ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބަޔާން މިއުނިކާއި އާސެނަލް ބައްދަލުކުރި ފޯރިގަދަ މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިއްޖެއެވެ.

މިއުނިކްގެ އެލިއަންޒް އެރީނާގައި 75،000 އެއްހާ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ވާދަވެރި ކުޅުމެކެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ އާސެނަލްއިންނެވެ. މި ލަނޑު މެޗުގެ 25 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެބެރެޗީ އެޒޭއެވެ. އެޒޭ ކުޅެން އެރީ މެޗުގެ 10 ވަނަ މިނެޓުގައި ބުކާޔޯ ސަކާއަށް ލިބުނު އަނިޔާއަކާ ގުޅިގެންނެވެ.

އާސެނަލްއިން ލީޑު ނެގިތާ 10 މިނެޓު ފަހުން، މެޗުގެ 35 ވަނަ މިނެޓުގައި ބަޔާނަށް ނަތީޖާ ހަމަހަމަކޮށްދިނީ އަލްފޮންސޯ ޑޭވީސްއެވެ. މިއީ އެ ޓީމުގެ ކެޕްޓަން ހެރީ ކޭން ތަނަވަސްކޮށްދިން ފުރުޞަތަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. މެޗުގައި ލަނޑު ޖަހާނެ ރަނގަޅު އިތުރު ފުރުޞަތުތަކެއް ލިބި ބޭކާރުވި ނަމަވެސް، ދެވަނަ ހާފުގެ 61 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލަނޑު ޖަހައި ބަޔާންއަށް ލީޑު ނަގައިދިނީ ހެރީ ކޭންއެވެ.

އިޝްތިހާރު އިޝްތިހާރު

ބަޔާން މޮޅުވާން ދަނިކޮށް އާސެނަލްއިން މެޗުގެ ނަތީޖާ އެއްވަރުކުރީ މެޗު ނިމެން 8 މިނެޓަށް ވެފައިވަނިކޮށެވެ. މެޗުގެ 82 ވަނަ މިނެޓުގައި ވިކްޓަރ ޔޮކެރެސް ދިން ޕާހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑެކްލަން ރައިސްއެވެ.

މި ނަތީޖާއާއެކު ކުޅުނު 3 މެޗުން ލިބުނު 7 ޕޮއިންޓާއެކު އާސެނަލް އޮތީ ތާވަލުގެ 7 ވަނައިގައެވެ. އަދި 3 މެޗުން 5 ޕޮއިންޓް ހޯދައިގެން ބަޔާން މިއުނިކް އޮތީ ތާވަލުގެ 14 ވަނައިގައެވެ.

މުބާރާތުގެ އައު ފޯމެޓް ހަމަޖެހިފައިވާ ގޮތުން ލީގު ބުރު ނިމޭއިރު ގަދަ 8 ގައި ހިމެނޭ ޓީމުތަކަށް ސީދާ ގަދަ 16 ގެ ޖާގަ ލިބޭނެއެވެ. އަދި 9 ވަނައިން ފެށިގެން 24 ވަނައާ ދެމެދު ނިންމާ ޓީމުތަކަށް ޖެހޭނީ ގަދަ 16 އަށް ދިއުމަށްޓަކައި ދެ ލެގުގެ ޕްލޭއޮފް ބުރެއް ކުޅޭށެވެ.