ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން ވެފައިވާ އެއްބަސްވުން ހާމަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހެޅުމާ ގުޅިގެން، ޕާޓީގެ ރަސްމީ ސިޔާސަތާ ހިލާފަށް ވާހަކަނުދެއްކެވުމަށް އެދިވަޑައިގެން އެމްޑީޕީގެ މެންބަރުންނަށް އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ނުސީދާ އިންޒާރެއް ދެއްވައިފިއެވެ.

ރައީސް ނަޝީދު މިފަދަ މެސެޖެއް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވީ ރަސްމާލެ މަޝްރޫއުގެ އެއްބަސްވުމުގެ ތަފްސީލުތައް ހާމަކުރުމަށް ގޮވާލައި، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމް މަޖިލީހަށް ގަރާރެއް ހުށަހެޅުއްވުމާ ގުޅިގެންނެވެ. މި ގަރާރަކީ އެކަމާމެދު މަޖިލިސް މެންބަރުން ދެކެވަޑައިގަންނަވާ ގޮތް ދެނެގަތުމުގެ މަގުސަދުގައި ހުށަހެޅުއްވި ގަރާރެކެވެ.

މެންބަރުންގެ ސަމާލުކަމަށް މިކަން ގެންނަވަމުން ރައީސް ނަޝީދު ވަނީ މީގެ ކުރިން ޕާޓީގެ ސިޔާސަތާ ހިލާފުވެގެން މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް އެމްޑީޕީން ވަކިކުރި ހާދިސާ މިސާލެއްގެ ގޮތުގައި ނަންގަވާފައެވެ. އަލީ އާޒިމް ޕާޓީން ވަކިކުރީ މަޖިލީހުގެ މެންބަރަކަށް ހުންނަވައިގެން ޕާޓީގެ ސިޔާސަތާ އިދިކޮޅަށް ވާހަކަދެއްކެވުމުން ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

އިޝްތިހާރު އިޝްތިހާރު

މެދު ހެންވޭރު ދާއިރާގެ ކުރީގެ މެންބަރު އަލީ އާޒިމް އެމްޑީޕީގެ މެންބަރުކަމުން ވަކިކުރަން އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައިވަނީ 2023 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އާޒިމް ވަކިކުރަން ނިންމީ ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ފުށުއަރާ މައްސަލައިގައި އިޓްލޮސްއިން ނިންމި ނިންމުމާ ދެކޮޅަށް، އޭރުގެ އިދިކޮޅު ޕާޓީތަކާ ގުޅިގެން އޭނާ މަސައްކަތްކުރެއްވި މައްސަލައިގައެވެ.

އީގަލް ހިލްސްއާ ގުޅޭގޮތުން ޕާޓީން މިހާރު ވެސް ރަސްމީ ބަޔާނެއް ނެރެފައިވާކަން ރައީސް ނަޝީދު މެންބަރުންގެ ސަމާލުކަމަށް ގެންނެވިއެވެ. އެމްޑީޕީގެ އެ ނޫސްބަޔާނަކީ ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ ތަފްސީލުތައް ހާމަކުރުމަށާއި އެ މަޝްރޫއު ހިންގުމާ ގުޅޭގޮތުން އާންމު ވޯޓަކަށް ދިއުމަށް ގޮވާލައި މިމަހުގެ 15 ގައި ނެރުނު ނޫސްބަޔާނެކެވެ.

ރަސްމާލޭގައި އީގަލް ހިލްސްއިން ހިންގާ ބިޔަ މަޝްރޫއާ ގުޅިގެން އެމްޑީޕީގެ އިސްވެރިންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް ހުރިކަން ފާހަގަކުރެވެއެވެ. އެގޮތުން ރައީސް ނަޝީދު މުޅިން އެ މަޝްރޫއާ ދެކޮޅު ނުހައްދަވާއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވަނީ އެ މަޝްރޫއާ ދެކޮޅަށް ވާހަކަފުޅު ދައްކަވަމުންނެވެ.

އީގަލް ހިލްސް އެއްބަސްވުމާ ގުޅޭގޮތުން ރައީސް އޮފީހުން ގެނެސްދޭ "ދަ ޕަލްސް" ޕޮޑްކާސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކަށް އެއްބަސްވުން ހިއްސާކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.