ޔޫއޭއީގެ އީގަލް ހިލްސްއިން ރަސްމާލޭގައި ހިންގާ މަޝްރޫއަށް އެއްވެސް ޝަރުތަކާ ނުލައި ފުރިހަމައަށް ތާއީދުކުރައްވާ ކަމަށާއި، ދީނާ ނުވަތަ ޒަޔަނިސްޓުންނާ ގުޅުވައިގެން ސާބިތު ނުހިފޭ ވާހަކަތައް ނުދެއްކެވުމަށް އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ。
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެ މަޝްރޫއަށް އެއްވެސް ޝަރުތަކާ ނުލައި ތާއީދުކުރައްވާ ކަމަށެވެ. އެމަނިކުފާނު ވަނީ 100 އަހަރުވުމުން ދެން ވާނެ ގޮތަކާ މެދު ބައެއް ބޭފުޅުން އުފައްދަވާ ސުވާލުތަކަށް އިޝާރާތްކުރައްވައި، އެ މަޝްރޫއަށް ފުރިހަމައަށް ތާއީދުކުރައްވާ ކަން ތަކުރާރު ކުރައްވާފައެވެ。
މީގެ އިތުރުން، ތާރީހީ ހާދިސާއަކުން މިސާލު ނަންގަވަމުން ނަޝީދު ވަނީ މީގެ ތިން ގަރުނު ކުރިން ހޯރަފުއްޓަށް އައި ތިން ނާގެ ތެރެއިން އެއް ނާ ހޯރަފުށީގައި މަޑުކޮށް އަނެއް ނާ ދުވާފަރަށް ދިޔަ ވާހަކަ ހިއްސާކުރައްވާފައެވެ。 އަދި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމަކީ އެއިން އެއް ނާއިން ވަޑައިގެންނެވި އާއިލާތަކުގެ ބޭފުޅެއް ކަމަށް އެނގިވަޑައިގެންފައިވާ ކަމަށްވެސް ވިދާޅުވިއެވެ。
ރައީސް ނަޝީދު ވަނީ ދީނާ ގުޅުވައިގެން ނުވަތަ ޒަޔަނިސްޓުންނާ ގުޅޭގޮތުން ދައްކަމުންދާ ވާހަކަތަކަކީ ސާބިތު ނުހިފޭ ވާހަކަތަކެއް ކަމަށް ވިދާޅުވެ، އެފަދަ ވާހަކަތައް ނުދެއްކުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެވަޑައިގެންފައެވެ。
އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެ ބައްދަލުވުމަށް ވަނީ އީގަލް ހިލްސްއިން ރަސްމާލޭގައި ހިންގާ މަޝްރޫއު ކުރިއަށްގެންދިއުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ގޮވާލާ ގަރާރެއް ހުށަހަޅައިފައެވެ。 އެ ގަރާރަށް ތާއީދުކުރެއްވި ބޭފުޅުންގެ ތެރޭގައި، ނަޝީދުގެ ތާއީދާއެކު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލްވެސް ހިމެނިވަޑައިގަންނަވައެވެ。 އެ ބައްދަލުވުމުގައި ބޮޑު އަގުލަބިއްޔަތަކުން އެ ގަރާރު ވަނީ ފާސްކޮށްފައެވެ。
ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދުދެއްވުމަށް ނަޝީދު ވަނީ ބަޔާނެއް ވެސް ނެރުއްވައިފައެވެ。 އެމްޑީޕީ ފަހަކަށް އައިސް އަމާޒު ހިފާފައިވާ މިސްރާބާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ދީން ނެގުމަކީ ރައްޔިތުން ކުރާ އިތުބާރު ވަރުގަދަވާނެ ކަމެއް ނޫން ކަމަށް އެ ބަޔާނުގައި ވިދާޅުވިއެވެ。
ނަޝީދު ނެރުއްވި ބަޔާނުގައި ވިދާޅުވި ގޮތުގައި، ތަނަވަސްކަން ހޯދައިދޭނެ ޕްރޮޖެކްޓްތައް ޒަޔަނިޒަމްއާ ގުޅުވައި، އަސާސެއް ނެތް ވާހަކަތައް ކުރިއެރުވުމަކީ އާންމު ބަހުސް ހީނަރުކޮށް، ގައުމީ އަދި ސިޔާސީ ކަންކަމުގެ ސީރިއަސްކަން ކުޑަކޮށްދޭ ކަމެކެވެ。
އެ ބަޔާނުގައި ނަޝީދު ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީ އުފެދިގެން އައީ އިންސާނީ ހައްގުތަކާއި، ހުޅުވިފައިވާ ވިސްނުމާއި، ގިނަ ޕާޓީ އެކުލެވޭ ޑިމޮކްރެޓިކް ނިޒާމެއް މެދުވެރިކޮށް ތަނަވަސްކަމާއި އިންސާފުވެރިކަމާއި ހަމަހަމަކަން ހޯދުމަށް ވަކާލާތުކުރަމުންނެވެ。 ނަމަވެސް މިހާރު އެ ޕާޓީ ސިފަވާ ގޮތް ތަފާތުވާން ފަށާފައިވާ ކަމަށާއި، ބިދޭސީން ދެކެ ބިރުގަންނަ އަދި ހައްދުފަހަނައެޅި ވަތަނީ ގައުމިއްޔަތެއް ކުރިއަރުވައި އެފަދަ ބޯދާ ފަލްސަފާއަކަށް ވަކާލާތުކުރާ ބައެއްގެ ގޮތުގައި އެމްޑީޕީ ސިފަވާން ފަށާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ。 އަދި މިއީ އެ ޕާޓީގެ ސިޔާސީ ތަބީއަތު ކަނޑައެޅި އެންމެ ކުރީގެ ގިނަ މެންބަރުންނާއި ސަޕޯޓަރުން ޕާޓީގެ ފަލްސަފާ ތަސައްވަރުކުރި ގޮތެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ。
މީގެ އިތުރުން، އިންތިހާބުތަކުގެ ކާމިޔާބީ ބިނާވެފައިވަނީ ޕޮޕިއުލިސްޓް ރުޅިވެރިކަމާއި ބިރުވެރިކަމާއި ބައިބައިވުމުގެ ތެރެއިން އާންމުންގެ ޖަޒުބާތު ކައްކުވައިގެން ކަމަށް ޕާޓީގެ ތެރޭގައި ބަޔަކު ގަބޫލުކުރާ ކަހަލަ ކަމަށް ނަޝީދު ވިދާޅުވިއެވެ。 އެހެން ނަމަވެސް، މި ސްޓްރެޓެޖީގެ ސަބަބުން ތާރީހީ ގޮތުން އެމްޑީޕީ ދަމަހައްޓަމުން އަންނަ ހަމައަށް ބުރޫއެރުމުގެ ނުރައްކާ އޮތް ކަމަށް އެމަނިކުފާނު އިންޒާރުދެއްވިއެވެ。 އަދި މަތިވެރި އިސްލާމީ އުސޫލުތަކުގައި ސާބިތުވެ ތިބެ، ގިނަ ގޮތްތައް ހިމެނޭ މުޖުތަމައެއްގެ ދިވެހިވަންތަކަން ބިނާކުރުމަށާއި، ހުޅުވިފައިވާ ސިކުނޑީގެ އަހުލުވެރިންގެ ގައުމަކަށް ދިވެހިރާއްޖެ ބަދަލުކުރުމުގެ ވިސްނުމަށް މީގެ ސަބަބުން ދެރަ ލިބޭ ކަމަށް ވިދާޅުވިއެވެ. ކުރު މުއްދަތެއްގެ ސިޔާސީ ފައިދާ ހޯދުމަށްޓަކައި ޕާޓީގެ މައިގަނޑު އަސާސްތަކާ ދުރުވުމަކީ ހަމައެކަނި މަގުފުރެދުމެއް ނޫން ކަމަށާއި، އެއީ ސްޓްރެޓެޖިކް ގޮތުން އަމިއްލައަށް ބަލިވުން ކަމަށްވެސް ނަޝީދު ސިފަކުރެއްވިއެވެ.
އެމްޑީޕީ މިވަގުތު އޮތީ ހަތަރު އަނގޮޅިއެއްގެ ކަންމަތީގައި ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ، މަގަށް އެމްޑީޕީ އެނބުރިއްޖެ ނަމަ، ޕާޓީގެ ތަބީއަތާއި ގޮތާއި ފޮތް ގެއްލިގެން ދިއުމުގެ ނުރައްކާ އެބައޮތް ކަމަށެވެ. އަދި އަމިއްލަ ނަފްސު ފަނާކުރަނިވި މަގެއްގައި ޕާޓީ ނުވާނެ ކަމަށް ނުހަނު އުންމީދުކުރައްވާ ކަމަށްވެސް ނަޝީދުގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ރަސްމާލޭގައި ރެސިޑެންސީ ޓޫރިޒަމަށް 20 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރުމަށް ސަރުކާރުން ޔޫއޭއީގެ އީގަލް ހިލްސްއާ ހަވާލުކުރުމާ ގުޅިގެން އެމްޑީޕީގެ އިސްވެރިންގެ ހިޔާލު ތަފާތެވެ. އެގޮތުން ރައީސް ނަޝީދު މުޅިން އެ މަޝްރޫއަށް ތާއީދުކުރައްވާ އިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޝްރޫއާ ދެކޮޅެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.