ދެ ސަފާރީ ބޯޓެއްގެ ޑައިވިން ޓީމުތަކުގެ މެދުގައި ހިނގި ޙާދިސާއަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ވަކި ފަރާތަކަށް ނުޖެހި އެ މައްސަލަ ތަޙުޤީޤުކޮށްދިނުމަށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަނުން މިއަދު ގޮވާލައިފިއެވެ.
މި ނޫސްބަޔާނަކީ 28 އޮކްޓޫބަރު 2026 ގައި ކަނޑުއަޑީގައި ޑައިވިނަށް ގޮސް އުޅުނު ބައެއްގެ މެދުގައި ހިނގި ހިތްހަމަނުޖެހުންތަކެއް މީސްމީޑިއާގައި އާންމުވުމާ ގުޅިގެން ނެރުނު ބަޔާނެކެވެ. މީސްމީޑިއާގައި ދައުރުވާ ވީޑިއޯއަކުން ކަނޑުއަޑީގައި އެކަކު އަނެކަކާ ދިމާއަށް ވަޅި ދިއްކުރި ކަމަށް ބުނެފައިވެއެވެ.
އެ އެސޯސިއޭޝަނުން ބުނީ އެއްވެސް ފަރާތަކުން ޤާނޫނާ ޙިލާފު ކަމެއް ކޮށްފައިވާ ނަމަ ނުވަތަ އެއްވެސް ފަރާތެއްގެ އިހުމާލެއް އެ ޙާދިސާގައި ވާ ނަމަ، އެކަން ކަށަވަރުކޮށް ޤާނޫނީ ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ. މީގެ އިތުރުން ކަން ހިނގައިދިޔަ ގޮތް ސާފުނުވަނީސް އަވަސްއަރުވާލައިގެން ނިންމުންތައް ނުނިންމުމަށްވެސް އިލްތިމާސްކުރިއެވެ.
ވަކިވަކި ފަރުދުންގެ ޢަމަލުތަކެއްގެ ސަބަބުން މުޅި ބޯޓިން އަދި ޑައިވިން ދާއިރާގެ އަގު ވެއްޓޭ ގޮތަށް ޢަމަލުނުކުރުމަށް އެސޯސިއޭޝަނުން އެދުނެވެ. އަދި ރާއްޖެއަކީ ޑައިވް ކުރުމަށް ރައްކާތެރި މަންޒިލެއް ނޫން ކަމަށް ދައްކަން މަސައްކަތް ނުކުރުމަށްވެސް ބުންޏެވެ.
ޙާދިސާ ހިނގައިދިޔަ ގޮތުގެ ފުރިހަމަ އަދި ދެފުށް ފެންނަ ތަޙުޤީޤެއް ހިންގުމަށް ފުލުހުންނާއި ޓޫރިޒަމް މިނިސްޓްރީއަށް ބޯޓިން އެސޯސިއޭޝަނުން ވަނީ ގޮވާލާފައެވެ. ތަޙުޤީޤުގެ ތެރެއިން ޙަޤީޤަތް ހޯދައި، ނޭދެވޭ ޢަމަލެއް ނުވަތަ އިހުމާލެއް ވެފައިވާ ފަރާތްތަކަށް ޤާނޫނީ ފިޔަވަޅު އަޅަން ބާރުއަޅާ ކަމަށް އެ ޖަމްޢިއްޔާއިން ބުންޏެވެ.
ކަށަވަރުކުރެވިފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް މެނުވީ އެއްވެސް ފަރުދަކާމެދު ނުވަތަ ވިޔަފާރިއަކާމެދު ނާއިންސާފުން ގޮތް ނިންމައިގެން ނުވާނެ ކަމަށް އެ ނޫސްބަޔާނުގައި ފާހަގަކުރިއެވެ. ޙަޤީޤަތް ސާފުވުމުގެ ކުރިން މުޅި ދާއިރާއަށް ނިސްބަތްކޮށް ގޮތް ނުނިންމުމަށްވެސް އެސޯސިއޭޝަނުން އެދުނެވެ.
މީގެ އިތުރުން ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކުގެ ނިވަލުގައި ބޭރުގެ އުޅަނދުފަހަރު ހަރަކާތްތެރިވާ މައްސަލައިގައި ބޯޓިން އެސޯސިއޭޝަނުން ކަންބޮޑުވުން ފާޅުކުރިއެވެ. ދިވެހިންގެ އެކަށޭނަ މިލްކުވެރިކަމެއް ނުވަތަ ހިންގުމުގެ ދައުރެއް ނެތި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ފަތުރުވެރިކަމުގެ ޙަރަކާތްތައް ހިންގުމަކީ އެތައް ދުވަހެއްވީ ކަންބޮޑުވުމެއް ކަމަށް އެ ޖަމްޢިއްޔާއިން ބުންޏެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.