ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު ފޯރިގަދަ މެޗުގައި، ފަހަތުން އަރައި 1-1 ގެ ނަތީޖާއަކުން އާސެނަލްއާ އެއްވަރުކޮށް ބޮރޫޝިއާ ޑޯޓްމުންޑުން އަގުހުރި ޕޮއިންޓެއް ހޯދައިފިއެވެ. މިއީ މި ސީޒަނުގައި ތަޢާރަފުކުރި ލީގު-ފޭސް ފޯމެޓުގައި އާސެނަލްގެ އަމިއްލަ ދަނޑު ކަމަށްވާ އެމިރޭޓްސް ސްޓޭޑިއަމްގައި އެ ޓީމު މޮޅުނުވެ ނިންމާލަން ޖެހުނު ފުރަތަމަ ފަހަރެވެ.
މެޗުގެ ފުރަތަމަ ހާފުގައި އާސެނަލްގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 10 ވަނަ މިނެޓުގައި 25 ޔާޑު ދުރުން ފޮނުވާލި ހިތްގައިމު ހަމަލާއަކުން ވިކްޓަ ޔޮކެރެސް ވަނީ އާސެނަލްއަށް ލީޑު ނަގައިދީފައެވެ. ނިކޯ ކޮވަޗްގެ އިރުޝާދުގެ ދަށުން ކުޅޭ ޑޯޓްމުންޑަށް ފުރަތަމަ ހާފުގައި އިދިކޮޅު ޓީމުގެ ހަމަލާތައް ހުއްޓުވުމުގައި ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ.
ނަމަވެސް، ދެވަނަ ހާފަށް ޖަރުމަނު ބުންޑެސްލީގާގެ އެއްވަނައިގައި އޮތް ޑޯޓްމުންޑް ނުކުތީ ތަފާތު ރޫހެއްގައެވެ. ދެވަނަ ހާފު ފެށިގެން 48 ވަނަ މިނެޓުގައި މެކްސިމިލިއަން ބެއިއާއަށް ލިބުނު ރަނުގެ ފުރުސަތު ބޭކާރުވި ނަމަވެސް، އޭގެ ކުޑައިރުކޮޅެއް ފަހުން އޭނާ ވަނީ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުގެ 55 ވަނަ މިނެޓުގައި ޑޯޓްމުންޑްގެ ސެންޓަ-ބެކް ޔޯއާން ގަޑޫ ކުރިއަށް އަރައި ތަނަވަސްކޮށްދިން ފުރުސަތަކުން ބެއިއާ ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ ވައްދާލައި މެޗުގެ ނަތީޖާ 1-1 އަށް ބަދަލުކޮށްފައެވެ.
މީގެ އިތުރުން ޖޯބް ބެލިންހަމް ޖެހި ލަނޑެއް އޮފްސައިޑް ކަމަށް ނިންމިއިރު، މެޗުގެ ފަހުކޮޅު ޑޯޓްމުންޑަށް ނަސީބުވެސް އެހީތެރިވިއެވެ. އެގޮތުން ސޭހޫ ގިރާސީ ފޮނުވާލި ދެ ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، އާސެނަލްގެ ޑެކްލަން ރައިސް ފޮނުވާލި ބޯޅަވެސް ވަނީ ގޯލުގެ ދަނޑީގައި ޖެހިފައެވެ.
މުޅި މެޗުގައި އާސެނަލްއިން 30 ހަމަލާ އުފެއްދި ނަމަވެސް، ޑޯޓްމުންޑުގެ ފަހަތަށް ކުޅުނު ތިން ކުޅުންތެރިންގެ ހުށިޔާރުކަމާއެކު އެ ޓީމުން ވަނީ ނުރައްކާތެރި 53 ބޯޅައެއް ދިފާއުކޮށްފައެވެ. އަދި ދެވަނަ ހާފުގައި އާސެނަލްއަށް ގޯލާ އަމާޒުކޮށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. މި މެޗުން ލިބުނު ޕޮއިންޓާއެކު ޖުމްލަ 10 ޕޮއިންޓް ހަމަކޮށް، ޑޯޓްމުންޑް ވަނީ ތާވަލުގެ ގަދަ އަށެއްގެ ތެރެއަށް ޖެހިލާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.