ދިވެހިރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމަށާއި ފެހިކަން އިތުރުކުރުމުގެ މަޤްޞަދުގައި ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން، މިހާތަނަށް 2.55 މިލިއަނަށްވުރެ ގިނަ ގަސް އިންދައި އަމާޒުގެ ބޮޑުބައެއް ހާސިލުކޮށްފިއެވެ.
މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ހިސާބުތައް ދައްކާގޮތުން، މި ޕްރޮގްރާމުގެ ތެރެއިން މިހާތަނަށް ޖުމްލަ 2,556,340 (ދެ މިލިއަން ފަސްލައްކަ ފަންސާސް ހަހާސް ތިންސަތޭކަ ސާޅީސް) ގަސް ވަނީ އިންދާފައެވެ. މިއީ މުޅި މަޝްރޫޢުގެ ދަށުން އިންދުމަށް ކަނޑައެޅިފައިވާ ޢަދަދުގެ ދެބައިކުޅަ އެއްބަޔަށްވުރެ އިތުރު ޢަދަދެކެވެ. މި މަޝްރޫޢުގެ ޖުމްލަ އަމާޒަކީ 6،343،562 ގަސް އިންދުން ކަމަށްވާއިރު، އަމާޒަށް ވާސިލުވުމަށް ދެން ބޭނުންވަނީ 3.7 މިލިއަން ގަހެވެ.
ރާއްޖެއިން ނެތެމުންދާ ގަސްގަހާގެހި އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް މި ޕްރޮގްރާމް އިފްތިތާޙު ކޮށްދެއްވީ މިއަހަރުގެ ތިމާވެށީގެ ދުވަސް ކަމުގައިވާ ޖޫން މަހުގެ 5 ވަނަ ދުވަހުއެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް މިހާތަނަށް ހިންގޭ މިފަދަ އެންމެ ބިޔަ ތިމާވެށީގެ ހަރަކާތެވެ.
މި މަޝްރޫޢު ކާމިޔާބު ކުރުމަށްޓަކައި ސަރުކާރު ހިއްސާވާ ކުންފުނިތަކުންނާއި މުއައްސަސާތަކުން ދަނީ ބޮޑު އެއްބާރުލުމެއް ދެމުންނެވެ. އެގޮތުން އެންމެ ގިނަ ގަސް އިންދާފައިވަނީ ރޯޒްވުޑް އިންނެވެ. އެއީ 1.47 މިލިއަން ގަހެވެ. މީގެ އިތުރުން އެޗްޑީސީ އަދި އެމްޕީއެލް އިން ކުރެ ކޮންމެ ކުންފުންޏަކުން 1 މިލިއަން ގަސް އިންދާފައިވާއިރު، އެސްޑީއެމް ފާމުން 750،000 ގަސް އަދި ސްޓެލްކޯއިން ވަނީ 500،000 ގަސް އިންދާފައެވެ.
ގަސް އިންދުމުގެ މި ހަރަކާތް ދެމެހެއްޓެނިވި ގޮތެއްގައި ބާރަށް ކުރިއަށްގެންދިއުމަށްޓަކައި، ގަސް އާލާކުރާނެ ނާސަރީތައް ހެދުމަށް ރާއްޖޭގެ 10 ރަށަކަށް ސަރުކާރުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ހުޅުމާލޭގައި ޚާއްޞަ 'ގްރީން ނާސަރީ' އެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ތިމާވެއްޓާ ބެހޭ ވުޒާރާއިން މިހާރު ދަނީ ކުރަމުންނެވެ.
މި ޤައުމީ މަސައްކަތުގައި ކައުންސިލްތަކާއި، ސްކޫލްތަކާއި، ރިސޯޓުތަކުގެ އިތުރުން މަދަނީ ޖަމްޢިއްޔާތަކާއި ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތަކުންވެސް ބައިވެރިވަމުން އަންނައިރު، އަވައްޓެރި އިންޑިއާ، ބަންގްލަދޭޝް އަދި ޕާކިސްތާނުންވެސް ވަނީ މި ޕްރޮގްރާމަށް ގަހާއި ގަހުގެ މުޑުވަށް ހަދިޔާކޮށް އެހީތެރިކަން ފޯރުކޮށްދީފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.