ކުދި ގައުމުތަކުގެ ތަރައްގީއަށާއި، ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ބޭނުންވާ އިންވެސްޓްމެންޓްތައް ހޯދުމަށް ބައިނަލްއަގުވާމީ ގުޅުންތައް އިތުރަށް ބަދަހިކުރަންޖެހޭ ކަމަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، އެންޓިގުއާ އެންޑް ބާބިއުޑާގެ ސެއިންޓް ޖޯންސްގައި މިއަދު ބޭއްވި ކޮމަންވެލްތުގެ ކުދި ގައުމުތަކާ ބެހޭ ވަޒީރުންގެ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވަމުންނެވެ. މި ބައްދަލުވުމުގެ ކޯ-ޗެއަރއެއްގެ ގޮތުގައި ވަޒީރު އިރުތިޝާމް އާދަމްގެ އިތުރުން ދެން ބައިވެރިވެވަޑައިގެންނެވީ އެންޓިގުއާ އެންޑް ބާބިއުޑާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ޓްރޭޑް އެންޑް ބާބިއުޑާ އެފެއާޒް، އޮނަރަބަލް އީ.ޕީ. ޗެޓް ގްރީންއެވެ.

މި ބައްދަލުވުމަކީ 28 ވަނަ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުން (ޗޮގަމް) ގެ ކުރިން، "ސްކޭލިންގ އަޕް ޕާޓްނަރޝިޕްސް އެންޑް އިންވެސްޓްމަންޓް ފޯ ރެޒިލިއަންޓް ސްމޯލް ސްޓޭޓްސް" މި ޝިއާރުގެ ދަށުން ބޭއްވުނު ބައްދަލުވުމެކެވެ.

އިޝްތިހާރު އިޝްތިހާރު

މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިރުތިޝާމް ވަނީ "އެންޓިގުއާ އެންޑް ބާބިއުޑާ އެޖެންޑާ ފޯ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް" (އަބާސް) ފަދަ މިހާރު ހުރި ނިޒާމުތައް ހަރުދަނާކޮށް، ވަކާލާތުކުރުމުގެ ދައުރު ފުޅާކުރުމަށް ގޮވާލައްވާފައެވެ. އަދި ދިގު މުއްދަތަކަށް، ފަސޭހަކަމާއެކު ލިބޭނެ މާލީ އެހީތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން މޫސުމީ ވިލުންވެރިކަމާއި، ހަކަތައިގެ ބަދަލުތަކާއި، ވިޔަފާރިއާއި، ދަރަނީގެ ދެމެހެއްޓެނިވިކަން އަދި ޑިޖިޓަލް ޓްރާންސްފޮމޭޝަނަށް އިންވެސްޓްމެންޓް އިތުރުކުރުމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި ޕްރައިވެޓް ސެކްޓަރާ އެކު އޮންނަ ގުޅުން ހަރުދަނާކުރަންޖެހޭ ކަމަށާއި، މޫސުމީ ބަދަލުތަކާ ގުޅިގެން ވެފައިވާ ވައުދުތައް އަމަލީ ގޮތުން ތަންފީޒުކުރެވޭނެ ވަސީލަތްތައް ހަމަޖެހެންޖެހޭ ކަމަށް ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި، ގައުމީ ފެންވަރުގައި ހިންގާ ކާމިޔާބު މަޝްރޫއުތައް ފުޅާކުރުމާއި، ފަންނީ އެހީތެރިކަން އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ރާއްޖޭގެ "މޯލްޑިވްސް ފަސްޓް" ޚާރިޖީ ސިޔާސަތުގެ އުސޫލުތަކަށް އިޝާރާތްކުރައްވައި، ގައުމުތަކުގެ މިނިވަންކަމާއި އިސްތިގުލާލަށް އަދި ގައުމީ އިސްކަންދޭ ކަންކަމަށް އިހުތިރާމްކުރާ ބައިވެރިވުންތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. މީގެ އިތުރުން ކޮމަންވެލްތުގެ އެއްބާރުލުން އޮންނަންވާނީ ސާފު އަމާޒުތަކަކާއި، ނަތީޖާ ވަޒަންކުރެވޭ ގޮތަށް އަދި ޒިންމާދާރުކަމާއެކު ކަމަށްވެސް ވިދާޅުވިއެވެ.

ބައިނަލްއަގުވާމީ މައިދާނުގައި ނިންމާ ނިންމުންތަކުގައި ކުދި ގައުމުތަކުގެ ތަމްސީލުވުން އޮތުމުގެ މުހިންމުކަން ފާހަގަކުރައްވަމުން، 2028 އިން 2030 އަށް އދ.ގެ ހިއުމަން ރައިޓްސް ކައުންސިލަށް އަދި 2033 އިން 2034 އަށް އދ.ގެ ސަލާމަތީ މަޖިލީހުގެ މެންބަރުކަމަށް ރާއްޖެއިން ކުރިމަތިލާފައިވާކަން މިނިސްޓަރ ހަނދާންކޮށްދެއްވިއެވެ.

ކޮމަންވެލްތުގެ މެންބަރު ގައުމުތަކުގެ މެދުގައި ބޭއްވުނު މި ބައްދަލުވުމުގައި، ކުދި ގައުމުތަކުގެ ދެމެހެއްޓެނިވި ތަރައްގީއަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވި ދެ ވަޒީރުން ފެށުމާއި ނިންމުމުގެ ބަސް ވިދާޅުވި އިރު، އެންޓިގުއާ އެންޑް ބާބިއުޑާގެ ބޮޑުވަޒީރު އޮނަރަބަލް ގެސްޓަން ބްރައުން ވަނީ ޚާއްސަ ތަގުރީރެއް ދެއްވާފައެވެ. އަދި ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް، ރައިޓް އޮނަރަބަލް ޝާލީ ބޮޗްވޭ ވެސް މި ބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވިއެވެ.