ލޮނުފެނުން މަސް ފިނިކުރާ ނިޒާމް (އާރުއެސްޑަބްލިއު) ހަރުކުރި ދޯނިފަހަރުގެ ހިންގުމުގެ ޚަރަދު 20 އިންސައްތަ އާއި 30 އިންސައްތައާ ދެމެދުގެ މިންވަރަކަށް ކުޑަވެފައިވާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާ އާއި އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގުޅިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން މިހާތަނަށް 40 އުޅަނދަކަށް 37.98 މިލިއަން ރުފިޔާގެ ލޯނު ވަނީ ދޫކޮށްފައެވެ. މި ލޯނު ފެސިލިޓީގެ ދަށުން އެއްވެސް ރަހުނަކާ ނުލައި ދޫކުރާ ފައިސާގެ ލިމިޓް މިހާރު ވަނީ 4 މިލިއަން ރުފިޔާއަށް ބޮޑުކޮށްފައެވެ. އަދި އާރުއެސްޑަބްލިއު ސިސްޓަމްގެ އިތުރުން، އިންޖީނު އެޅުމަށާއި ބާޑް ރެއިޑަރ ހަރުކުރުން ފަދަ ކަންކަމަށްވެސް މިހާރު ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

މި ލޯނުގެ އެންމެ ހާއްސަ އެއް ކަމަކީ ދޫކުރާ ފައިސާގެ 35 އިންސައްތައަކީ ހިލޭ އެހީގެ ގޮތުގައި ކަނޑައަޅާފައިވާ ފައިސާ ކަމަށްވުމެވެ. އެގޮތުން މިހާތަނަށް 13 ފަރާތަކުން ސިސްޓަމް ހަރުކޮށް ނިމިފައިވާއިރު، އޭގެ ތެރެއިން އިންސްޕެކްޝަން ނިމުނު 6 އުޅަނދެއްގެ ލޯނުން 35 އިންސައްތަ ވަނީ އުނިކޮށްދީފައެވެ. ސަރުކާރުގެ އަމާޒަކީ ޖުމްލަ 200 މަސްދޯނީގައި މި ނިޒާމް ޤާއިމުކުރުމެވެ.

އިޝްތިހާރު އިޝްތިހާރު

މި ޕްރޮގްރާމަކީ އައިސް ލިބުމުގައި ހުރި ދަތިތަކަށް ހައްލެއް ހޯދައިދީ، މަސްވެރިން އައިސް ހޯދުމަށް ކުރާ ހޭދަ ކުޑަކުރުމަށް ފެށި މަސައްކަތެކެވެ. މީގެ ސަބަބުން މަސްވެރިން ބާނާ މަސް ގިނަވަގުތު ތާޒާކަންމަތީ ބެހެއްޓި، ކަނޑުމަތީގައި ގިނަވަގުތު ހޭދަކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މިކަމަށް މަސްވެރިން އަހުލުވެރިކުރުވުމުގެ ގޮތުން މިހާތަނަށް 12 އަތޮޅެއްގެ 22 ރަށެއްގައި ހޭލުންތެރިކުރުވުމުގެ ސެޝަންތައް ވަނީ ބާއްވާފައެވެ.