ވަޒީފާތައް ބަހައިގެން ސިޔާސީ މަންފާއެއް ނުހޯދޭނެ ކަމަށާއި، 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެސް އަދި މިހާރުގެ ސަރުކާރަށް ވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އެމްޑީޕީގެ މެކްރޯ އިކޮނޮމިކް ކޮމިޓީގެ ފަރާތުން "ދަރަނި ބޮޑުވެ، ޚިދުމަތް ކުޑަވުން" މި ނަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ ދަރަނި ރީސްޓްރަކްޗަރ ކުރުމުގެ ޕްރޮގްރާމަކަށް ދިޔަނަމަ، ދަރަނީގެ ޖުމްލަ ޕްރިންސިޕަލް އަދަދުން %20 ނުވަތަ %30 މަދުވެގެން ދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އިންޓްރެސްޓުން ވެސް ބައެއް އުނިވެ، އިތުރު ގްރޭސް ޕީރިއަޑެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިޝްތިހާރު އިޝްތިހާރު

ނަމަވެސް ސަރުކާރުން އެފަދަ ޕްރޮގްރާމަކަށް ނުދިޔައީ، މާލީ ކަންކަން ސަރުކާރުން ބޭނުންވާ ގޮތަށް ކުރިއަށް ގެންދިއުމަށް ދަތިވާނެތީ ކަމަށް ލަފާކުރެވޭ ކަމަށް ނަޝީދު ވިދާޅުވިއެވެ. ޚާއްޞަކޮށް ރިކަރަންޓް ޚަރަދު މަތީގައި ބަހައްޓައިގެން ދަރަނި އަލުން އަނބުރާ އެކުލަވާލަން ދަތިވާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިހާރު ހުށަހަޅާފައިވާ ބަޖެޓުގެ %70 އަކީ ރިކަރަންޓް ޚަރަދު ކަމަށާއި، އެއީ މުސާރައަށް ކުރާ ޚަރަދު ކަމަށް ނަޝީދު ވިދާޅުވިއެވެ. މިއާއެކު ސަރުކާރުގެ ކުންފުނިތަކުގައި މުވައްޒަފުން ގިނަވުމުގެ ސަބަބުން ބޮޑު ޚަރަދެއް ދާކަމަށާއި، އެއީ ބޮޑު އިސްރާފެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ރަށެއްގެ އިންޖީނުގެއެއްގައި 1 މެގަވޯޓް ކަރަންޓް ވެސް ނުއުފައްދާއިރު 50 މީހުން ތިބޭކަން ނަޝީދު ފާހަގަކުރެއްވިއެވެ. ނަމަވެސް ރިސޯޓެއްގައި 5 މެގަވޯޓް ކަރަންޓް އުފައްދާއިރު އިންޖީނުގޭގައި ތިބެނީ 4 ނުވަތަ 5 މީހުން ކަމަށާއި، މިއީ ކުރެވޭ އިންތިހާ ބޮޑު އިސްރާފެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުން ވަޒީފާ ދެނީ ވޯޓު ހޯދުމުގެ އުންމީދުގައި ކަމަށާއި، ނަމަވެސް ވަޒީފާ ބަހައިގެން އެއްވެސް ސަރުކާރަކަށް ވޯޓު ކާމިޔާބު ނުކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި، ލޯކަލް ކައުންސިލް އިންތިޚާބުގެ އިތުރުން ފެންނަ ނުފެންނަ ވޯޓުގައި ވެސް ވަޒީފާ ބަހައިގެން ސަރުކާރަށް ވޯޓު ލިބިފައިނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެގޮތަށް ދޭ ވަޒީފާތަކަކީ ދެމެހެއްޓެނިވި ވަޒީފާތަކެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ. ޙަޤީޤީ ދެމެހެއްޓެނިވި ވަޒީފާއަކީ އިޤްތިޞާދީ ޙަރަކާތްތައް އިތުރުކޮށްގެން އުފައްދާ ވަޒީފާތައް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.