މިހިނގާ ނޮވެންބަރު މަހުގެ 12 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ވަނީ މިކަން އިޢުލާނު ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ، ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރާ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވެފައި، ޖެހިގެން އަންނަ ނޮވެންބަރު މަހުގެ 12 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރުގެ ރަސްމީ މަސައްކަތު ދުވަހެއްގެ ގޮތުގައި އޮތުމުންނެވެ.

އެހެންކަމުން، ހަފުތާ ބަންދުގެ ދުވަސްތަކާއެކު، ބަންދު ދުވަސްތަކަށް އެއްވެސް މެދުކެނޑުމެއް ނައިސް ސަރުކާރުގެ މުވައްޒަފުންނަށް ޗުއްޓީ ލިބޭނޭ އިންތިޒާމު ހަމަޖައްސަވައި ދެއްވުމުގެ މަޤްޞަދުގައި، ނޮވެންބަރު 12 ވަނަ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ.

އިޝްތިހާރު އިޝްތިހާރު

މި ނިންމެވުމާ ގުޅިގެން، ޖުމްހޫރީ ދުވަހުގެ ބަންދަށްފަހު ދެން ސަރުކާރުގެ އޮފީސްތައް ރަސްމީކޮށް ހުޅުވޭނީ ހަފުތާ ބަންދަށްފަހު ފެށޭ އާދީއްތަ ދުވަހުއެވެ. މިކަމުގެ ސަބަބުން ސަރުކާރުގެ މުވައްޒަފުންނަށް ޢާއިލާއާއެކު ހޭދަކޮށްލުމަށް ދިގު ޗުއްޓީއެއް ލިބިގެންދާނެއެވެ.