ގައުމީ ބީޗް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ބައިގެ ތަށި އަހުމަދު މުހައްމަދާއި ޝަމާއިލް ހުސައިންގެ ޕެއާ އުފުލައިލިއިރު، އަންހެން ބައިގެ އެއްވަނަ ހާސިލުކުރީ އައިމިނަތު އަރީޝާ އަދި ފާތިމަތު އަނާލްގެ ޕެއާއެވެ.

މި ދެ ޕެއާއަކީ މި ފަހަރު ބޭއްވި ލީގު ބުރުގެ ވެސް އެއްވަނަ ހޯދި ޓީމުތަކެވެ.

ބުދަ ދުވަހު ކުރިއަށްދިޔަ ގައުމީ މުބާރާތުގެ ކުޅުމުގައި، ފިރިހެން ޑިވިޝަނުގެ ފައިނަލުން އަހުމަދާއި ޝަމާއިލް ފުރުސަތު ހޯދީ ފުރަތަމަ ސެމީ ފައިނަލުގައި ރިމާޒާއި އިޔާންގެ ޕެއާއާ ވާދަކޮށް 2-1 ސެޓުން މޮޅުވެގެންނެވެ. އެ މެޗުގެ ސެޓުތައް ނިމުނީ 21-23، 21-08 އަދި 16-14 އިންނެވެ.

އިޝްތިހާރު އިޝްތިހާރު

ފައިނަލް މެޗުގައި އަހުމަދާއި ޝަމާއިލް ވާދަކުރީ އަލީ އާމިރާއި މުހައްމަދު ޝާއިންގެ ޕެއާއާއެވެ. މި ކުރިމަތިލުމުގައި ފުރަތަމަ ސެޓު ގެއްލުނު ނަމަވެސް، ފަހަތުން އަރައި އަހުމަދާއި ޝަމާއިލް ވަނީ 2-1 ސެޓުން މެޗު ކާމިޔާބުކޮށްފައެވެ.

އިންތިހާއަށް ވާދަވެރިވި ފުރަތަމަ ސެޓު 19-21 އިން ގެންދިޔައީ އަލީއާއި ޝާއިންގެ ޕެއާއެވެ. ނަމަވެސް ވިދިގެން އައި ދެ ސެޓުގައި އަހުމަދާއި ޝަމާއިލްގެ ފަރާތުން ފެނުނީ މޮޅު ކުޅުމެކެވެ. އެގޮތުން އެ ދެ ސެޓު އެ ޕެއާއިން ފަސޭހަކަމާއެކު ނިންމައިލީ 21-12 އަދި 15-5 އިންނެވެ.

މި ނަތީޖާއާއެކު، ބީޗް ވޮލީ ސީޒަނުގެ މުހިންމު ތިން މުބާރާތް ކަމަށްވާ އެސޯސިއޭޝަން ކަޕާއި، ގައުމީ ލީގު އަދި ގައުމީ މުބާރާތް ވެސް ކާމިޔާބުކޮށް އަހުމަދާއި ޝަމާއިލް ވަނީ ބޮޑު ކާމިޔާބީއެއް ހޯދައިފައެވެ.

އަންހެން ޑިވިޝަނަށް ބަލާއިރު، އަރީޝާއާއި އަނާލްގެ ޕެއާއިން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ހައްވާ ރާޝިދާއާއި އައިޝަތު މާޖިދާގެ ޕެއާއާ ބައްދަލުކޮށް، ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ސެޓުތައް ދިޔައީ 21-11 އަދި 21-17 އިންނެވެ.

ގައުމީ މުބާރާތުގެ އިތުރުން އަރީޝާއާއި އަނާލްގެ ޕެއާއިން ވަނީ ގައުމީ ލީގު ވެސް ކާމިޔާބުކޮށްފައެވެ. ސީޒަނުގެ ވީއޭއެމް ބީޗް ވޮލީކަޕްގެ ތަށި ހޯދީ ހައްވައާއި މާޖިދާގެ ޕެއާއެވެ.