާކުރައްވައި ރައީސް ވިދާޅުވީ، އެ ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ޒުވާނުންނަށް އިތުރު ފުރުސަތުތައް ފަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އެގޮތުން އާޓިފިޝަލް އިންޓެލިޖެންސާއި، ޑިޖިޓަލް އަދި ޓެކްނޮލޮޖީ ފަދަ އައު ދާއިރާތަކުން ތަމްރީން ފޯރުކޮށްދިނުމަށް މަޝްވަރާކުރެއްވި ކަމަށް އެެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ސިއްޙީ ދާއިރާއިން ދިވެހި ދަރިވަރުންނަށާއި، ސިއްޙީ ދާއިރާގެ ފަންނުވެރިންނަށް ފުރުސަތުތައް ފުޅާކުރުމާ ބެހޭގޮތުން މަޝްވަރާކުރެއްވި ކަމަށާއި، ޕާކިސްތާން ޓެކްނިކަލް އެސިސްޓެންސް ޕްރޮގްރާމުގެ ދަށުން އެމްބީބީއެސްގެ ފުރުސަތުތައް އިތުރު ކުރުމާއި، ދިވެހި ޑޮކްޓަރުންނަށް ޕާކިސްތާނުގައި އިންޓާންޝިޕް ފުރިހަމަ ކުރުމުގެ ފުރުސަތުތައް ފަހިކޮށްދިނުމާ ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ކުރި މަޝްވަރާތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، މިއީ ރާއްޖޭގެ ސަލާމަތާއި ތަރައްޤީއާއި މުސްތަޤުބަލާ ގުޅިފައިވާ ކަމެއް ކަމަށެވެ. އެހެންވެ، ތިމާވެށި ހިމާޔަތް ކުރުމާއި މޫސުމީ ވިލުންތެރިކަން އިތުރުކުރުމުގެ ދާއިރާއިން ޕާކިސްތާނުން ފޯރުކޮށްދޭ އެހީތެރިކަމަށް މަރުޙަބާ ދަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަރަހައްދީ ހަމަޖެހުން ގާއިމުކުރުމުގެ އިތުރުން ބައިނަލްއަޤުވާމީ މައިދާނުގައި ގުޅިގެން މަސައްކަތް ކުރުމަށްވެސް ދެ ލީޑަރުންގެ ދެމެދުގައި މަޝްވަރާ ކުރެވުނުކަމަށް ވިދާޅުވެފައެވެ. އެގޮތުން މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތައް، މަޝްވަރާގެ މަތިން ހައްލުކުރުމަށާއި އެ ހަމަނުޖެހުން ކުޑަކުރުމަށް އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޕާކިސްތާނުން ކުރަމުން އަންނަ ސިޔާސީ މަސައްކަތްތަކަށް އެމަނިކުފާނު ވަނީ ތަޢުރީފު ކުރައްވާފައެވެ.