ޖަރުމަނު ބުންޑެސްލީގާގައި އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިއުނިކުން ތަފާތު މޮޅު ކުޅުމެއް ދައްކައި، 6-1 ގެ ބޮޑު ނަތީޖާއަކުން އާރްބީ ލެއިޕްޒިގް ބަލިކޮށް ތާވަލުގެ އެއްވަނައަށް އަރައިފިއެވެ.

ބަޔާންގެ އަމިއްލަ ދަނޑު ކަމަށްވާ އެލިއާންޒް އެރީނާގައި ކުޅުނު މި މެޗުގައި އެ ޓީމުގެ ލުއިސް ޑިއާޒް ވަނީ ހެޓްރިކެއް ފުރިހަމަކޮށްފައެވެ. މެޗުގެ 12 ވަނަ މިނިޓުގައި ބަޔާނަށް ލީޑު ނަގައިދިނީ ޑިއާޒްއެވެ. އޭގެފަހުން 26 ވަނަ މިނިޓުގައި އެލެކްސެންޑާ ޕަވްލޮވިޗް ދެވަނަ ލަނޑު ޖަހައިދިންއިރު، މެޗުގެ 34 ވަނަ މިނިޓުގައި މައިކަލް އޮލީސޭ ކާމިޔާބުކުރި ލަނޑާއެކު ބަޔާނުން ފުރަތަމަ ހާފު ނިންމާލީ ތިން ލަނޑުގެ ލީޑަކާއެކުގައެވެ.

ދެވަނަ ހާފު ފެށިގެން ދެވަނަ މިނިޓުގައި ޑިއާޒް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ބަޔާންގެ ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ 53 ވަނަ މިނިޓުގައި ބަޔާންގެ ފަސްވަނަ ލަނޑު ކާމިޔާބުކޮށްދިނީ ބުންޑެސްލީގާގައި ރޭ އޭނާގެ 100 ވަނަ މެޗު ކުޅުނު ތަރި ހެރީ ކޭންއެވެ. މިއީ މި ލީގުގައި އޭނާ ޖެހި 102 ވަނަ ލަނޑެވެ. ބަޔާންގެ ފަހު ލަނޑު މެޗުގެ 69 ވަނަ މިނިޓުގައި ޖަހައި ޑިއާޒް އޭނާގެ ހެޓްރިކް ފުރިހަމަކުރިއިރު، މެޗުގެ އިތުރު ވަގުތުގައި ލެއިޕްޒިގްގެ ހަމައެކަނި ލަނޑު ޖަހައިދިނީ އަންޑްރިޔާ މަކްސިމޮވިޗެވެ.

އިޝްތިހާރު އިޝްތިހާރު

މި މޮޅާއެކު ބަޔާން ތާވަލުގެ އެއްވަނައަށް އެރީ ކުޅުނު ހަ މެޗުން ލިބުނު 14 ޕޮއިންޓާއި ފައިދާ ލަނޑުގެ ތަފާތުންނެވެ. އެއްވަނައިގައި ކުރިން އޮތް ބޮރޫޝިއާ ޑޯޓްމުންޑް ރޭ ޔޫނިއަން ބާލިންއާ ކުޅުނު މެޗު ލަނޑެއް ނުޖެހި އެއްވަރުވުމުން އެ ޓީމަށް ވެސް ލިބިފައިވަނީ 14 ޕޮއިންޓެވެ. ރޭގެ މެޗުން ބަލިވި ލެއިޕްޒިގް ނުވަ ޕޮއިންޓާއެކު އޮތީ ހަތްވަނައިގައެވެ. ނަމަވެސް މިރޭ ބަޔާ ލެވަކޫސެންއާ ދެކޮޅަށް ކުޅޭ މެޗު ފްރެއިބާގުން ކާމިޔާބުކޮށްފިނަމަ އެ ޓީމަށް އެއްވަނައަށް އެރުމުގެ ފުރުސަތު އޮންނާނެއެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އައުގްސްބާގް އަތުން 4-3 އިން އެލްވަރސްބާގް މޮޅުވިއިރު، ހެމްބާގުން ވަނީ 1-0 އިން ސްޓުޓްގާޓް ބަލިކޮށްފައެވެ. މީގެއިތުރުން ޝާލްކާގެ މައްޗަށް މެއިންޒުން 1-0 އިން ކުރިހޯދިއިރު، ވާޑާ ބްރޭމަން އަދި ޕެޑަބޯން ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.