ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ކުރިއަރަމުން އަންނަ ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލްގެ ނަމާ ގުޅޭގޮތުން އަރާފައިވާ އޮޅުން، އޭނާގެ ބައްޕަ މުނީރު ނަސްރާއުއީ ސާފުކޮށްދީފިއެވެ.
ދުނިޔޭގެ މަޝްހޫރު އެއް ކުޅުންތެރިޔާއަށް މީޑިއާތަކުންނާއި ސަޕޯޓަރުން އާންމުކޮށް އޭނާއަށް މުޚާޠަބު ކުރަނީ 'ޔަމާލްގެ ނަމުންނެވެ. އެއީ އޭނާގެ އާއިލީ ނަން ކަމަށް ބަލައިގެންނެވެ.
ނަމަވެސް، ލައިވް ބްރޯޑްކާސްޓެއްގައި ވާހަކަދައްކަމުން އޭނާގެ ބައްޕަ މުނީރު ނަސްރާއުއީ ބުނީ، 'ލަމީން ޔަމާލް' އަކީ އެއްކޮށް ކިޔާ ފުރަތަމަ ނަންކަމަށެވެ. އެއީ ސްޕެއިންގެ ނަންތައް ކަމަށްވާ 'ލުއިސް އެންރީކޭ' ނުވަތަ 'ހޯސޭ މާރިއާ' ފަދަ ނަމެކެވެ. އޭނާގެ ހަގީގީ އާއިލީ ނަމަކީ 'ނަސްރާއުއީ އެބާނާ' އެވެ. އެހެންކަމުން، ފުރަތަމަ ނަމުގެ ދެވަނަ ބައި ކަމުގައިވާ 'ޔަމާލް' އެކަނި ބޭނުންކޮށްގެން އޭނާއަށް މުޚާޠަބު ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ބައްޕަ ފާހަގަކުރިއެވެ.
އަހަރެން ތިޔަ އެންމެންނަށް ވާހަކައެއް ބުނެދޭނަން. އޭނާގެ ނަމަކީ ލަމީން ޔަމާލް، އެކަމަކު ޔަމާލް އަކީ އޭނާގެ ސާނޭމެއް ނޫން. އޭނާގެ ސާނޭމަކީ ނަސްރާއުއީ އެބާނާ. އަހަރެން ބޭނުންވަނީ އެންމެންނަށްވެސް މިކަން ސާފުވާން، އެހެންވީމާ އޮޅުން ނާރުވާ.
މުނީރު ބުންޏެވެ.
އަދި ލަމީން ޔަމާލް ދަނޑުމަތީގައި ހުރިހާ ހިނދަކު އެހެން އެއްވެސް މީހަކަށް އެންމެ ކުރީގައި ނުހުރެވޭނެ ކަމަށްވެސް އޭނާ ބުންޏެވެ.
ލަމީންގެ އުމުރުން 16 އަހަރުގައި 'މުންޑޯ ޑިޕޯޓިވޯ' އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ، އޭނާގެ ނަމަކީ ލަމީން ޔަމާލް ކަމަށާއި، ކުރުކޮށް ކިޔަން ބޭނުންނަމަ ކިޔަންވާނީ 'ލަމީން' ކަމަށެވެ.
ބާސެލޯނާއާއެކު ދެ ފަހަރަށް ލަލީގާ ކާމިޔާބުކޮށް، ސްޕެއިންގެ ގައުމީ ޓީމާއެކު ޔޫރޯ އަދި ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ މިހާރު ޢުމުރުން 19 އަހަރުގެ މި ޒުވާން ތަރި ވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ސަފުން ޖާގަ ހޯދާފައެވެ. ދާދިފަހުން ލަންޑަންގައި ބޭއްވި ބެލަންޑޯ އެވޯޑް ހަފްލާގައި، ހެރީ ކޭން އެއްވަނަ ހޯދި މި ރޭހުގެ ތިންވަނަ މަގާމު ހޯދީވެސް ލަމީން ޔަމާލްއެވެ.
މިހާރު ބާސެލޯނާގެ ތާރީޚީ 10 ނަންބަރު ޖާޒީގައި ކުޅެމުން އަންނަ ލަމީން ޔަމާލް ދަނީ ދަނޑުމަތީގައި އާދަޔާޚިލާފު މޮޅު ކުޅުމެއް ދައްކަމުންނެވެ. މި ސީޒަނުގައި މިހާތަނަށް އޭނާ ވަނީ 12 ލަނޑު ޖަހައި، 11 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. އޭނާގެ އެންމެ ފަހުގެ މޮޅު ކުޅުން ފެނިގެންދިޔައީ އަލަވޭސް އަތުން 6-1 ގެ ބޮޑު ތަފާތަކުން ބާސެލޯނާ މޮޅުވި މެޗުގައެވެ. އެ މެޗުގައި އޭނާ ވަނީ ދެ ލަނޑު ޖަހައި، އެއް ލަނޑު ޖެހުމަށް ފުރުސަތު ތަނަވަސްކޮށްދީފައެވެ. އޭނާގެ ޖާޒީގެ ފުރަގަހުގައި އަދިވެސް ޖަހާފައިވަނީ އޭނާގެ އަމިއްލަ ބްރޭންޑާ ގުޅިފައިވާ ނަން ކަމަށްވާ 'ލަމީން ޔަމާލް' އެވެ.
ހުރިހާ މުބާރާތެއްގައިވެސް ގިނަ ލަނޑުތަކެއް ޖަހަމުން އަންނަ ބާސެލޯނާއަށް މި ހަފްތާއަކީ ވަރަށް ބުރަ އަދި މުހިންމު ހަފްތާއެކެވެ. ޗެމްޕިއަންސް ލީގުގައި މިރޭ އެ ޓީމު ނުކުންނާނީ ވަރުގަދަ އެސްޓަން ވިލާއާ ދެކޮޅަށެވެ.
މި މެޗަށްފަހު، އަންނަ އާދީއްތަ ދުވަހު ލަލީގާގައި އެ ޓީމު ކުރިމަތިލާން ޖެހޭނީ އުނދަގޫ މެޗަކާއެވެ. އެ ދުވަހު އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުމަށް މެޓްރޯޕޮލިޓާނޯ ސްޓޭޑިއަމަށް ބާސެލޯނާ ދަތުރުކުރާއިރު، މިއީ އެ ޓީމަށް ލީގު ދިފާއުކުރުމުގެ ރޭހުގައި ވަރަށް ބޮޑު އިމްތިހާނަކަށް ވެގެންދާނެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.