އެމްޑީޕީގެ ސިޔާސީ މިސްރާބާމެދު ފުންކޮށް ވިސްނާލަންޖެހޭ ފަދަ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށާއި ޕާޓީގެ ތެރެއިން މިހާރު ފެންނަނީ ހައްދުފަހަނައަޅާފައިވާ ގައުމިއްޔަތުގެ ޝިއާރުތަކެއް ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރަސްމާލެއިން 550 ހެކްޓަރުގެ ބިން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ދޭން އުޅޭ މައްސަލައިގައި، އެ ކުންފުންޏާއި އިޒްރޭލާ ގުޅުންތަކެއް އޮތް ކަމަށް ބުނެ އެމްޑީޕީގެ ބައެއް އާންމު މެންބަރުން ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި، އެމްޑީޕީގެ ގައުމީ މަޖިލީހުން އެ މަޝްރޫއާ ދެކޮޅަށް ރަސްމީ ސްޓޭންޑެއް ނެގުމަށް ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ނިންމުމާ ދެކޮޅަށް ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕުގައި ވެސް މެސެޖުތަކެއް ކުރެއްވުމަށްފަހު، ރައީސް ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެއްއިރެއްގައި އެމްޑީޕީން ވަކާލާތުކުރީ ހުޅުވާލެވިފައިވާ، އާންމު އިޖުތިމާއީ ހަމަތަކަށް އިހުތިރާމުކުރާ އަދި ޑިމޮކްރެޓިކް އިސްލާހީ ބަދަލުތަކަކަށް ކަމަށެވެ. ނަމަވެސް މިހާރު ފެންނަނީ ބޭރު މީހުންނާ ތަފާތުކުރުމާއި، ހައްދުފަހަނައަޅާފައިވާ ގައުމިއްޔަތުގެ ނާމާން ޝިއާރުތަކުގައި ހިފަމުންދާ މަންޒަރު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިޝްތިހާރު އިޝްތިހާރު

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ޕާޓީގެ އެތެރޭގައި ތިއްބެވި ގިނަ ބަޔަކަށް ގަބޫލުކުރެވިފައި ވަނީ އިންތިހާބުތައް ކާމިޔާބުކުރެވޭނީ އާންމުންގެ ޖަޒުބާތުގެ ބޭނުންކޮށްގެން ހިތްތަކުގައި ބިރުވެރިކަމާއި ބައިބައިވުން އުފައްދައިގެން ކަމަށެވެ. ނަމަވެސް ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ދީން ބޭނުންކުރުމާއި "ޒަޔަނިސްޓުން ގައުމު ހިފަނީ" ފަދަ އަސާސެއް ނެތް ވާހަކަތައް ފެތުރުމަކީ ޕާޓީގެ އިތުބާރު ބޮޑުކުރުމަށް ކުރެވޭނެ ކަމެއް ނޫން ކަމަށާއި، މިފަދަ އުކުޅުތަކުގެ ސަބަބުން އެމްޑީޕީގެ އަސާސީ ސަޕޯޓަރުންގެ ތާއީދު ގެއްލިގެންދިއުމުގެ ނުރައްކާ އޮތް ކަމަށް ވިދާޅުވިއެވެ.

ހަމައެއާއެކު އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލައްބާރަށް ފުރައްސާރަކުރުމުން ބޭރުގެ އިންވެސްޓްމަންޓްތައް ހުއްޓޭނެ ކަމުގެ އިންޒާރު ވެސް ނަޝީދު ވަނީ ދެއްވާފައެވެ.