ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ރޭސިން ސަންޓަންޑޭގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑުން ފަސޭހަ މޮޅެއް ހޯދައިފިއެވެ.

މި މޮޅާއެކު ރެއާލް މެޑްރިޑުން ވަނީ ތާވަލުގެ އެއްވަނައިގައި އޮތް ވާދަވެރި ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފައެވެ. އެއްވަނައިގައި އޮތް ބާސެލޯނާއަށް ކުޅުނު ނުވަ މެޗުން 30 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ނުވަ މެޗުން ލިބިފައިވަނީ 28 ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް ރެއާލް މެޑްރިޑަށް ނުވަ މެޗުން ވަނީ 27 ޕޮއިންޓް ލިބިފައެވެ.

ރޭސިންގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި ރެއާލުން ވަނީ މޮޅު ކުޅުމެއް ދައްކައި ތިން ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން، މެޗުގެ 11 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ލީޑު ނަގައިދިނީ ކީލިއަން އެމްބާޕޭއެވެ. މި ޕެނަލްޓީއަކީ އޭނާއަށް އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ރެފްރީ ދިން ޕެނަލްޓީއެކެވެ.

އިޝްތިހާރު އިޝްތިހާރު

މެޗުގެ 22 ވަނަ މިނިޓުގައި ރެއާލްގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޖޫޑް ބެލިންހަމްއެވެ. މިއީ އާޑާ ގުލާ ހުސްކޮށްލާފައި ދިން ރީތި ބޯޅައެއް، ރޭސިންގެ ޑިފެންސް ފޫއަޅުވާލުމަށްފަހު އެ ޓީމުގެ ކީޕަރު ޖުލެން އަގިރެއްޒަބަލާ ކައިރިން ނައްޓާލުމަށްފަހު ބެލިންހަމް ކާމިޔާބުކުރި ލަނޑެކެވެ. މިއީ ރެއާލްގެ ޖާޒީގައި އޭނާ ޖަހައިދިން 50 ވަނަ ލަނޑެވެ.

ރެއާލްގެ ތިންވަނަ ލަނޑު މެޗުގެ 36 ވަނަ މިނިޓުގައި ކާމިޔާބުކުރީ މި ސީޒަނުގައި އާރްބީ ލައިޕްޒިގުން ބޮޑު އަގަކަށް އެ ޓީމާ ގުޅުނު، އަދި މިހާރު ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޔަން ޑިއޮމަންޑޭއެވެ. މި ލަނޑަކީ ކޯނަރަކުން ދިފާއުކުރަން ރޭސިންގެ ޑިފެންޑަރުން ބޭރުކޮށްލި ބޯޅައެއް، އޭރިއާ ބޭރުން އެއްފަހަރުން ފޮނުވާލައިގެން ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން އޭނާ ޖެހި މޮޅު ލަނޑެކެވެ.

ދެވަނަ ހާފުގައިވެސް ރެއާލުން ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. އެގޮތުން އެމްބާޕޭ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، އައުރެލިއަން ޗުއަމެނީ ފޮނުވާލި ބޯޅައެއް ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ. މީގެއިތުރުން، މެޗުގެ އިތުރު ވަގުތުގައި ބެލިންހަމް ޖެހި ގޯލެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށްފަހު ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ.

މެޗުގެ 76 ވަނަ މިނިޓުގައި ރޭސިންއަށް ޕެނަލްޓީއެއް ދޭން ރެފްރީ ފުރަތަމަ ނިންމި ނަމަވެސް، ވީއޭއާރް ބެލުމަށްފަހު ފަހުން ވަނީ އެ ނިންމުން ބަދަލުކޮށްފައެވެ. މެޗު ނިމިގެންދިޔައީ ފުރަތަމަ ހާފުގައި ރެއާލުން ޖެހި ތިން ލަނޑާއެކު އެ ޓީމު ކުރީގައި އޮވެގެންނެވެ.