ޕޯޗުގަލްގެ ދެ ތަރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ އަދި ޔާއޯ ފެލިކްސްގެ މޮޅު ކުޅުމާއެކު، އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓްގައި ސައުދީ އަރަބިއްޔާގެ އަލް ނަސްރުން 2-1 އިން ގަތަރުގެ އަލް ސައްދު ބަލިކޮށްފިއެވެ.

އަންގާރަ ދުވަހު ރިޔާޒުގެ އަލް އައްވަލް ޕާކުގައި ކުޅުނު ލީގު ފޭސްގެ ފަސްވަނަ މެޗު އަލް ނަސްރުން ފެށީ ހިތާމަވެރި ހާދިސާއަކުންނެވެ. އަނިޔާއިން ސަލާމަތްވެ ފުރަތަމަ އެގާރައިގައި ކުޅެން ނުކުތް ފްރާންސްގެ ވިންގާ ކިންގްސްލީ ކޯމަންއަށް މެޗުގެ ތިންވަނަ މިނެޓުގައި ލިބުނު އަނިޔާއަކާ ގުޅިގެން ވަނީ ބަދަލުކުރަން ޖެހިފައެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ އަބްދުﷲ އަލް ހަމްދާންއެވެ.

ނަމަވެސް، މެޗުގެ 12 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ރޮނާލްޑޯއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީން 13 ވަނަ މިނެޓުގައި އަލް ނަސްރަށް ކުރިހޯދައިދިނީ އޭނާއެވެ. ކީޕަރު މެޝާލް ބަރްޝަމްގެ ކަނާތްފަރާތަށް ބާރު ހަމަލާއަކުން ރޮނާލްޑޯ ކާމިޔާބުކުރި މި ލަނޑަކީ، މި ސީޒަނުގައި ޖެހިޖެހިގެން ދެ ޕެނަލްޓީ ބޭކާރުވެފައި އޮތުމަށްފަހު އޭނާ ޖެހި މުހިންމު ލަނޑެކެވެ. މިއީ މިއަހަރުގެ އޭޕްރީލް މަހުގެ 3 ވަނަ ދުވަހަށްފަހު އޭނާ އަލް ނަސްރަށް ކާމިޔާބުކޮށްދިން ފުރަތަމަ ޕެނަލްޓީއެވެ. މި ލަނޑާއެކު ރޮނާލްޑޯ ވަނީ އޭއެފްސީ ޗެމްޕިއަންސް ލީގުގައި އަލް ނަސްރަށް 17 ލަނޑު ޖަހައިދީ، ކުރީގެ ފޯވާޑް އަބްދުއްރައްޒާގް ހަމްދުﷲ (16 ލަނޑު) ފަހަތަށް ޖައްސާލައި، އެ މުބާރާތުގައި އެ ކްލަބަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.

އިޝްތިހާރު އިޝްތިހާރު

މެޗުގެ 22 ވަނަ މިނެޓުގައި އަކްރަމް އަފީފް ތަނަވަސްކޮށްދިން ފުރުސަތަކުން މުހައްމަދު ވަޢަދު ވަނީ ލަނޑެއް ޖަހައި އަލް ސައްދަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އޭގެފަހުން 35 ވަނަ މިނެޓުގައި ރޮނާލްޑޯ ޖެހި ލަނޑެއް ވީއޭއާރުން ވަނީ އޮފްސައިޑް ކަމަށް ނިންމާފައެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އަލް ނަސްރުގެ ފުލްބެކް ނަވާފް ބޫޝަލްއަށް ކުޅުޖެހުމުގެ ސަބަބުން، އަލް ސައްދަށް ލަނޑު ޖަހައިދިން ވަޢަދަށް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ އަލް ސައްދުގެ މައްޗަށް އަލް ނަސްރުން ދެވަނަ ހާފުގައި ގަދަކުރިއެވެ. ޔާއޯ ފެލިކްސް ވަނީ އޭރިއާ ބޭރުން އައި ބޯޅައެއް، ގޯލަށް ފުރަގަސްދީ ހުރެ، ފާހަގަކޮށްލެވޭ ފަދަ މޮޅު "އޯވަހެޑް ކިކަކުން" ގޯލުގެ ތެރެއަށް ފޮނުވާލައި އަލް ނަސްރަށް ދެވަނަ ފަހަރަށް ލީޑު ނަގައިދީފައެވެ. މި ލަނޑަކީ ފީފާ ޕުސްކަސް އެވޯޑަށް ވެސް ވާދަކުރެވޭ ފަދަ މޮޅު ލަނޑެއް ކަމަށް ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.

މެޗުގެ ފަހު ވަގުތުކޮޅުގައި އަލް ސައްދުން ނަތީޖާ ހަމަހަމަކުރަން މަސައްކަތް ކުރި ނަމަވެސް، އަލް ނަސްރުން ވަނީ ލީޑު ދަމަހައްޓައި މެޗު ކާމިޔާބުކޮށްފައެވެ.

މި މޮޅާއެކު އަލް ނަސްރު ވަނީ ކުޅުނު މެޗުތަކުން 9 ޕޮއިންޓް ހޯދައި، ގްރޫޕުގެ ފަސްވަނައަށް ޖެހިލާފައެވެ. އެޓީމަށް އަދި ޔޫއޭއީގެ އަލް ވަސްލްއާ ދެކޮޅަށް ކުޅެން އޮތް މެޗު ފަސްކުރެވިފައި އެބައޮތެވެ. އަނެއްކޮޅުން އަލް ސައްދު ވަނީ މި ސީޒަނުގައި ތިންވަނަ ފަހަރަށް ބަލިވެ، އެންމެ ދެ ޕޮއިންޓާއެކު ގްރޫޕުގެ 14 ވަނައަށް ވެއްޓިފައެވެ. އަދި އެޓީމު އަދިވެސް އޮތީ މުބާރާތުގައި މޮޅެއް ނުލިބިއެވެ.