މިމަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް 15 މިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މި ސަރުކާރުން ވަނީ، މަސްވެރިންގެ ޤައުމީ ދަފްތަރެއް އެކުލަވާލާ މަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ހަދާދީފައެވެ.
މަސްވެރިންގެ ޤައުމީ ދަފްތަރާއިއެކު މަސްވެރިންނަށް ފަސޭހަކަމާއެކު ފައިނޭންސް ލިބޭނެ މަގު މިހާރު ވަނީ ތަނަވަސްކޮށްދީފައެވެ. ބީއެމްއެލްއާއި މަސްވެރިކަމާއިބެހޭ ވުޒާރާއިން މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައި އެއްބަސްވުމެއްގައި ސޮއިކޮށް މޭއިމަހުން ފެށިގެން ވަނީ މަސްވެރިންނަށް ލޯނު ދޫކުރަން ފަށާފައެވެ.
މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ، އެ މަސައްކަތުގެ ތެރެއިން މިމަހުގެ 20ވަނަ ދުވަހުގެ ނިޔަލަށް 119 މަސްވެރިއަކަށް ލޯނު ދޫކޮށްފައިވާ ކަމަށެވެ. އެއީ، މުޅި ޖުމްލަ 15 މިލިޔަން ރުފިޔާގެ ލޯނެވެ.
Min of Fisheries, Agriculture and Ocean Resources@MFAORmvމަސްވެރިންނަކީ ދައުލަތް ދަންނަ ބަޔަކަށް ވެގެންދިއުމާއެކު، މަސްވެރިންގެ ޤައުމީ ދަފުތަރުގައި ދަފުތަރުވެފައިވާ ފަރާތްތަކަށް ލޯނު ލިބޭނެ މަގު ވަނީ ފަހިވެފައި.
މަސްވެރިންނަށް ލޯނު ދޫކުރަނީ، "މަސްވެރިޔާ ޕޯޓަލް" މެދުވެރިކޮށެވެ. މަސްވެރިޔާ ޕޯޓަލަކީ، މަސްވެރިންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ މަސްވެރިންގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް އެހީތެރިވުމަށް އިސްލާމިކް ފައިނޭންސްގެ ގިނަ ސްކީމްތަކަކަށް އޮންލައިންކޮށް ހުށައެޅޭނެގޮތަށް ޑިޒައިންކޮށްފައިވާ ޕޯޓަލްއެކެވެ.
މި ޕޯޓަލް މެދުވެރިކޮށް ގެދޮރު އިމާރާތްކޮށް މަރާމާތު ކުރުމަށާއި، މަސްވެރިކަމުގެ ސާމާނު ގަތުމާއި، އައު ކުރުމަށާއި، ދަރިންނަށް މަތީ ތަޢުލީމުގެ ފުރުޞަތު ހޯދައިދިނުމަށް ލޯނަށް ހުށަހެޅޭނެއެވެ. އަދި އޮޑިފަހަރު ބަނުމާއި، ގަތުމާއި މަރާމާތު ކުރުމަށާއި، ގެސްޓްހައުސް ވިޔަފާރިއަށް އިންވެސްޓް ކުރުމަށްވެސް ލޯނަށް އެދި ހުށަހެޅޭނެއެވެ.
މި ޕޯޓަލްގެ ސަބަބުން ބީއެމްއެލްގެ އެއްވެސް ބްރާންޗަކަށް ދާންނުޖެހި، ކޮންމެ ތަނެއްގައި ކޮންމެ ވަގުތެއްގައި ހުރެގެން ފަސޭހަކަމާއެކު ސްކީމްތަކަށް ހުށައެޅުމުގެ ފުރުޞަތު ލިބޭނެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.