ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ނޭޕާލް ފުޓުބޯޅަ އެސޯސިއޭޝަން (އަންފާ) އަށް އަޅާފައިވާ ސަސްޕެންޝަން، ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި އުވާލަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ފީފާއިން އަންގާފައިވާ ކަންކަން ސަރުކާރާ ގުޅިގެން ހައްލުކުރުމަށް ދިން އެކަށީގެންވާ ފުރުޞަތުތަކުގައި ނަތީޖާއެއް ނެރެވިފައިނުވާތީ، އަންފާ ސަސްޕެންޑް ކުރީ މިއަހަރުގެ ޖޫން މަހުގެ ތެރޭގައެވެ. މި ސަސްޕެންޝަނާ ގުޅިގެން މި މަހު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕުގައި ވެސް ނޭޕާލަށް ވާދަކުރެވޭ ގޮތެއް ނުވިއެވެ. މިއީ ސާފް މުބާރާތުގެ ތާރީޚުގައި ވެސް ނޭޕާލާ ނުލައި އެ މުބާރާތް ކުރިއަށްގެންދިޔަ ފުރަތަމަ ފަހަރެވެ.

މި މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން، ނޭޕާލުގެ ކުޅިވަރާ ބެހޭ ވަޒީރު ސަސްމިތު ޕޮކަރެލް އާއި އެ ޤައުމުގެ ކުޅިވަރު ކައުންސިލުގެ ނައިބު ރައީސް ސިއްދީ ބިޔާންޖަންކަރު ހިމެނޭ ވަފުދަކުން ވަނީ، ފަހުން ބޭއްވި އޭއެފްސީ އެވޯޑް ހަފުލާގެ ހަވާސާގައި ފީފާ އަދި އޭއެފްސީގެ އިސް މަންދޫބުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައެވެ.

އިޝްތިހާރު އިޝްތިހާރު

އެ ބައްދަލުވުމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ބިޔާންޖަންކަރު ވިދާޅުވީ، މައްސަލަ ހައްލުކުރުމަށް ކުރެވުނު މަޝްވަރާތައް ދިޔައީ ވަރަށް ބިނާކުރަނިވި ގޮތެއްގައި ކަމަށެވެ. އަދި އަންނަ މަހެއްހާ ދުވަހުގެ ތެރޭގައި ފީފާގެ ސަސްޕެންޝަން އުވާލައި، ނޭޕާލުގެ ފުޓުބޯޅަ އަލުން ހަމަމަގަށް އެޅުވޭނެ ކަމުގެ އުންމީދު ބޮޑުކަމަށް އޭނާ ހާމަކުރެއްވިއެވެ.

ނޭޕާލުގެ ކުޅިވަރު ކައުންސިލުން ވެސް ކުރިން އަންފާ ސަސްޕެންޑް ކޮށްފައި އޮތް ނަމަވެސް، އެ ނިންމުން މިހާރު ވަނީ ބާތިލުކޮށްފައެވެ. އަދި ފުޓުބޯޅަ ކުރިއެރުވުމަށް އެސޯސިއޭޝަނަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަން ވަނީ ޔަޤީންކޮށްދީފައެވެ.

ބެލެވޭ ގޮތުގައި ފީފާއިން ނޭޕާލުގެ ސަސްޕެންޝަން ރަސްމީކޮށް އުވާލާނީ، މިހާރު އޮތް ލީޑަޝިޕްގެ ދަށުން އައު އިންތިޚާބެއް ބާއްވައި، ކަންކަން ހަމަޖެއްސުމަށް ފަހުގައެވެ.