ޖުމްހޫރީ ދުވަހަކީ ދިވެހި ތާރީޚުގައި ލިބުނު ފާހަގަކޮށްލެވޭ އެންމެ ބޮޑު އެއް ކުރިއެރުން ފާހަގަކުރާ މުނާސަބަތެވެ. އެއީ ޒަމާންވީ ރަސްކަމުގެ ނިޒާމު ނިމުމަކަށް ގެނެސް، ރައްޔިތުންގެ ސީދާ ބައިވެރިވުން އެކުލެވޭ ވެރިކަމުގެ ނިޒާމަކަށް ރާއްޖެ ބަދަލުވި ތާރީޚީ ހިނދުކޮޅެވެ. މި ޤައުމީ ދުވަހުން ރަމްޒުކޮށްދެނީ ދިވެހިންގެ ކެރުމާއި، ދުރު ރާސްތާއަށް ވިސްނުމުގެ އިތުރުން މިނިވަންކަމަށް ދިން މަތީ ޤަދަރެވެ. ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު 11 ވަނަ ދުވަހު ދިވެހިން ހަނދާން އާކޮށް ދިރުވަނީ ޤައުމީ އެއްބައިވަންތަކަމާއި، މިނިވަންކަމާއި، ޑިމޮކްރެސީގެ މަތިވެރި އަސާސްތަކެވެ.

ފުރަތަމަ ޖުމްހޫރިއްޔާގެ ފެށުން (1953-1954)

ރާއްޖޭގައި އެންމެ ފުރަތަމަ ޖުމްހޫރީ ވެރިކަމެއް އުފެއްދުމުގެ ޢަމަލީ މަސައްކަތްތައް ފެށުނީ 1953 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުއެވެ. އެއީ ޒަމާންތަކެއް ވަންދެން ރާއްޖޭގައި ހިނގަމުން އައި ސުލްޠާނީ ވެރިކަން ވަކިވެ، ރާއްޖޭގެ އެންމެ ފުރަތަމަ ޖުމްހޫރިއްޔާ ރަސްމީ ގޮތުން ވުޖޫދަށް އައި ދުވަހެވެ.

އިޝްތިހާރު އިޝްތިހާރު

ސުމުއްވުލްއަމީރު އަލްޙާއްޖު ޢަބްދުލްމަޖީދު ރަންނަބަނޑޭރިކިލެގެފާނަށް ރާއްޖޭގެ ރަސްކަން ދިވެހި ރައްޔިތުން އެރުވީ 1943 ވަނަ އަހަރުގެ އޭޕްރީލް 11 ގައެވެ. އެހެންނަމަވެސް އެ ދުވަސްވަރު އެ މަނިކުފާނު ރާއްޖެއިން ބޭރުގައި ދިރިއުޅުއްވަމުން ގެންދެވުމުގެ ސަބަބުން، ރަސްކަމުގެ މަސްއޫލިއްޔަތުތަކާ ޤާނޫނީ ގޮތުން ރަސްމީކޮށް ހަވާލުވެވަޑައިގަތުމުގެ އިންތިޒާމުތައް ހަމަޖެހުމަށް ގިނަ ވަގުތުތަކެއް ނެގިއެވެ. މިގޮތުން ރަސްކަމުގެ ތަޚުތު ފަޅަށް ގިނަ ދުވަސްތަކެއް ހޭދަވުމާ ގުޅިގެން، ޤައުމުގެ ވެރިކަން ކުރިއަށް ގެންދާނެ ގޮތަކާމެދު ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ބޭއްވުނެވެ.

އެތައް ބައްދަލުވުންތަކަކަށްފަހު އެއްބަސްވެވުނު ގޮތުގައި، ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ކޮންމެ ސިފައެއްގައި ބޭއްވި ނަމަވެސް، ޤައުމުގެ އެންމެ އިސް ވެރިއެއްގެ މަޤާމަށް ރައްޔިތުން އިޚްތިޔާރުކުރީ އަލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ. ރައީސް މުޙައްމަދު އަމީން ދީދީއަކީ ދިވެހި ޤައުމަށް އަގުހުރި އެތައް ޚިދުމަތްތަކެއް ކޮށްދެއްވި ލީޑަރެކެވެ. އެ މަނިކުފާނު ވަނީ ރާއްޖޭގެ ތަޢުލީމީ ޚިދުމަތްތަކާއި، ޞިއްޙީ ދާއިރާއާއި، އިޖުތިމާޢީ ކަންކަން ތަރައްޤީކުރެއްވުމުގައި ފާހަގަކޮށްލެވޭ ފަދަ ބޮޑެތި މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ.

ކަން މިހެން އޮތް ނަމަވެސް، އެ ތާރީޚީ ޖުމްހޫރިއްޔާއާއި ރައީސް މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަމުގެ ޢުމުރަކީ އެންމެ ހަތް މަހާއި އެކާވީސް ދުވަހެވެ. 1954 ވަނަ އަހަރުގެ މާރިޗު 7 ގައި ރާއްޖޭގެ ވެރިކަން އަލުން ސުލްޠާނީ ނިޒާމަކަށް ބަދަލުކުރެވުނެވެ. މި ބަދަލާއެކު، ރާއްޖޭގެ ރަސްކަމުގެ ތަޚުތަށް އިސްކުރެވުނީ އައްސުލްޠާން މުޙައްމަދު ފަރީދު ދީދީއެވެ.

ދެވަނަ ޖުމްހޫރިއްޔާގެ އުފެދުން (1968)

ވެރިކަން އަނެއްކާވެސް ރަސްކަމަކަށް ބަދަލުވި ނަމަވެސް، ޖުމްހޫރީ ވެރިކަމެއް ދެކުމަށް ދިވެހިން ކުރަމުން އައި އުންމީދުތައް ފަނޑުވެގެން ނުދެއެވެ. ޚާއްޞަކޮށް 1965 ގައި ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުމާ ގުޅިގެން، ޖުމްހޫރީ ވެރިކަމެއްގެ މުހިންމުކަން ވަކިން ބޮޑަށް އިޙްސާސްކުރެވިގެން ދިޔައެވެ. އެހެންކަމުން، މިނިވަން ދިވެހިރާއްޖެއެއްގައި ވެރިކަން ހިންގަން އެންމެ އެކަށޭނަ ނިޒާމަކީ ކޮބައިތޯ ބެލުމަށްޓަކައި، 1968 ވަނަ އަހަރުގެ މާރިޗު މަހުގެ 15 ގައި ރައްޔިތުންގެ މެދުގައި ޢާންމު ވޯޓެއް (ރިފަރެންޑަމެއް) ނެގުނެވެ. މި ވޯޓުގައި ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން ނިންމީ ޖުމްހޫރީ ވެރިކަމުގެ ނިޒާމަކަށް ޤައުމުގެ ވެރިކަން ބަދަލުކުރުމަށެވެ.

ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާއާއި ޤައުމީ ތަރައްޤީގެ ރާސްތާ

މި ތާރީޚީ ނިންމުމާއެކު ރާއްޖޭގެ ޙަޔާތުން ފެށިގެންދިޔައީ އައު ބާބެކެވެ. އެގޮތުން 11 ނޮވެމްބަރު 1968 ގައި ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާ އިޢުލާނުކުރެވި، ޤައުމުގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި އޭރު ބޮޑުވަޒީރުގެ މަޤާމުގައި ހުންނެވި ސުމުއްވުލްއަމީރު އިބްރާހިމް ނާޞިރު ޢައްޔަންކުރެވުނެވެ. މި ދުވަހަކީ ރަސްކަމުގެ ނިޒާމަށް ނިމުމެއް ގެނެސް، ދައުލަތުގެ ބާރުތައް ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލި މުހިންމު ތާރީޚީ މޭލުގަލެކެވެ.

ރައީސް އިބްރާހިމް ނާޞިރުގެ ވެރިކަން (1968–1978)

ރާއްޖޭގެ ޒަމާނީ ތަރައްޤީގެ ބިންގާ އެޅިގެންދިޔައީ ރައީސް އިބްރާހިމް ނާޞިރުގެ ވެރިކަމުގެ ދައުރުގައެވެ. މި މުއްދަތުގައި ރާއްޖޭގެ އެންމެ ފުރަތަމަ ބައިނަލްއަޤްވާމީ ވައިގެ ބަނދަރު ކަމުގައިވާ މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓު (މިހާރުގެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު) ތަރައްޤީކުރެވުނެވެ. މީގެ އިތުރުން މަސްވެރިކަން ފުޅާކުރުމަށް މާލޭގައި ޚާއްޞަ ފިޝަރީޒް ކޮމްޕްލެކްސެއް ޤާއިމުކުރެވި، ތަޢުލީމު ފޯރުކޮށްދިނުމަށް ސްކޫލްތަކާއި ޞިއްޙީ ޚިދުމަތަށް ހޮސްޕިޓަލްތައް ބިނާކުރުމަށް ޚާއްޞަ އިސްކަމެއް ދެއްވިއެވެ. ހަމައެހެންމެ، ރާއްޖޭގެ ފަތުރުވެރިކަން ފެށިގެން އައީވެސް ރައީސް ނާޞިރުގެ ޒަޢާމަތުގައެވެ. މިއީ ރާއްޖޭގެ އިޤްތިޞާދަށް އިންޤިލާބީ ބޮޑު ކުރިއެރުމެއް ގެނުވި ނިންމެވުމެކެވެ.

ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ ވެރިކަން (1978–2008)

ރައީސް ނާޞިރުގެ ވެރިކަމަށްފަހު، 1978 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ޙަވާލުވެވަޑައިގަތީ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ. 30 އަހަރުގެ ދިގު ވެރިކަމެއް ކުރެއްވި ރައީސް މައުމޫން ވަނީ ޤައުމުގެ ކުރިއެރުމަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައެވެ. މުޅި ރާއްޖެއަށް ތަޢުލީމާއި ޞިއްޙީ ޚިދުމަތްތައް ފުޅާކުރެއްވުމުގެ އިތުރުން، ރަށްރަށުގައި ސާފު ބޯފެނާއި ނަރުދަމާގެ ނިޒާމުތައް ޤާއިމުކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރެއްވިއެވެ. އިޤްތިޞާދީ ގޮތުން ފަތުރުވެރިކަމާއި މަސްވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކުރައްވައި ދައުލަތުގެ އާމްދަނީ އިތުރުކުރެއްވިއެވެ. އަދި ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއަށް ބޮޑު މަޤްބޫލުކަމެއް ހޯއްދަވައިދެއްވިއެވެ. އެ މަނިކުފާނުގެ ވެރިކަމުގެ އެންމެ ފަހު ދުވަސްވަރުގައި ރާއްޖޭގައި ގިނަ ސިޔާސީ ޕާޓީތައް އެކުލެވޭ ޑިމޮކްރެޓިކް ނިޒާމަކަށް ވާސިލުވުމަށް މަގުކޮށިގެން ދިޔައެވެ.

ގިނަ ސިޔާސީ ޕާޓީތައް އެކުލެވޭ ނިޒާމަކަށް ބަދަލުވުން (2008 ން ފެށިގެން މިއަދާ ހަމައަށް)

2008 ވަނަ އަހަރު ބޭއްވި ފުރަތަމަ ގިނަ ޕާޓީތައް ވާދަކުރި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ވެރިކަމަށް ވަޑައިގަތީ ރައީސް މުޙައްމަދު ނަޝީދެވެ. އެ މަނިކުފާނުގެ ވެރިކަމުގައި އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށާއި ޑިމޮކްރަސީގެ އުޞޫލުތައް ކުރިއެރުވުމަށް ބޮޑު ސަމާލުކަމެއް ދެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކަލާ މެދު ދުނިޔޭގެ ސަމާލުކަން ހޯއްދެވުމަށްވެސް ރައީސް ނަޝީދު ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ.

ރާއްޖޭގެ ވެރިކަމުގެ ތާރީޚަށް ބަލާއިރު، ރައީސް މުޙައްމަދު އަމީނާއި ރައީސް އިބްރާހީމް ނާޞިރު ހިމެނިވަޑައިގަންނަވާހެން ޖުމްލަ 8 ލީޑަރަކު ވަނީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމު އަދާކުރައްވާފައެވެ. އެ ދެ ބޭފުޅުންގެ އިތުރުން ދެން އެ މަޤާމު ފުރުއްވީ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް، ރައީސް މުޙައްމަދު ނަޝީދު، ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އަދި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙެވެ. މިހާރު ވެރިކަން ކުރައްވަމުން ގެންދަވާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަކީ މި ޤައުމުގެ 8 ވަނަ ރައީސެވެ. މިއިން ކޮންމެ ވެރިކަމެއްގައިވެސް ޤައުމުގެ ކުރިއެރުމަށް އަމާޒުކޮށްގެން އެކި ސިޔާސަތުތައް އެކަށައަޅައި، ގިނަގުނަ މަޝްރޫޢުތައް ވަނީ ހިންގާފައެވެ.

އެގޮތުން، ފާހަގަކޮށްލެވޭ ބޮޑެތި އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކާއި، މުޖުތަމަޢާއި އިޤްތިޞާދު ހަރުދަނާކުރުމުގެ މަސައްކަތްތައް އަންނަނީ ކުރެވެމުންނެވެ. މިއަދު ދުނިޔޭގެ ފެންވަރުގައި މަޤްބޫލު ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ރާއްޖެ ފާހަގަވެފައިވާއިރު، މިއީ ޑިމޮކްރަސީގެ ހަމަތަކަށާއި އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށް ޚާއްޞަ އިސްކަމެއްދޭ ޤައުމެކެވެ.

ޖުމްހޫރީ ދުވަހުގެ މުހިންމުކަން

ޖުމްހޫރީ ދުވަހަކީ ކަލަންޑަރުގައި އޮންނަ އާދައިގެ ރަސްމީ ބަންދު ދުވަހެއް އެކަންޏެއް ނޫނެވެ. މިއީ ދިވެހި އުންމަތަށް ލިބިފައިވާ މިނިވަންކަމާއި، އެއްބައިވަންތަކަމުގެ ބަދަހި ގުޅުމާއި، ޑިމޮކްރެޓިކް ހަމަތައް ފާހަގަކޮށް އުފާފާޅުކުރާ މުނާސަބަތެކެވެ. މި ދުވަހުގެ ޤައުމީ ޖޯޝާއި ރޫޙު އާލާކުރުމުގެ ގޮތުން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޤައުމާ މުޚާޠަބުކުރައްވައި ޚިޠާބު ދެއްވުމުގެ އިތުރުން، ޤައުމީ ފެންވަރުގެ ޝަރަފުވެރި އިނާމުތައް ދެއްވައެވެ. ހަމައެއާއެކު، ޤައުމަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ފަރާތްތަކުގެ މަސައްކަތް ބަލައިގަނެ، ސަރުކާރުން އިނާމު ދެއްވައެވެ. މީގެއިތުރުން ޤައުމީ ދިދަ ނެގުމުގެ ޙަފްލާތަކާއި، ސިފައިންގެ ހެވިކަމުގެ ހަރަކާތްތަކާއި، މަދަރުސާތަކާއި އެކި މުއައްސަސާތަކުގައި ޚާއްޞަ އިޙްތިފާލުތައް ބާއްވައެވެ. މިއީ ޤައުމިއްޔަތާއި މިނިވަންކަމުގެ ޙައްޤުގައި ކާބަފައިން ވެފައިވާ މަތިވެރި ޤުރުބާނީތަކާއި ކުރި ބުރަ މަސައްކަތްތައް ހަނދާންކޮށް، ދިވެހިން ޝުކުރުވެރިވާންޖެހޭ ދުވަހެކެވެ. އަދި ޖުމްހޫރީ ވެރިކަމެއްގެ ތެރެއިން ރައްޔިތުންނަށް ކަށަވަރުވެފައިވާ ޙައްޤުތަކާއި މިނިވަންކަމުގެ އަގު ދެނެގަތުމަށް ބާރުއަޅައިދޭ ދުވަހެއްވެސް މެއެވެ.

މި މުހިންމު ދުވަސް ފާހަގަކުރަމުންދާއިރު، ރާއްޖޭގެ މާޒީއާއި ޤައުމީ ޙަޔާތުގައި ޖުމްހޫރިއްޔަތު ޤާއިމުކުރުމަށްޓަކައި ކުރެވުނު މިންނެތް މަސައްކަތްތަކުގެ އަގު އަންނަން އޮތް ޒުވާން ޖީލަށް އުނގަންނައިދިނުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. ޤައުމުގެ އެއްބައިވަންތަކަމާއި އަމާންކަމާއި ތަރައްޤީ ދެމެހެއްޓުމުގައި ޖުމްހޫރީ ނިޒާމު އަދާކުރާ މުހިންމު ދައުރު އެކުދިންނަށް ސާފުކޮށްދޭންޖެހެއެވެ. ޖުމްހޫރީ ވެރިކަމެއްގެ މައިގަނޑު އަސާސްތައް ކަމުގައިވާ ޢަދުލުއިންޞާފާއި، ހަމަހަމަކަމާއި، އަސާސީ ޙައްޤުތައް ރައްކާތެރިކުރުމަކީ އަބަދުވެސް އެންމެ އިސް ސަފުގައި ބަހައްޓަންޖެހޭ އަގުތަކެކެވެ.

ނިންމުން

ދިވެހިރާއްޖޭގައި ޖުމްހޫރީ ވެރިކަމެއް ޤާއިމުވެގެން އައި ދިގު ރާސްތާއަކީ ދިވެހި ރައްޔިތުންގެ ކެކުޅުމާއި، ސާބިތުކަމާއި، ޤައުމުދެކެ ވާ މަތިވެރި ލޯބި ހާމަކޮށްދޭ ދަތުރެކެވެ. ތާރީޚުގެ މި ޢިބްރަތްތެރި ފިލާވަޅުތަކުން ދަރުސް ޙާޞިލުކޮށް، އުޖާލާ މާދަމާއެއް ހޯދުމަށްޓަކައި އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތްކުރަން ޖެހެއެވެ. ޖުމްހޫރިއްޔަތުގެ އަސާސްތަކަށް އިޙްތިރާމްކޮށް، ޤައުމުގެ ސުލްޙަވެރިކަމާއި މިނިވަންކަން ދެމެހެއްޓުމަށް އަބަދުމެ ހޭލުންތެރިވެ ތިބުމަކީ ކޮންމެ ދިވެހި ދަރިއެއްގެވެސް ފަރުދީ ވާޖިބެކެވެ. ދިވެހި އުންމަތުގެ އުފާވެރި މުސްތަޤްބަލަކަށްޓަކައި އަޅުގަނޑުމެން އެންމެން ކުރާ އުންމީދަކީ މިއީއެވެ.