އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ދައުރުގެ މެދުތެރެއިން ބާއްވާ މިޑްޓާމް އިންތިހާބުގެ ވޯޓުލުމުގެ ހަރަކާތްތައް މިހާރު ވަނީ ފެށިފައެވެ.

މި އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން، ވެރިކަން ހިންގާ ރިޕަބްލިކަން ޕާޓީއާއި އިދިކޮޅު ޑިމޮކްރެޓިކް ޕާޓީން ވެސް ވަނީ ވަރުގަދަ ކެމްޕޭން ހަރަކާތްތަކެއް ހިންގާފައެވެ. ދެ ފަރާތުގެ ވެސް އެންމެ ބޮޑު އަމާޒަކަށް ވެފައިވަނީ، މިވަގުތު ރިޕަބްލިކަނުންގެ ބާރު އޮތް އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ދެ ގެ ކަމަށްވާ، ސެނެޓާއި ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު އަތުލުމެވެ.

ވޯޓުލުމާ ދިމާކޮށް ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމުގެ ސާވޭތަކުން ހާމަވާ ގޮތުގައި، ރައީސް ޑޮނަލްޑް ޓްރަމްޕަށް އޮތް އާންމުންގެ ތާއީދު ވަނީ ވަރަށް ބޮޑަށް ދަށްވެ، ތާރީހީ ގޮތުން އެންމެ ދަށް ދަރަޖައަކަށް ވެއްޓިފައެވެ.

އިޝްތިހާރު އިޝްތިހާރު

އާދަކާދައިގެ މަތިން މިޑްޓާމް އިންތިހާބުތަކުގައި ވެރިކަންކުރާ ފަރާތަށް ކުރިމަތިވާ ނާކާމިޔާބީގެ ފައިދާ ނަގައި، "ބްލޫ ވޭވް" އެއްގެ ތެރެއިން ކޮންގްރެސްގެ ދެ ގެއިން ވެސް ކުރިހޯދުމަކީ ޑިމޮކްރެޓުންގެ ބޮޑު އުންމީދެކެވެ. އެ ޕާޓީގެ ބޭނުމަކީ ގައުމަށް ހިޖުރަކުރާ ފަރާތްތަކާ ދެކޮޅަށް ސަރުކާރުން ހިންގާ ހަރުކަށި ސިޔާސަތުތަކާއި، އިސްރާއީލާ ގުޅިގެން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ އިތުރުން، އިމްޕޯޓް މުދަލުން ނަގާ ބޮޑެތި ޓެރިފްތައް ފަދަ ޓްރަމްޕްގެ ނިންމެވުންތައް ހުއްޓުވުމެވެ.

ފަހުގެ ދިރާސާތަކަށް ބަލާއިރު، ހައުސްގެ އަޣުލަބިއްޔަތު ލިބުމުގެ ފުރުސަތު ބޮޑީ ޑިމޮކްރެޓުންނަށެވެ. ސެނެޓްގެ ކޮންޓްރޯލް ހޯދުމަކީ އުނދަގޫ ކަމެއް ކަމުގައި ވިޔަސް، އޮހާޔޯ، ޓެކްސަސް އަދި މެއިން ފަދަ މުހިންމު ސްޓޭޓްތަކުގައި އެ ޕާޓީން ވަރުގަދަ ނަތީޖާއެއް ނެރޭނެ ކަމަށް ވަނީ ލަފާކުރެވިފައެވެ. ނިއުޔޯކް ޓައިމްސްއާއި ސިއެނާ ޔުނިވާސިޓީ ގުޅިގެން ކުރިއަށް ގެންދިޔަ ޕޯލް ދައްކާ ގޮތުގައި، އެންމެ ވާދަވެރިކަން ބޮޑު 7 ސްޓޭޓުގެ ތެރެއިން 5 ސްޓޭޓެއްގައި ކުރީގައި އުޅެނީ ޑިމޮކްރެޓުންނެވެ.

މި އިންތިހާބުގައި އެމެރިކާގެ ރައްޔިތުން އެންމެ ބޮޑަށް ކަންބޮޑުވަނީ ސަރުކާރުގެ ކޮރަޕްޝަނާއި ތަކެތީގެ އަގު ބޮޑުވުމުގެ މައްސަލައިގައެވެ. ރައީސްކަމާ އަލުން ހަވާލުވެވަޑައިގެންނެވި ފަހުން ޓްރަމްޕް އަމިއްލަފުޅު މަންފާއަށް 2.2 ބިލިއަން ޑޮލަރު ހޯއްދަވާފައިވާ ކަމަށް ތުހުމަތުކުރެވޭއިރު، އިސްރާއީލާ ގުޅިގެން އީރާނާ ދެކޮޅަށް ހިންގާ އަސްކަރީ ކުރިމަތިލުންތަކުގެ ސަބަބުން ތެލުގެ އަގު އުފުލި، އާންމު ދިރިއުޅުމުގެ ހަރަދުތައް ވަނީ އިންތިހާއަށް އުފުލިފައެވެ.

އިންތިހާބުގެ އިންތިޒާމުތައް ބެލެހެއްޓުމަށްޓަކައި ޖަސްޓިސް ޑިޕާޓްމަންޓުން 1،000 އޮފިޝަލުން ހަރަކާތްތެރި ކުރުވުމަށް ނިންމުމަކީ، ވޯޓުލާ އާންމުންނަށް ބިރުދެއްކުމަށް ސަރުކާރުން ހިންގާ ރޭވުމެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.