ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން އަލަށް ނެރުނު ދުނިޔޭގެ ރޭންކިންގްގައި، އެފްރިކާގެ ބާރެއް ކަމަށްވާ މޮރޮކޯ އިން ތާރީޚުގައި އެ ޤައުމު ހޯދި އެންމެ ބޮޑު ކުރިއެރުން ހޯދައި، ދުނިޔޭގެ ރޭންކިންގްގެ ފަސްވަނަ މަޤާމަށް ޖެހިލައިފިއެވެ.
މޮރޮކޯ އިން މި ތާރީޚީ ކާމިޔާބީ ހާސިލްކުރީ، އެފްރިކާ ކަޕް އޮފް ނޭޝަންސް ކޮލިފައިންގްގައި ނައިޖާއާ ދެކޮޅަށް ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކުރުމަށްފަހުގައެވެ. ފުރަތަމަ މެޗު 5-1 އިން މޮރޮކޯ ކާމިޔާބުކުރި އިރު، ދެވަނަ މެޗު ކާމިޔާބުކުރީ 1-0 އިންނެވެ. މި މޮޅާއެކު މޮރޮކޯ ވަނީ 2027 ވަނަ އަހަރުގެ ހޫނުމޫސުމުގައި ބާއްވާ އެފްރިކާ ކަޕް އޮފް ނޭޝަންސް މުބާރާތުން ޖާގަ ކަށަވަރުކޮށްފައެވެ. ދެވަނަ މެޗުގައި ނަތީޖާ ނެރެދިން ލަނޑު ޖަހައިދިނީ އަޔަކްސްގެ ކުޅުންތެރިޔާ އަބްދުﷲ އުއަޒާންއެވެ. މިއާއެކު އޭނާ ވެގެން ގޮސްފައިވަނީ މޮރޮކޯގެ ޤައުމީ ޓީމަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.
Équipe du Maroc@EnMarocمنتخبنا الوطني يرتقي إلى المركز الخامس عالميا لأول مرة في تاريخه 🤩🇲🇦
𝐓𝐎𝐏 𝟓 𝐈𝐍 𝐓𝐇𝐄 𝐖𝐎𝐑𝐋𝐃! 🌍🔥
Our National Team proudly enters the global top five for the first time! 🦁
#DimaMaghrib https://t.co/M41D0J

މިއީ ފީފާ ރޭންކިންގްގެ މިހާ ކުރިއަށް މޮރޮކޯ އެރި ފުރަތަމަ ފަހަރެވެ. ފަހަކަށް އައިސް އުތުރު އެފްރިކާގެ މޮރޮކޯ އިން އަންނަނީ ބައިނަލްއަޤްވާމީ ފުޓްބޯޅައިގައި އާދަޔާޚިލާފު ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލް އަދި 2026 ގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކުރުމުގެ އިތުރުން، 2025 ވަނަ އަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސް ވެސް އެ ޓީމުން ވަނީ ކާމިޔާބުކޮށްފައެވެ. އަދި 2030 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޯހޯސްޓް ކުރާ އެއް ޤައުމަކީ މޮރޮކޯ ކަމަށްވާއިރު، އެ މުބާރާތުގެ ފައިނަލް މެޗު ރަބާތުގައި ހުންނަ އާ ޕްރިންސް މައުލައި އަބްދުﷲ ސްޓޭޑިއަމްގައި ބޭއްވުމަށް އެ ޤައުމުން އުއްމީދު ކުރެއެވެ.
ރޭންކިންގެ އެހެން ބައެއް ޤައުމުތަކަށް ބަލާއިރު، ނެދަލެންޑްސް އިން ވަނީ ގްރީސް އަތުން 7-0 އިން މޮޅުވި ނަމަވެސް، އޭގެ ދުވަސްކޮޅެއް ފަހުން ޖަރުމަނު އަތުން 5-0 އިން ބަލިވެފައެވެ. މި ނަތީޖާތަކާއެކު ވެސް ނެދަލެންޑްސް އޮތީ ރޭންކިންގްގެ 9 ވަނައިގައެވެ. ދިހަވަނައިގައި ކޮލަމްބިއާ އޮތްއިރު، މާކް ވެން ބޮމެލްގެ ކޯޗުކަމުގެ ދަށުން ކުޅޭ ބެލްޖިއަމް ވަނީ އަށެއްގައި އޮތް މަޤާމު އިތުރަށް ވަރުގަދަކޮށްފައެވެ.
ދުނިޔޭގެ އެއްވަނައިގައި އަދިވެސް އޮތީ ސްޕެއިންއެވެ. ނަމަވެސް މިދިޔަ ހަފްތާގައި މެޑްރިޑްގައި އިންގްލެންޑް އަތުން 3-2 އިން ބަލިވެ، ބަލިނުވެ 43 މެޗު ހަމަކުރުމަށްފަހު އެ ޓީމުގެ ރެކޯޑު ވަނީ ނިމުމަކަށް އައިސްފައެވެ. ދެވަނައިގައި އޮތީ ނިކޯ ޕާޒް ދާއިމީކޮށް 10 ނަންބަރު ޖާޒީގައި ފެންނާނެ ކަމަށް ބެލެވޭ ވޯލްޑް ކަޕްގެ ރަނަރަޕް އާޖެންޓީނާއެވެ. ތިންވަނައިގައި ފްރާންސް އޮތްއިރު، ހަތަރުވަނައިގައި އޮތީ އިންގްލެންޑެވެ.
ފީފާ އިން ދުނިޔޭގެ ރޭންކިންގް ކަނޑައަޅަނީ "އީ.އެލް.އޯ" (ELO) މޮޑެލް ބޭނުންކޮށްގެންނެވެ. މި ނިޒާމުގެ ދަށުން ޓީމުތަކަށް ޕޮއިންޓް އިތުރުވަނީ ނުވަތަ އުނިވަނީ ކުޅޭ މެޗުތަކުގެ ގޮތުންނެވެ. މިގޮތުން ޕޮއިންޓް ހިސާބުކުރުމުގައި ޓީމުތަކުގެ ފެންވަރާއި، މެޗުގެ މުހިންމުކަމާއި، މެޗުގެ ނަތީޖާ އަދި ނުކުންނާނެ ކަމަށް ލަފާކުރެވުނު ނަތީޖާއަށް ރިއާޔަތްކުރެވެއެވެ. ރޭންކިންގްގެ ފުރިހަމަ ތަފްސީލު ފީފާގެ ރަސްމީ ވެބްސައިޓުން ފެންނަން ހުންނާނެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.