ޖަރުމަނު ބުންޑެސްލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކާއި ފްރެއިބަރގް ބައްދަލުކުރި މެޗު، ބަޔާން މިޔުނިކުން 3-1 ލަނޑުން ކާމިޔާބުކޮށް، ލީގު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ފްރެއިބަރގްގެ ޔޫރޮޕާ ޕާކް ސްޓާޑިއޮންގައި ކުޅުނު މި މެޗަކީ، ބަޔާންގެ ކޯޗު ވިންސެންޓް ކޮމްޕެނީ ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރިފަހުން އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. މި މެޗު ފެށުމުގެ ކުރިން ބަޔާންގެ ސަޕޯޓަރުން ވަނީ 40 އަހަރުގެ ކޮމްޕެނީއަށް އަވަސް ޝިފާއަކަށް އެދި ބޮޑު ބެނާރެއް ދައްކާލާފައެވެ. ކޮމްޕެނީ މިދިޔަ ހުކުރު ދުވަހު ބަޔާންގެ ދެވަނަ ޓީމުގެ ފަރިތަކުރުން ބަލަން ހުއްޓާ ހޭނެތިގެން ވެއްޓުމާ ގުޅިގެން ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ބަޔާން އިން ހާމަކުރި ގޮތުގައި، ކޮމްޕެނީ ހަފްތާތަކެއް ވަންދެން ޓީމުގެ ބެންޗުން ނުފެނިދާނެ ކަމަށާއި، މިވަގުތު މުހިންމީ އޭނާ ރަނގަޅު ސިއްހަތެއްގައި ހުރުން ކަމަށެވެ.
ބަޔާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ލަނޑު، މެޗުގެ 16 ވަނަ މިނިޓުގައި މައިކަލް އޮލިސޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ޑާޔޯ އުޕަމެކާނޯ ކާމިޔާބުކުރިއެވެ. ފުރަތަމަ ހާފު ނިމެން 3 މިނިޓަށް ވެފައިވަނިކޮށް، ނެތާނިއަލް ބްރައުން ތަނަވަސްކޮށްދިން ފުރުސަތެއްގައި ސާޖީ ގިނެބްރީ ލަނޑެއް ޖަހައި ބަޔާންގެ ލީޑު ފުޅާކުރިއެވެ. ފްރެއިބަރގުން މި މެޗުގައި ކާމިޔާބުކުރި ހަމައެކަނި ލަނޑަކީ، މެޗުގެ 82 ވަނަ މިނިޓުގައި ބަޔާންގެ ޓޮމް ބިޝޮފްގެ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި ބަޔާންގެ ފަހު ލަނޑު މެޗުގެ އިތުރު ވަގުތުގެ 5 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ އޮލީސޭއެވެ.
މިދިޔަ ދެ ސީޒަންގައި ޖެހިޖެހިގެން ބުންޑެސްލީގާ ކާމިޔާބުކޮށްފައިވާ ބަޔާނުން ހޯދި މި ކާމިޔާބީއާއެކު މިހާރު އެ ޓީމު މިވަނީ، މިހާތަނަށް ކުޅުނު 7 މެޗުން ލިބިފައިވާ 17 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލާފައެވެ. ނަމަވެސް އެއީ ބޮރޫޝިއާ ޑޯޓްމުންޑާއި އެއްވަރަށް ޕޮއިންޓް ލިބި، ފައިދާ ގޯލަށް ބަލާއިރު ކުރި ލިބޭތީއެވެ. މި ހަފްތާގައި ޑޯޓްމުންޑް ވަނީ އެއިންޓްރެކްޓް ފްރޭންކްފަރޓް އާއި ބައްދަލުކުރި މެޗު 1-0 ލަނޑުން ކާމިޔާބުކޮށްފައެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ބަޔާންގެ އެސިސްޓަންޓް ކޯޗު އާރޮން ޑަންކްސް ބުނީ ކޮމްޕެނީގެ ހާލު މިހާރު ރަނގަޅުވަމުން އަންނަ ކަމަށާއި، އޭނާ ކުރިއަށްވުރެ މިހާރު ވަރަށް ބޮޑަށް ރަނގަޅު ކަމަށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.