މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީން ތަރައްޤީކޮށްފައިވާ އޮފީސް އިމާރާތް ހުޅުވައިފިއެވެ. މިކަމަށްޓަކައި ބޭއްވި ހާއްސަ ހަފުލާ ޝަރަފްވެރިކޮށްދެއްވައި އޮފީސް އިމާރާތް ހުޅުއްވައިދެއްވީ ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީންއެވެ.
ހުޅުމާލެ ފޭސް 1ގެ ސެންޓްރަލް ޕާކުގެ ކުރިމައްޗަށްވާ ގޮތަށް، 6،195.27 އަކަފޫޓުގެ ބިމެއްގައި ޖުމްލަ 3345 އަކަފޫޓުގެ ބޮޑުމިނުގައި ތަރައްޤީކުރެވިފައިވާ މި އިމާރާތުގައި، އިދާރީ އޮފީސްތަކުގެ އިތުރުން ކޮންވެންޝަން ހޯލަކާއި، ގްރައުންޑް ފްލޯގައި ކެފޭއެއް އަދި ބޭސްމަންޓް ޕާކިންގ ވަނީ ޤާއިމުކޮށްފައެވެ. އެމްޓީޑީސީއިން ވިދާޅުވީ މި ޢިމާރާތުން ކުލީގެ ގޮތުގައި ކުންފުންޏަށް މެދުނުކެނޑި އާމްދަނީ ލިބެމުންދާނެ މަގު ފަހިވެ، މާލީ ހަމަޖެހުން އިތުރުވެގެންދާނެ ކަމަށެވެ. މިއީ ކުންފުނީގެ މިލްކިއްޔާތުގައިވާ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށާއި، އާމްދަނީ ހޯދާނެ އައު ދާއިރާތައް ހޯދުމަށް ކުންފުނިން ގެންގުޅޭ ހަރުދަނާ ސިޔާސަތު ރަމްޒުކޮށްދޭ މަޝްރޫޢެއްގެ ގޮތުގައި އެކުންފުނިން ދެކެއެވެ.
10 ފަންގިފިލާގެ ޒަމާނީ މި އިމާރާތުގެ މަސައްކަތް ފެށިގެން ދިޔައީ 30 މޭ 2022 ގައި އެޗްޑީސީ އާއެކު ވެވުނު ބިން ގަތުމުގެ އެއްބަސްވުމާއެކުއެވެ. އެއަށްފަހު، 25 ސެޕްޓެންބަރު 2023 ގައި ހުނާން ސިކްސްް އިންޖިނިއަރިންގ ކޮމްޕެނީއާ މި މަސައްކަތް ޙަވާލުކުރެވި، އިމާރަތުގެ ބިންގާ އަޅާފައިވަނީ 17 ޖުލައި 2024 ގައެވެ. އަދި މިއަދު އިމާރާތުގެ މައިގަނޑު ހުރިހާ މަސައްކަތްތަކެއް ފުރިހަމަކުރެވިފައި މި އިމާރާތް މިވަނީ ބޭނުންކުރުމަށް ތައްޔާރުވެފައިކަން އެމްޓީޑީސީއިން ފާހަގަކުރެއެވެ.
އެ ކުންފުނިން ވިދާޅުވީ މި ޢިމާރާތަކީ އެމްޓީޑީސީގެ ކުރިމަގުގެ ތަޞައްވުރާއި، ކުރިއެރުމާއި، އަދި އިޤްތިޞާދީ ގޮތުން ކުންފުނި ކުރިޔަށްދިއުމަށް ކުރެވޭ މަސައްކަތް ދައްކުވައިދޭ ރަމްޒެއް ކަމަށެވެ.
މި އައު އޮފީސް ކޮމްޕްލެކްސް ހުޅުވުމަކީ، ފަތުރުވެރިކަމުގެ ދާއިރާއަށް އެކަނި ބަރޯސާވުން ކުޑަކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ލިބޭނެ ފަދަ މުހިންމު މަޝްރޫޢުތައް ތަރައްޤީކޮށް، ކުންފުނީގެ އިންވެސްޓްމަންޓްތައް އިތުރަށް ވަރުގަދަކުރުމަށް ކުރާ މަސައްކަތް ފުޅާކޮށް، ޚިދުމަތްތައް ޒަމާނީ ފެންވަރަށް ބަދަލުކުރުމަށް ކުރެވުނު މުހިންމު މަސައްކަތްތަކުގެ ތެރެއިން ބައެއް ކަމަށްވެސް އެމްޓީޑީސީއިން ވިދާޅުވެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.