އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުން އެކުލަވާލި ވަގުތީ ކޮމިޓީގެ މުޤައްރިރަކަށް ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސް އަހުމަދު ސަލީމް މި އަހަރުވެސް ހޮވައިފިއެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މުޤައްރިރަކަށް ސަލީމް އައްޔަންކުރަން ހުށަހަޅުއްވާފައިވަނީ، ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހުއެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ކެލާ ދާއިރާގެ މެންބަރު އަބްދުﷲ ޝަރީފެވެ. އަދި ސަލީމް ކޮމިޓީގެ މުޤައްރިރަކަށް އައްޔަންކުރުމަށް ކޮމިޓީގެ ހުރިހާ މެމްބަރުން ވޯޓު ދެއްވިއެވެ.

މީގެއިތުރުން ކޮމިޓީގެ ނައިބު މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަޒާދު ވަނީ ހަމަޖައްސަވާފައެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި ގުޅޭ ބަހުސްގައި ކޮންމެ މެންބަރަކަށްވެސް 15 މިނެޓުގެ ފުރުޞަތެއް ދިނުމަށް އާންމު ކޮމިޓީން ނިންމަވާފައިވެއެވެ. އަދި ބަހުސް ކުރިއަށްދާއިރު މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދިނުމަށް މާލީ ވަޒީރަށް 45 މިނެޓުގެ ފުރުސަތެއް ދިނުމަށް ނިންމަވާފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނީ، މުޅި ޖުމްލަ 59,704,440,795 (ފަންސާސް ނުވަ ބިލިޔަން، ހަތްސަތޭކަ ހަތަރު މިލިޔަން، ހަތަރު ލައްކަ ސާޅީސްހާސް ހަތް ސަތޭކަ ނުވަދިހަ ފަސް ރުފިޔާ) ގެ ބަޖެޓެކެވެ. މިއީ، މިއަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓާއި އަޅާބަލާއިރު 4.5 ބިލިޔަން ރުފިޔާގެ ދަށް އަދަދެކެވެ. މިއަހަރުގެ ބަޖެޓަކީ، 64.2 ބިލިޔަން ރުފިޔާއެވެ.

މި ބަޖެޓުގެ ތަފްސީލުތަކަށް ބަލާއިރު، ޚަރަދުގެ ގޮތުގައި ހިނގާނެކަމަށް ލަފާކޮށްފައިވަނީ 52.6 ބިލިޔަން ރުފިޔާއެވެ. މި ޚަރަދުގެ ބޮޑު ބައެއް ކަމަށްވާ 42.7 ބިލިޔަން ރުފިޔާ ހިމެނެނީ، ހިންގުމުގެ ޚަރަދު ނުވަތަ ރިކަރަންޓު ޚަރަދުގެ ގޮތުގައެވެ. ދައުލަތުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ހިމެނޭ ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.9 ބިލިޔަން ރުފިޔާ ހިމެނެއެވެ. އަދި ޕީއެސްއައިޕީއަށް 8.2 ބިލިޔަން ރުފިޔާގެ ބަޖެޓެއް ވަނީ ހިމަނާފައެވެ.