އޯކްސްބާގާ ބައްދަލުކޮށް ބަޔާން މިއުނިކް އެއްވަރުވި މެޗުގައި، ބުންޑެސްލީގާގެ ތާރީޚުގައި ފެނިގެންދިޔަ އެންމެ އަވަސް ލަނޑު ބަޔާން ކޮޅަށް ވަދެފިއެވެ.
ބަޔާން މިއުނިކަށް ނާކާމިޔާބު މެދުކެނޑުމަކަށް ވެގެންދިޔަ މި މެޗުގެ އެންމެ ކުރީކޮޅު، އެ ޓީމުގެ ގޯލްކީޕަރު މެނުއަލް ނޯޔާއަށް ހެދުނު ގޯހަކުން ބުންޑެސްލީގާގެ ތާރީޚީ ރެކޯޑެއް ވަނީ މުގުރާލާފައެވެ.
ބަޔާންގެ ކޯޗު ވިންސެންޓް ކޮމްޕެނީ، އޯކްސްބާގާ މެޗަކީ “އިސްކަންދޭ މެޗެއް” ކަމަށް ބުނެފައިވީ ނަމަވެސް، 2-2 އިން އެއްވަރުވި މި މެޗު މިހާ ދަށްކޮށް ފެށޭނެ ކަމަކަށް އޭނާ އުންމީދެއް ނުކުރެއެވެ. މެޗު ފެށުމާއެކު ބަޔާންގެ ކުޅުންތެރިން ފަހަތަށް ޖައްސާލި ބޯޅަ ސާފުކޮށްލަން އުޅުމުގެ ތެރޭގައި ނޯޔާއަށް ހެދުނު ގޯހުގެ ފައިދާ ނަގައި، އޯކްސްބާގާގެ ރޮބިން ފެލްހައުއާ ވަނީ މެޗުގެ އެންމެ 8 ވަނަ ސިކުންތުގައި ލަނޑު ޖަހާފައެވެ.

ބަޔާންއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 55 ވަނަ މިނެޓުގައި އިސްމާއީލް ސައިބާރީ ކާމިޔާބުކޮށްދިން ލަނޑުންނެވެ. ނަމަވެސް އޭގެ 9 މިނެޓު ފަހުން ރޮޑްރިގޯ ރިބެއިރޯ ލަނޑެއް ޖަހައި އަލުން އޯކްސްބާގާއަށް ކުރިހޯދައިދިނެވެ. ބަޔާންގެ ލުއިސް ޑިއާޒް ޖެހި ދެ ލަނޑެއް ވީއޭއާރުން އޮފްސައިޑް ކަމަށް ނިންމާފައިވަނިކޮށް، އެ ޓީމަށް އަލުން ނަތީޖާ ހަމަހަމަކޮށްދިނީ 81 ވަނަ މިނެޓުގައި ނަތަނިއަލް ބްރައުންއެވެ.
ވޭތުވެދިޔަ 14 ސީޒަނުގެ ތެރޭގައި ބަޔާންގެ ރަސްކަން ނިންމުމަކަށް ގެނައި ހަމައެކަނި ޓީމު ކަމަށްވާ ބަޔާ ލެވަކޫސަން ވަނީ މައިންޒް އަތުން 4-3 އިން މޮޅުވެފައެވެ. މިއީ ސްޕެއިންގެ ކޯޗު ކާލްސް މާޓީނޭޒްގެ އިރުޝާދުގެ ދަށުން އެ ޓީމުން ދައްކަމުންދާ ރަނގަޅު ކުޅުން ދަމަހައްޓައި ހޯދި މޮޅެކެވެ.
ޔޫނިއަން ބާލިންއިން ވަނީ މެޗުގެ ފަހުކޮޅު ލިވަން ބުރުކޫ ޖެހި ލަނޑުން އެލްވާސްބާގް 1-0 އިން ބަލިކޮށް، މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދާފައެވެ. މީގެ އިތުރުން ހެމްބާގް އެސްވީ އިން ވަނީ މެޗުގެ އިތުރު ވަގުތުގައި މީރޯ މުހައިމް ޖެހި ލަނޑުން ހޮފެންހައިމް އަތުން 3-2 އިން މޮޅުވެފައެވެ. އަދި ސްޓަޓްގާޓުން ވަނީ ޕަޑަބޯންގެ މައްޗަށް 2-0 އިން ކުރިހޯދާފައެވެ.










ކިޔުންތެރިންގެ ހިޔާލު