ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގުތައް ހެޔޮކޮށް، ދަތުރުފަތުރުގެ ނިޒާމު އިތުރަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ޚާއްޞަ ސަބްސިޑީއެއް ދިނުމަށް 2027 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމަނައިފިއެވެ.
މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 2027 ވަނަ އަހަރުގެ ބަޖެޓުގައިވާ ގޮތުން، ރާއްޖޭގެ އެންމެ އުތުރާއި ދެކުނުގެ ސަރަޙައްދުތަކަށް ވައިގެ މަގުން ކުރާ ދަތުރުތަކުގެ ޚަރަދު ކުޑަކުރުމަށްޓަކައި "ސައުތު އަދި ނޯތު ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ނަމުގައި މުހިންމު މަޝްރޫޢެއް ހިންގުމަށް ވަނީ ރާވާފައެވެ.
މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ އަތްފޯރާ އަގެއްގައި ރައްޔިތުންނަށް ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދިނުން ކަމަށްވާއިރު، މިކަމަށް ބޭނުންވާ ފައިސާ ހަމަޖައްސަން ނިންމާފައިވަނީ ޓްރާންސްޕޯޓް ސަބްސިޑީގެ ތެރެއިންނެވެ. އެގޮތުން އަންނަ އަހަރުގެ ބަޖެޓުގައި ޓްރާންސްޕޯޓް ސަބްސިޑީގެ ގޮތުގައި ޖުމްލަ 300 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
ބަޖެޓުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޓްރާންސްޕޯޓް ސަބްސިޑީގެ ގޮތުގައި ކަނޑައެޅި ފައިސާގެ ތެރެއިން 111 މިލިއަން ރުފިޔާ ޚާއްޞަކޮށްފައިވަނީ ނޯތު ކަނެކްޓިވިޓީ ޕްރޮޖެކްޓުގެ ދަށުން އެތެރޭގެ އުދުހުންތަކުގެ ޓިކެޓް އަގު ހެޔޮކުރުމަށެވެ. ނަމަވެސް، މި ސަބްސިޑީ ޢަމަލީ ގޮތުން ދޫކުރާނެ އުޞޫލާއި ތަންފީޒުކުރާނެ ގޮތުގެ ތަފްޞީލުތަކެއް އަދި ބަޖެޓުގައި ހާމަކޮށްފައެއް ނުވެއެވެ.
މީގެއިތުރުން، ޓްރާންސްޕޯޓް ސަބްސިޑީގެ ބާކީބައި ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ފެރީގެ ޚިދުމަތް މިހާރު ނުފެށި ހުރި އަތޮޅުތަކަށް އެ ޚިދުމަތް ފުޅާކުރުމަށާއި، އާންމުންނަށް އެކަށީގެންވާ އަގުހެޔޮ ރޭޓެއްގައި އެ ޚިދުމަތް ދެމެހެއްޓުމަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.