މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައި ސަރުކާރުގެ މަސް ކުންފުނި، މިފްކޯއަށް މަސް ކިރުވި ދޯނިތަކަށް 30.03 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ކުންފުނީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މިފްކޯއިން ބުނީ ސެޕްޓެންބަރު މަހާ އަޅާބަލާއިރު އޮކްޓޫބަރު މަހު މަސް ކިރުވި މިންވަރާއި ދޯނިތަކުގެ އަދަދު ވަނީ މައްޗަށް ޖެހިލާފައެވެ. އެގޮތުން ސެޕްޓެންބަރު މަހު 453 ދޯންޏަކުން 1288.42 ޓަނުގެ މަސް ކިރުވާފައިވާއިރު، އޮކްޓޫބަރު މަހު 462 ދޯންޏަކުން 1356 ޓަނުގެ މަސް ވަނީ ކިރުވާފައެވެ. މިއީ މަހުން މަހަށް ބަލާއިރު 5.2 އިންސައްތައިގެ ކުރިއެރުމެކެވެ. މަސް ކިރުވި މިންވަރު އިތުރުވުމާ ގުޅިގެން، މަސްވެރިންނަށް ދޫކުރި ފައިސާގެ ޢަދަދުވެސް ވަނީ 27.32 މިލިއަން ރުފިޔާއިން 30.03 މިލިއަން ރުފިޔާއަށް އަރާފައެވެ.

ރާއްޖޭގެ މަސްވެރިކަމަށް ކުރިމަތިވި އެންވެރިކަމުގެ ދަތިކަމަށް ފަހު، ފަހަކަށް އައިސް މަސްވެރިކަން އަނެއްކާވެސް ރަނގަޅުވާން ފަށާފައިވާއިރު، ބައެއް ދުވަސްދުވަހު ދެ މިލިއަނާ ގާތްކުރާ ޢަދަދަކަށް މަސްވެރިންނަށް ފައިސާ ދޫކޮށްފައިވެއެވެ. މިހާރު މިފްކޯއިން ކަޅުބިލަމަސް ކިލޯއެއް ގަންނަމުންދަނީ 22 ރުފިޔާއަށް ވުރެ މަތީގައެވެ. އަދި ނޮވެންބަރު 1 ވަނަ ދުވަހު ފާހަގަކުރި އެ ކުންފުނީގެ އަހަރީ ދުވަހާ ގުޅުވައިގެން، ކިލޯއެއްގެ އަގު 23 ރުފިޔާއަށް ވެސް ވަނީ ބޮޑުކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ މަސް ގަންނަ އެންމެ ދަށް އަގަކީ 20 ރުފިޔާ ކަމުގައި ދެމެހެއްޓުމެވެ.

އިޝްތިހާރު އިޝްތިހާރު

މަސްވެރިންނަށް އެކަށީގެންވާ ހަމައަގު ހޯދައިދިނުމަށްޓަކައި މަސް ފިނިކޮށް ރައްކާކުރާނެ ވަސީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާއިރު، މި ޞިނާޢަތަކީ ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ވަންނަ ދާއިރާއަށް ހެދުމަށް ސަރުކާރުން އިސްކަންދެއެވެ. އެގޮތުން މަސްވެރިން ބާނާ މަސް ކިރުވާތާ 48 ގަޑިއިރު ހަމަވުމުގެ ކުރިން ފައިސާ ޖަމާކޮށްދިނުމުގެ އިންތިޒާމުވެސް މިހާރު ދަނީ ހަމަޖައްސަމުންނެވެ.