އެމެރިކާގެ މިޝިގަން ސްޓޭޓުން ހުސްވެފައިވާ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ޑިމޮކްރެޓިކް ޕާޓީގެ ޢަބްދުލް އަލް-ސައްޔިދު ހޯއްދަވައިފިއެވެ.
މީޑިއާތަކުގެ ޕްރޮޖެކްޝަންތަކުން ދައްކާ ގޮތުގައި، މި އަންގާރަ ދުވަހު ބޭއްވި މިދައުރުގެ މެދުތެރޭގެ އިންތިޚާބުގައި 42 އަހަރުގެ އަލް-ސައްޔިދު ވަނީ ވަރަށް ވާދަވެރި ރޭހަކަށްފަހު މި ގޮނޑި ކާމިޔާބު ކުރައްވާފައެވެ. މިއީ ޑިމޮކްރެޓިކް ޕާޓީގެ ޕްރޮގްރެސިވް ފެކްޝަނަށް ލިބުނު ބޮޑު ކުރިއެރުމެއްގެ އިތުރުން، ސެނެޓުގެ އަޣުލަބިއްޔަތު ހޯދުމަށް އެ ޕާޓީން ކުރަމުންދާ މަސައްކަތުގައި ލިބުނު މުހިންމު ކާމިޔާބީއެކެވެ. މީގެއިތުރުން، މި ނަތީޖާއާއެކު، ސިޔާސީ ދާއިރާއިން ރިޓަޔަރ ކުރައްވާ ޑިމޮކްރެޓިކް ސެނެޓަރ ގެރީ ޕީޓާސްގެ ގޮނޑި ރިޕަބްލިކަން ޕާޓީއަށް ޖަހައިގަތުމަށް ލިބުނު ފުރުޞަތު ވަނީ ގެއްލިފައެވެ.
އާންމު ޞިއްޙަތާ ބެހޭ ދާއިރާގެ ކުރީގެ އޮފިޝަލެއް ކަމަށްވާ އަލް-ސައްޔިދުގެ ކެމްޕޭނުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ އާދައިގެ ޢާއިލާތަކުގެ ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށާއި، ސިޔާސީ ކަންކަމަށް ބޮޑެތި ކޯޕަރޭޝަންތަކުން ފޯރުވާ ނުފޫޒު ކުޑަކުރުމަށެވެ. އަދި އޭނާގެ ސިޔާސަތުތަކުގެ ތެރޭގައި ސަރުކާރުން ޚަރަދުކުރާ އެންމެންގެ ޞިއްޙީ ކަށަވަރުކަމުގެ ޕްރޮގްރާމެއް ކަމަށްވާ "މެޑިކެއަރ ފޮރ އޯލް" ހިމެނެއެވެ.
މި އިންތިޚާބާ ކުރިމަތިލީއިރު ސެނެޓުގެ އަޣުލަބިއްޔަތު އޮތީ 53-47 ގޮނޑިން ރިޕަބްލިކަނުންގެ އަތުގައެވެ. އެހެންކަމުން ސެނެޓުގެ ކޮންޓްރޯލް އަނބުރާ ހޯދުމަށް ޑިމޮކްރެޓުންނަށް އިތުރު ހަތަރު ގޮނޑި ކާމިޔާބުކުރަން ޖެހެއެވެ.
މި އިންތިޚާބުގައި އަލް-ސައްޔިދާ ވާދަކުރެއްވީ އެފްބީއައިގެ ކުރީގެ އޭޖެންޓެއް އަދި ކުރީގެ ކޮންގްރެސް މެންބަރެއް ކަމަށްވާ އުމުރުން 63 އަހަރުގެ މައިކް ރޮޖަރސްއެވެ. ރޮޖަރސް އިންތިޚާބަށް ނުކުމެވަޑައިގަތީ ޑޮނަލްޑް ޓްރަމްޕާއި ޤައުމީ ފެންވަރުގެ ރިޕަބްލިކަން ޕާޓީގެ ވަރުގަދަ ތާއީދާއެކުގައެވެ. ކެމްޕޭނުގެ ތެރޭގައި ރޮޖަރސް ވަނީ އަލް-ސައްޔިދަކީ ހައްދުފަހަނައެޅި މުސްލިމް ބްރަދަހުޑް ޖަމާޢަތާ ގުޅުން އޮންނަ، ހަރުކަށި ފިކުރުގެ ބޭފުޅެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް އެއްވެސް ހެއްކެއް ނެތް މި ތުހުމަތުތައް އަލް-ސައްޔިދު ދޮގުކުރެއްވިއިރު، ޑިމޮކްރެޓުން ބުނެފައިވަނީ މިއީ އިސްލާމޮފޯބިއާ (އިސްލާމްދީނާ ދެކޮޅު ވިސްނުން) ފެތުރުމަށް ކުރި ކަމެއް ކަމަށެވެ.
މީގެއިތުރުން، އިސްރާއީލަށް އެމެރިކާއިން ދޭ އަސްކަރީ އެހީއާ އަލް-ސައްޔިދު ދެކޮޅު ހެއްދެވުމާއި، ޣައްޒާގައި އިސްރާއީލުން ހިންގަމުންދަނީ ނަސްލުހޭދައެއް (ޖެނޮސައިޑެއް) ކަމަށް އޭނާ ސިފަކުރައްވާފައިވާތީ، ޔަހޫދީ ވޯޓަރުންގެ ރުހުން ހޯދުމަށްވެސް ރޮޖަރސް ގިނަ މަސައްކަތްތަކެއް ކުރެއްވިއެވެ.
ނަމަވެސް، އިޤްތިޞާދީ ދަތިތަކާ މެދު ރައްޔިތުންގެ މެދުގައި އޮތް ކަންބޮޑުވުންތަކާއި ޓްރަމްޕަށް އޮތް ތާއީދު ދަށްވުމުގެ ސަބަބުން ރޮޖަރސްއަށް ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. ކެމްޕޭނުގެ ފަހު ހަފްތާތަކުގައި ވިޔަފާރިތަކަށާއި ޢާންމުންގެ ޚަރަދުތައް ކުޑަކުރުމަށްޓަކައި، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައާއި ކެނެޑާއާއެކު އޮތް ވިޔަފާރީގެ މައްސަލަ ހައްލުކުރަން ޖެހޭ ކަމަށް ބުނެ ރޮޖަރސް ވަނީ ޓްރަމްޕްގެ ސިޔާސަތުތަކާ ދެކޮޅަށްވެސް ވާހަކަދައްކަވާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.