ސްޕެނިޝް ލަލީގާގައި ކުޅޭ އެންމެ ފޯރިގަދަ މެޗު ކަމަށްވާ އެލް ކްލެސިކޯގައި، ރެއާލް މެޑްރިޑްއިން ބާސެލޯނާ ބަލިކޮށްފިއެވެ. މި މެޗުން ރެއާލް މެޑްރިޑް މޮޅުވެފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

ބާސެލޯނާގެ އަމިއްލަ ދަނޑު، ސްޕޮޓިފައި ކޭމްޕްނޯގައި، 62 ހާހަށްވުރެ ގިނަ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗަށް ބާސެލޯނާއިން ނިކުތީ މި ސީޒަނުގައި އެ ޓީމު ލީގު މެޗަކުން އަދި ބަލިވެފައިނުވާ ހާލަތެއްގައެވެ. މި ނަތީޖާއާއިއެކު، 1968-69 ވަނަ އަހަރުގެ ސީޒަނުގައި ރެއާލް މެޑްރިޑްއިން ހަދާފައިވާ ރެކޯޑާއި އެއްވަރު ކުރުމަށް ބާސެލޯނާއިން ކުރަމުން އައި މަސައްކަތަށް ނިމުމެއް އައިސްފައެވެ.

ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި، ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެފައިވަނީ ހެންސީ ފްލިކްގެ ބާސެލޯނާއިންނެވެ. ނަމަވެސް އެ ޓީމަށް ލިބުނު ރަނގަޅު ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ހިފޭގޮތް ނުވިއެވެ. ބާސެލޯނާއިން ފޮނުވާލި ނުރައްކާތެރި ގިނަ ހަމަލަތަކެއް ރެއާލް މެޑްރިޑްގެ ގޯލުކީޕަރު އެންޑްރީ ލުނިން ވަނީ މަތަކޮށްފައެވެ. ރެއާލް މެޑްރިޑްގެ އެއްވަނަ ކީޕަރު ޓިބާ ކޯޓުއާ ބަލިވުމާއި ގުޅިގެން، ލުނިން މި މެޗުގެ ފުރަތަމަ ޓީމުގައި ހިމެނިފައިވަނީ އޭނާއަށް މި މެޗުގައި ނުކުޅެވޭތީވެއެވެ.

އިޝްތިހާރު އިޝްތިހާރު

މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށް، ކިލިއަން އެމްބާޕޭ ކާމިޔާބުކޮށްދިން ލަނޑުން ރެއާލް މެޑްރިޑްއިން ލީޑު ނެގިއެވެ. ނަމަވެސް، މެޗުގެ 61 ވަނަ މިނިޓުގައި ބާސެލޯނާގެ ޕެޑްރީ ދިން ބޯޅައަކުން އޭރިޔާ ތެރޭގައި ހުރެ ރަފީނިއާ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފިއެވެ. މިއީ މި ސީޒަނުގައި ރަފީނިއާ ޖެހި 14 ވަނަ ލަނޑެވެ.

ރެއާލް މެޑްރިޑް އިން މި މެޗުން މޮޅުވި ލަނޑު ކާމިޔާބުކޮށްދީފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނިޓަށް ވެފައިވަނިކޮށް، އޭރިޔާ ތެރެއިން އެޑުއާޑޯ ކަމަވިންގާ ދިން ޕާހަކުން ކިލިއަން އެމްބާޕޭއެވެ. މި ނަތީޖާއާއެކު ރެއާލް މެޑްރިޑް އޮތީ ލީގުގައި މިހާތަނަށް ކުޅުނު 10 މެޗުން ލިބިފައިވާ 24 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ. ބާސެލޯނާއަށް 10 މެޗުން ލިބިފައިވާ 27 ޕޮއިންޓާއެކު އެ ޓީމު އޮތީ އަދިވެސް އެއްވަނައިގައެވެ.