މޯލްޑިވިއަންގެ ފްލީޓުގައި ހިމެނޭ ބޯޓުތައް އޭޓީއާރު މަރުކާއަށް ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން ގެންނަ 6 ވަނަ ބޯޓު، އެންމެ ލަސްވެގެން އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ލިބޭނެ ކަމަށް އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަލީ ސަލީމް ބޭއްވި ރަސްމިއްޔާތެއްގައި ވިދާޅުވެއްޖެއެވެ.
މި ވާހަކަ އޭނާ ދެއްކެވީ ފްލީޓަށް އަލަށް އިތުރުކުރި ބޯޓު ރާއްޖެ ގެނައުމާ ގުޅިގެން ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. އައިލެންޑް އޭވިއޭޝަނުން ދަނީ ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަލީ ސަލީމް ވިދާޅުވި ގޮތުގައި، މި މަހުގެ ފަހުކޮޅު ނުވަތަ އަންނަ އަހަރުގެ ފުރަތަމަ މަހުގެ ތެރޭގައި އިތުރު އޭޓީއާރު ބޯޓެއް ކުންފުނީގެ ފްލީޓަށް އިތުރުކުރެވޭނެއެވެ. މިއީ މިހާރު އޮތް ޑިމާންޑަށް ބަލާއިރު ކަސްޓަމަރުންނަށް ވަރަށް މުހިންމު ކުރިއެރުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މޯލްޑިވިއަންގެ ފްލީޓުގައި ހުރި ޑޭޝް8 މަރުކާގެ ބޯޓުތައް އުވާލައި، އޭޓީއާރު މަރުކާގެ ބޯޓުތަކަށް ބަދަލުކުރަން ފެށީ 2022 ވަނަ އަހަރުއެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށް 5 އޭޓީއާރު ބޯޓު ގެނެސް، ދަތުރުތަކުގައި ބޭނުންކުރަން ވަނީ ފަށައިފައެވެ.
ކުރިއަށް އޮތް ޗުއްޓީ ދުވަސްވަރަށާއި ފަތުރުވެރިކަމުގެ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ދަތުރުކުރާ މަންޒިލްތައް އިތުރުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން ކުންފުނީގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، ކުރިއަށް އޮތް 2 މަސް ނުވަތަ 3 މަސްދުވަހުގެ ތެރޭގައި އޮންލައިންކޮށް ލައުންޖާއި ސީޓު ހުށަހެޅޭނެ ގޮތް ހަމަޖެއްސުމަށް ވަނީ ރޭވިފައެވެ.
މޯލްޑިވިއަންގެ ފްލީޓުގައި މިވަގުތު ޖުމްލަ 27 މަތިންދާބޯޓު އޮވެއެވެ. އޭގެ ތެރޭގައި ވައިޑް-ބޮޑީ އެއާބަސް އޭ330 މަރުކާގެ ބޯޓަކާއި، ނެރޯ-ބޮޑީ އެއާބަސް އޭ320 މަރުކާގެ ބޯޓެއްގެ އިތުރުން އޭޓީއާރު މަރުކާގެ 5 ބޯޓާއި، ޑޭޝް8 މަރުކާގެ 9 ބޯޓު އަދި ޑޭޝް6 މަރުކާގެ 11 ޓްވިން އޮޓާ ބޯޓު ހިމެނެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.