ރަސްމާލޭގައި ތަރައްގީގެ ބޮޑު މަޝްރޫއެއް ހިންގަން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރި މައްސަލައިގައި އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރަށް ފުރައްސާރަކުރުމަކީ ރާއްޖެއަށް ގެއްލުންހުރި ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖެއްގައި ނަޝީދު ވިދާޅުވީ، އަލައްބާރަށް ފުރައްސާރަކުރުމުގެ ސަބަބުން ރާއްޖޭގައި މިހާރު ހުރި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އިންވެސްޓްމަންޓްތަކަށް ވެސް ހުއްޓުން އަތުވެދާނެ ކަމަށެވެ.
އީގަލް ހިލްސްގެ މަޝްރޫއާ ގުޅިގެން އިދިކޮޅު އެމްޑީޕީން ކުރިން ރަސްމީ ބަޔާނެއް ނެރެފައިވާނެ ކަން ވެސް ނަޝީދުގެ މެސެޖުގައި ފާހަގަކުރެއްވިއެވެ.
ކުރިން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީން ވަކިކުރީ ވެސް ޕާޓީގެ ސިޔާސަތާ ދެކޮޅަށް ވާހަކަދެއްކެވުމުން ކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެންކަމުން ޕާޓީގެ ސިޔާސަތާ ދެކޮޅަށް އެމްޑީޕީގެ މެމްބަރުން ވާހަކަނުދެއްކެވުމަށް އެމަނިކުފާނު ނުސީދާކޮށް އިލްތިމާސްކުރެއްވިއެވެ.
އީގަލް ހިލްސްގެ މަޝްރޫއާ ދެކޮޅަށް ސީދާ މަސައްކަތެއް ނުކުރައްވާ ކަމަށާއި، ބޭރުގެ އިންވެސްޓަރުންނަށް އަބަދުވެސް މަރުހަބާ ކިޔާ ކަމަށް ނަޝީދު ކުރިން ވެސް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެމަނިކުފާނުގެ މައިގަނޑު ކަންބޮޑުވުމަކީ މާލެ ސަރަހައްދުގައި އެ މަޝްރޫއު ކުރިއަށް ގެންދިއުމެވެ.
އެމްޑީޕީން ނެރުނު ބަޔާނުގައި ވެސް ބުނެފައި ވަނީ ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށްޓަކައި ޕްރައިވެޓް ސެކްޓަރަށް ފުރުސަތު ދިނުމަށް ތާއީދުކުރާ ކަމަށެވެ. އެކަމަކު އީގަލް ހިލްސްގެ މުއާމަލާތާ ގުޅޭގޮތުން ސަރުކާރުންނާއި އެ ކުންފުނިން ހާމަކުރި މައުލޫމާތުގައި ފަރަގުތަކެއް ހުރިކަން އެ ޕާޓީން ފާހަގަކުރިއެވެ.
އެމްޑީޕީން ވަނީ އެ މުއާމަލާތުގެ ތަފްސީލުތައް ސާފުކޮށް ރައްޔިތުންނަށް ހާމަކުރުމަށް ސަރުކާރަށް ގޮވާލައިފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.