މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކުޑަކުދިންގެ ދުވަހާ ގުޅިގެން، ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި އެކުދިންގެ ދިރިއުޅުމާ ގުޅޭގޮތުން ނިންމާ ނިންމުންތަކުގައި އެކުދިންގެ ބައިވެރިވުމާއި އަޑު ހިމެނުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަކުރާރުކުރައްވައިފިއެވެ.
މިއަހަރުގެ ދުނިޔޭގެ ކުޑަކުދިންގެ ދުވަހުގެ ޝިޢާރަކީ "މައި ޑޭ، މައި ރައިޓްސް، މައި ފިއުޗަރ" (މަގޭ ދުވަސް، މަގޭ ޙައްޤުތައް، މަގޭ މުސްތަޤުބަލު) އެވެ. މި ޝިޢާރުގެ ދަށުން ދެއްވި މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުޑަކުދިންގެ ތަރައްޤީގެ ކޮންމެ މަރުޙަލާއެއްގައިވެސް އެކުދިންގެ ބޭނުންތައް ފުއްދައިދިނުމަށްޓަކައި ދިވެހިރާއްޖެއިން ގިނަގުނަ ސިޔާސަތުތަކެއް ތަންފީޒުކުރަމުންދާ ކަމަށެވެ.
އެގޮތުން، އަނިޔާއިން ކުދިން ރައްކާތެރިކުރުމުގެ ނިޒާމު ހަރުދަނާކުރުމާއި، ޢާއިލީ މާޙައުލުގައި ކުދިން ބެލެހެއްޓުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި، ޞިއްޙީ ޚިދުމަތްތައް ކުރިއެރުވުމާއި، ޝާމިލުވެގެން ދެވޭ ތަޢުލީމީ ފުރުޞަތުތައް ފުޅާކުރުމުގެ އިތުރުން ތެރަޕީގެ ޚިދުމަތްތަކާއި އިޖުތިމާޢީ ރައްކާތެރިކަމާއި އަނބުރާ މުޖުތަމަޢަށް ގެނައުމުގެ ޚިދުމަތްތައް ސަރުކާރުން ހަރުދަނާކުރަމުން އަންނަ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، ޒަމާނާއެކު ކުޑަކުދިންގެ ދުޅަހެޔޮކަމަށް ކުރިމަތިވަމުންދާ އައު ގޮންޖެހުންތަކުން އެކުދިން ރައްކާތެރިކުރުމަށްޓަކައި ދުންފަތުގެ އިޞްލާޙީ ފިޔަވަޅުތަކާއި، ޑިޖިޓަލް ދުނިޔޭގައި ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ މި އަމާޒަށް ވާސިލުވުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މާނަވީ ހެޔޮ ބަދަލެއް ގެނެވޭނީ ހަމައެކަނި ސިޔާސަތުތަކެއް އެކުލަވައިލައިގެން ނޫނެވެ. އޭގެ ބަދަލުގައި، ކުދިންގެ އިޙްސާސްތަކާއި ތަޖުރިބާތަކުގެ އަޑުއަހައި، އެކުދިންގެ ވިސްނުމަށް އިޙްތިރާމުކޮށް، އެކުދިންގެ މުސްތަޤުބަލު ބިނާކުރުމުގައި އަމިއްލައަށް ބައިވެރިވުމުގެ ބާރުވެރިކަން ދީގެންނެވެ.
މެސެޖު ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އަޅުގަނޑުމެންގެ ކުޑަކުދިން އެދޭފަދަ ފުރިހަމަ މުސްތަޤުބަލެއް އެކުދިންނަށް ބިނާކޮށްދިނުމަށްޓަކައި ބޭނުންވާ އެންމެހައި އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބުމަށް އެންމެހައި ފަރާތްތަކަށް ގޮވާލައްވާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.