މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ކުރާ ކޮންމެ އިންވެސްޓްމެންޓެއްގެވެސް އެންމެ ބޮޑު އަޒުމަކީ ކުންފުނީގެ ހިއްސާދާރުންނަށް ލިބޭ ނަފާ އިތުރުކުރުން ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހާރިސް މުހައްމަދު ވިދާޅުވެއްޖެއެވެ.
އެމްޓީޑީސީއިން ހުޅުމާލޭގައި ތަރައްގީކުރި އައު އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހާރިސް ވިދާޅުވީ، މިފަދަ ކޮންމެ ބިނާއެއްގެ ސަބަބުން ކުންފުންޏަށް ލިބޭ އާމްދަނީ އިތުރުވެ ހިއްސާދާރުންނަށް ލިބޭ މަންފާ ބޮޑުވެގެންދާނެ ކަމަށެވެ. އަދި ކުންފުނީގެ އެސެޓްތައް ހިމާޔަތްކުރުމާއެކު އެތަންތަން ތަރައްގީކޮށް ނަފާ އިތުރުކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހުޅުމާލެ ފޭސް 1 ގެ ސެންޓްރަލް ޕާކު ކުރިމަތީގައި ގާއިމުކޮށްފައިވާ މި ޒަމާނީ އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުހައްމަދު އަމީންއެވެ. މިއީ އެމްޓީޑީސީއަށް ދާއިމީކޮށް އާމްދަނީ ލިބޭނެ 3 ވަނަ ބިނާކަން އެ ކުންފުނިން ފާހަގަކުރެއެވެ.
ޖުމްލަ 6,195.27 އަކަފޫޓުގެ ބިމެއްގައި، 3,345 އަކަފޫޓުގެ ބޮޑުމިނުގައި ބިނާކޮށްފައިވާ 10 ފަންގިފިލާގެ މި އިމާރާތުގައި އިދާރީ އޮފީސްތަކުގެ އިތުރުން ކޮންވެންޝަން ހޯލަކާއި، ގްރައުންޑް ފްލޯގައި ކެފޭއެއް އަދި ބޭސްމަންޓް ޕާކިން ހިމެނެއެވެ. މި އިމާރާތުގެ ސަބަބުން ކުންފުނީގެ މާލީ ހާލަތު އިތުރަށް ވަރުގަދަވެގެންދާނެއެވެ.
މިދިޔަ 20 އަހަރުގެ ތެރޭގައި އެމްޓީޑީސީއަށް ބޮޑެތި ކާމިޔާބީތަކެއް ހާސިލުކުރެވިފައި ނެތްކަމުގައި ވީނަމަވެސް، ކުރިއަށް އޮތް ތަނުގައި މަސައްކަތްތައް ފުޅާކޮށް އާމްދަނީ އިތުރުކުރެވޭނެ ކަމަށް ހާރިސް ވިދާޅުވިއެވެ. އަދި ކުރު މުއްދަތެއްގެ ތެރޭގައި އެމްޓީޑީސީގެ އިތުރު އިމާރާތެއްގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާކަންވެސް އޭނާ އިއުލާނުކުރެއްވިއެވެ.
އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ ނަފާ އާންމު ރައްޔިތުންނަށް ފޯރުކޮށްދިނުމަށާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގުސަދުގައި 2006 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. އެ ކުންފުނީގެ ބޯޑާއި މެނޭޖްމަންޓުން މިހާރު މަސައްކަތްކުރަމުންދަނީ އެހެން ފަރާތްތަކަށް ބަރޯސާނުވެ، އަމިއްލަ ފައިމައްޗަށް ތެދުވެ ކުންފުނި ހިންގޭނެ މަގު ތަނަވަސްކުރުމަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.